ގެދޮރު އިމާރާތް ކުރުމާއި މަރާމާތުކުރުމުގެ އިތުރުން ގެދޮރުވެރިކަމުގެ ދާއިރާ ފުޅާ ކުރުމަށް ސައުދީ ބޭންކުތަކުން ދެމުން އައި ލޯނުތައް ދިނުން ފަސް ކުރުމަށް އެ ގައުމުގެ މަރުކަޒީ ބޭންކުން އަންގައިފި އެވެ.

އެ ގައުމުން މިގޮތަށް ނިންމާފައި ވަނީ އެގައުމަކީ ތެލުން ލިބޭ އާމްދަނީއަށް ބަރޯސާވާ ގައުމަކަށް ވެފައި ދުނިޔޭގެ މާކެޓުގައި ތެލުގެ އަގު ދަށަށް ގޮސްފައިވާތީ އެގައުމުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރު މުވައްޒަފުންނަށް ދެމުން އަންނަ އެލަވަންސްތައް ކަނޑާލުމާ ގުޅިގެންނެވެ.

އިގްތިސާދީ މާހިރުން ބުނެފައިވާ ގޮތުގައި އެލަވަންސްތައް ކަނޑާލުމުން ބައެއް ފަރާތްތަކަށް ލޯނު އަދާ ކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭނެ އެވެ. އަދި އެ ބަދަލާ ގުޅިގެން ސަރުކާރު މުވައްޒަފުންގެ މުސާރަ 20 ޕަސެންޓު މަދުވާނެ ކަމަށް ވެސް އެފަރާތްތަކުން ހާމަ ކުރެއެވެ.

މަރުކަޒީ ބޭންކުން މިކަން އެންގުމަށް ނެރުނު ބަޔާނުގައި އެ ބޭންކުން ވަނީ މުވައްޒަފުންގެ އެލަވަންސް ކުޑަކުރުމާ ގުޅިގެން ކަސްޓަމަރުން ލޯނު ނެގުމުން މާލީ ގޮތުން އެފަރާތްތަކަށް ލިބޭނެ ގެއްލުމާއި ކުރާނެ އަސަރު ރަނގަޅަށް ކިޔައިދިނުމަށް އިލްތިމާސްކޮށްފައެވެ.