ވިކްޓްރީގެ ޑިފެންޑާ ސޮބާހް މުހަންމަދު ޓްރާންސްފާ މުއްދަތުގައި ވިކްޓްރީ ނޫން އެހެން ޓީމަކަށް ދާން ބޭނުންވެގެން ރިލީޒް ހޯދުމަށް އެދިފައިވާ އިރު ސޮބާއަށް ރިލީޒް ނުދޭން ވިކްޓްރީން ނުވިސްނާ ކަމަށާއި ނަމަވެސް ރިލީޒް ދޭނީ އޭނާ ދެން ބަދަލުވާ ޓީމެއް އެނގުމުން ކަމަށް ވިކްޓްރީން ބުނެފި އެވެ.

ވިކްޓްރީގެ މެނޭޖަރު އަޙްމަދު އަޔާޒް ރަޝީދު (އަޔާ) ބުނީ ސޮބާއަށް ދިނުމުގައި ބަލަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އެމައުލޫމާތު ސޮބާ ކުލަބާ ޙިއްސާ ކޮށްފި ނަމަ ރިލީޒްދޭން ތައްޔާރަށް އޮތް ކަމަށެވެ.

"އަހަރެމެން ބޭނުން ސޮބާ ރިލީޒް ހޯދައިގެން ދަނީ ކޮން ކުލަބަކަށްކަން އެނގެން. އެހެން މިބުނީ އަހަރެމެންނާ ވާދަވެރި ބޮޑު ކުލަބަކަށް އޭނާ ބަދަލުވާ ނަމަ އަހަރެމެން ވެސް ވިސްނަން ޖެހޭ ކަންތައްތަކެއް ހުންނާނެ. އަދި ސޮބާއަށް ރިލީޒް ދޭނީ އެކުލަބާއި އަހަރެމެންނާ ވެސް ވާހަކަ ދެކެވިގެން،" އަޔާޒް ބުންޏެވެ.

އަޔާ ބުނީ ސޮބާ ފިޔަވައި އެހެން ކުޅުންތެރިޔަކު މިހާތަނަށް ރިލީޒް ހޯދަން އެދިފައި ނެތް ކަމަށެވެ. ވިކްޓްރީން ރިލީޒް ހޯދަން ސޮބާ އެދިފައި ވަނީ އޭނާ ޓީމަށް ނޭރުވުމުން ކުޅުން ގެއްލޭތީ ކަމަށް ބުނެފަ އެވެ. އަދި ކުލަބުން ދޭން އެއްބަސްވެފައިވާ މުސާރަ ދިނުމުގައި ވެސް މައްސަލަތަކެއް ހުރި ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް އަޔާ ބުނީ ސޮބާ އެބުނާ ހުރިހާ ވާހަކަތަކަކީ ތެދު ނޫން ކަމަށާއި ކުލަބާ ސޮބާއާ އެއްވެސް ކަހަލަ މައްސަލައެއް ޖެހިފައި ނެތް ކަމަށެވެ.

ރާއްޖޭގެ ގައުމީ ޓީމަށް ވެސް މެދުނުކެނޑި ގިނަ ދުވަސްތަކެއް ވަންދެން ކުޅެފައިވާ ސޮބާއަށް މިއަހަރު ވަނީ ގައުމީ ޓީމުން ވެސް ޖާގަ ގެއްލިފަ އެވެ. ވިކްޓްރީގެ ޓީމުން ވަރަށް މަދުން ނޫނީ މިއަހަރު ފުރުޞަތު ނުލިބޭތީ ގައުމީ ޓީމުން ޖާގަ ގެއްލިފައިވާ ސޮބާ ބުނެފައި ވަނީ އޭނާ ބޭނުން ވަނީ ކުޅެން ފުރުޞަތު ލިބޭ ޓީމަކަށް ގޮސް އަލުން ކުރީގެ ކުޅުމުގެ ތެރެއަށް އަންނަން ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވިކްޓްރީން ރިލީޒް ލިބިއްޖެ ނަމަ ސޮބާ ދެން ބަދަލުވުން އެންމެ ކައިރީ އޭނާ އެންމެ ފަހުން ކުޅުނު ކުލަބު ކަމުގައިވާ ނިއުރޭޑިއަންޓަށެވެ. ނިއުގެ އިތުރުން މާޒިޔާއިންވެސް ސޮބާގެ އެހީއަށް އެދިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.