26 Oct 2016, 18:58
ގައުމީ ވޮލީޓީމުގެ ޓްރެއިނަރަކަށް ޝްރީލަންކާގެ ގައުމީ ވޮލީ ޓީމުގެ ކުރީގެ ކޯޗު ސިސަރަ ކުމާރަ ވެންޑަކުން ހަމަޖައްސައިފި އެވެ.
ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފު ވިދާޅުވީ ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ވީއޭއެމްއިން ލަންކާއަށް ކުރި ދަތުރުގައި ވެންޑަކުންއާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި އަންނަ މަހު ދެ ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އެގްޒިބިޝަން މެޗު ބާލާލުމަށް އޭނާ މާލެ އަންނާނެ ކަމަށެވެ.
"އެގްޒިބިޝަން މެޗު ބަލާލުމަށް ފަހު އެނބުރި ލަންކާއަށް ގޮސްފައި 18 ނޮވެމްބަރ ގައި މާލެ އައިސްފަ ކުޅުންތެރިން އެނަލައިސް ކުރުމުގެ މަސަތްކަތް ކުރިއަށް ގެންދާނެ،" ލަތީފު ވިދާޅުވިއެވެ.
ވެންޑަކުންގެ އިރުޝާދުގެ ދަށުން ލަންކާގެ ގައުމީ ޓީމު ވަނީ މިއަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ ފައިނަލަށް ދަތުރުކޮށް ދެވަނަ މަގާމު ހޯދާފައެވެ.
ވެންޑަކުންގެ އެންމެ ފުރަތަމަ މަސައްކަތަކަށް ވާނީ އަންނަ ޑިސެމްބަރު މަހު ފަހުކޮޅު ބަންގުލަދޭޝްގެ ޑާކާގައި ބާއްވާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ދިވެހި ޓީމު ތައްޔާރުކުރުމެވެ.
ލަތީފު ވިދާޅުވީ އަންނަ މަހު ދެވަނަ ދުވަހު ފަށާ ގައުމީ މުބާރާތް ނިންމާލުމަށްފަހު ޓީމަށް ކޯޗަކު ހަމަޖެއްސުމުގެ މަސަތްކަތް ކުރާނެ ކަމަށާއި ކޯޗަކަށް ހަމަޖައްސާނީ ދިވެއްސެއް ކަމަށެވެ.
ލަތީފު ވިދާޅުވީ ގައުމީ ލީގަށް ފަހު ގައުމީ ޓީމު ލަންކާގައި ކޭމްޕްކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ނޮވެމްބަރު 25 އިން ޑިސެމްބަރު 17 އަށް ލަންކާގެ ޓީމުތަކާ އެކު އެކުވެރިކަމުގެ ހަތް މެޗު ކުޅުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
ކޭމްޕް ނިންމާލުމަށް ފަހު އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކުރުމަށް ޑިސެމްބަރު 19 ވަނަ ދުވަހު ގައުމީ ޓީމު ބަންގްލަދޭޝް އަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.