26 Oct 2016, 23:42
ދީނީ ތަގުރީރު ދެއްވާ ދުނިޔޭގެ މަޝްހޫރު އިސްލާމީ އިލްމުވެރިއެއް ކަމަށްވާ އިސްމާއިލް މުފްތީ މެންކާ އެކު އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ "އިލްމު ޓޯކް" ގައި އާއްމުންނަށް ވެސް ބައިވެރިވެވޭނެ ކަމަށް އެ ހަރަކާތް އިންތިޒާމު ކުރާ ޖަމިއްޔަތުން ރަހްމާއިން ބުނެފި އެވެ.
އެ ކޮންފަރެންސްް އާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިލްމު ޓޯކްގެ ސްޕޯކްސް ޕާސަން އަހްމަދު ހާޝިމް ވިދާޅުވީ އާއްމުންނަށް ހުޅުވާލައިގެން އިމްލުޓޯކު މިއަހަރު ބާއްވާނީ އަންނަ މަހުގެ 18 ވަނަ ދުވަހުގެ ރޭ 20.30 ގައި އިސްލާމީ މަރުކަޒުގެ ހޯލުގައި ކަމަށެވެ.
އޭނާ ވިދާޅުވީ އިލްމުޓޯކުގައި މުފްތީ މެންކް ތަގުރީރު ކުރައްވާނީ "އެއް މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށް އޮންނަ ހައްގުތަކާ" ބެހޭ ގޮތުން ކަމަށެވެ.
"2015 ވަނަ އަހަރު ކޮންފަރެންސް އަށް އަޅުގަނޑުމެންނަށް ވަރަށް ހޫނު ތަރުހީބެއް ލިބިގެން ދިޔަ. އެހެންކަމުން އަޅުގަނޑުމެން މިއަހަރު އިލްމު ޓޯކް 2016 ގެ ނަމުގައި މި ބާއްވާ ހަރަކާތް އަޅުގަނޑުމެން ބާއްވަން ނިންމައި އާއްމުންނަށް ހުޅުވާލައިގެން،" އޭނާ ވިދާޅުވި އެވެ.

މަޝްހޫރު އިސްލާމީ އިލްމުވެރިޔާ މުފްތީ މެންކާ.
ޖަމިއްޔަތުއް ރަހުމާއިން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ގައުމީ ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަންގެ ރައީސް އަލީ ރަޝީދު ވިދާޅުވީ އެ ޔޫނިއަންގެ ފުރިހަމަ އެއްބާރުލުން މިއަހަރު ބާއްވާ "އިލްމުޓޯކް"އަށް ލިބޭނެ ކަމަށެވެ.
އަލީ ރަޝީދު ވިދާޅުވީ މިދިޔަ އަހަރު ބޭއްވި ކޮންފަރެންސުގައި ވެސް ޔުނިވާސިޓީގެ ދަރިވަރުން ބައިވެރި ވެފައިވާ ކަމަށާއި، އެ ކޮންފަރެންސަކީ ވަރަށް ވަރުގަދަ އިލްމީ ހަރަކާތެެއްކަން ޔަގީންވެފައިވާ ކަމަށެވެ.
"މިދިޔަ އަހަރުގެ އިލްމު ޓޯކް ކޮންފަރެންސް އިން އެނގިގެންދިޔައީ އިލްމު ޓޯކް އަކީ ޒުވާނުންނަށާއި ހާއްސަކޮށް ކިޔަވާ ކުދިންނަށް ބޭނުންވާނެ ވަރަށް ގިނަ އިލްމު ތަކެއް ލިބޭ އެއްޗެއްކަން،" އަލީ ރަޝީދު ވިދާޅުވި އެވެ.
ޝެއިހް މުފްތީ ވަނީ އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދިޔަ "ދަ މެސެޖް ޕްރޮގްރާމް"ގެ ތެރެއިން މިދިޔަ އަހަރުގެ އޭޕްރިލް މަހު ވެސް ރާއްޖެ ވަޑައިގެން ދަރުހެއް ދެއްވާފަ އެވެ.
މިއަހަރުގެ އިލްމު ޓޯކް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުންނާއި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުގެ އިތުރުން މޯލްޑިވިއަން ޔޫތު ލީގު ގުޅިގެންނެވެ.
އިލްމު ޓޯކް 2015 ގައި ރާއްޖޭން ބޭރުގެ ޝެއިހުންނާއި އުސްތާޛުންގެ ތެރެއިން 15 ބޭފުޅުން ބައިވެރިވެފައިވެ އެވެ.