މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އުރީދޫއިން ރާއްޖޭގައި ހިންގާ ކުންފުނީގެ އާމްދަނީ 38 ޕަސެންޓު އިތުރުވެފައިވާ ކަމަށް އުރީދޫ ގްރޫޕުން ހާމަކޮށްފި އެވެ.

ގަތަރުގެ އުރީދޫ ގްރޫޕުން އާއްމުކޮށްފައިވާ އެ ގުރޫޕުގެ މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެ މުއްދަތުގައި އެ ގްރޫޕުން ރާއްޖޭގައި ހިންގާ ކުންފުނީގެ އާމްދަނީއަކީ 23.8 މިލިއަން ކުވޭތު ދީނާރެވެ. ނުވަތަ 1.2 ބިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަސް ތެރޭގައި އެކުންފުންޏަށް ލިބިފައިވަނީ 883 މިލިއަން ރުފިޔާއެވެ. މިއަހަރުގެ މިހާތަނަށް ލިބިފައިވާ އާމްދަނީގެ މިންވަރު 38 ޕަސެންޓު އިތުރުވެފައިވާއިރު ރާއްޖޭގައި އުރީދޫ ބޭނުންކުރާ މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.

އެގޮތުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އުރީދޫގެ ރާއްޖޭގެ ކުންފުނީގެ ކަސްޓަމަރުންގެ އަދަދު ވަނީ ހަތަރު ލައްކައަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު އެކުންފުނީގެ ކަސްޓަމަރުންގެ އަދަދު އިތުރުވި މިންވަރާ އަޅާބަލާއިރު 14 ޕަސެންޓު އިތުރު އަދަދެކެވެ.

އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގައި ފުޅާ ދާއިރާގައި މުވާސަލާތީ ޚިދުމަތް ދެމުން އަންނަ މަލްޓިނޭޝަނަލް ކުންފުންޏެވެ. އުރީދޫއިން ރާއްޖޭގައި ޚިދުމަތްދޭ ފުރަތަމް ފެށީ ވަތަނިއްޔާގެ ނަމުގައި 2005 ވަނަ އަހަރުގަ އެވެ. ވަތަނިއްޔާ، އުރީދޫއަށް ރިބްރޭންޑުކޮށްފައި ވަނީ 2013 ވަނަ އަހަރުގަ އެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ ޓެލެކޮމް ކުންފުނި އުރީދޫ މޯލްޑިވްސް، ޕަބްލިކް ލިމިޓެޑް ކުންފުންޏެއްގެ ގޮތުގައި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި މިހާރު ވަނީ ލިސްޓުކޮށްފަ އެވެ. އަދި އަންނަ އަހަރުގެ ތެރޭގައި އާންމުންނަށް ހިއްސާ ވިއްކަން އެ ކުންފުނިން ފަށާނެއެވެ.