26 Oct 2016, 21:02
ރާއްޖޭގެ ހާލަތާ ދޭތެރޭގައި ކުރިން ބޭރުގެ ގައުމުތަކުން ދެކެމުން އައި ގޮތް ބަދަލުވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އެހެން ވިދާޅުވީ ޓެރަރިޒަމާއި ހައްދުފަހަނަ އަޅައި ދިއުން ހުއްޓުވުމަށް ރާއްޖޭގައި ބޭއްވި ބައިނަލް އަގުވާމީ ބައްދަލުވުން ނިންމަވާލެއްވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުންނެވެ.
ކުރުނބާ މޯލްޑިވްސްގައި އިއްޔެއިން ފެށިގެން މިއަދަށް ބޭއްވި ސެމިނާ ބައްދަލުވުން ނިންމަވާ ލެއްވުމަށްފަހު މިނިސްޓަރު ވިދާޅުވީ އެ ސެމިނާގެ ސަބަބުން ރާއްޖޭގެ ހާލަތާ ދޭތެރޭ، ހާއްސަކޮށް ޓެރަރިޒަމަށް މަގުފަހިވާ ކަންތައްތަކުގައި ކުރިން ބޭރުގެ ފަރާތްތަކުން ރާއްޖެއާ ދޭތެރޭ ދެކެމުން އައި ގޮތް ވަރަށް ބޮޑަށް ބަދަލުވެގެން ގޮސްފައިވާ ކަމަށެވެ. އަދި ދުނިޔޭގެ އެއްވެސް ގައުމަކީ ހައްދު ފަހަނަ އަޅައި ދިއުމާއި ޓެރަރިޒަމްގެ އަމަލުތަކުން މުޅިން ސަލާމަތްވެ ބަރީއަވެފަ އޮތް ގައުމުތަކެއް ނޫން ކަމަށެވެ.
"މި ކޮންފަރެންސް ހިނގަމުން ދިޔަ އިރު ފާހަގަ ކުރެވުނު އަނެއް ކަމަކީ ރާއްޖޭގެ ހާލަތާ ދޭތެރޭ ކުރިން ބޭރުގެ ގައުމުތަކުން ދުށް ގޮތާ މިހާރު ދިވެހިރާއްޖެއާ ދޭތެރޭ ދެކޭގޮތް ވެސް، ހާއްސަކޮށް ހައްދުފަހަނައަޅައި ދިއުމާ އަދި ޓެރަރިޒަމަށް މަގުފަހިވާ ކަންތައްތައް ކުރުމުގައި ދެކޭ ގޮތް ކުރިއަށްވުރެ ވަރަށް ބޮޑުތަން ބަދަލުވެގެން ދިޔަކަން،" މިނިސްޓަރު ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވީ ހައްދުފަހަނައަޅައި ދިއުމާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމުގައި އެހެން ގައުމުތަކުންވެސް ބަލައިގަންނަ ގޮތަކަށް ރާއްޖެއިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ މަސައްކަތުގެ ނަތީޖާއަކީ ސަރުކާރުން އެކަމަށް ދޭ އަހައްމިއްޔަތުކަން ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
ޓެރަރިޒަމާއި ހައްދު ފަހަނައަޅައިދިއުން ރާއްޖެއިން ނައްތާލުމަށް ބައިނަލް އަގްވާމީ ފަރާތްތަކުގެ ތަޖުރިބާ ހިއްސާ ކުރުމަށް ބޭއްވި ސެމިނާގައި 13 ގައުމަކުން ބައިވެރިވެފައިވެ އެވެ. އެ ސެމިނާގައި ރާއްޖޭގެ މުއައްސަސާތަކާއި ބޭރުގެ ފަރާތްތަކުން ޖުމްލަ 58 ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި، އެމްއެންޑީއެފް، ޕޮލިސް، އެޓާނީ ޖެނެރަލްގެ އޮފީސް، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް، އިސްލާމިކް މިނިސްޓްރީ، ފޮރިން އެފެއާޒް ގެ އިތުރުން ކަސްޓަމްސް އާއި އިމިގްރޭޝަން ހިމެނެ އެވެ.
އެ ސެމިނާގައި ދައުލަތުގެ ބާރުތައް ބޭނުން ކުރުމާއި، ސަލާމަތީ ކަންކަމާ ގުޅޭ ހުރިހާ ދާއިރާއެއް ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމު ކަމާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.