11 Jun 2011, 11:00
ހުޅުމާލޭގެ ގެއެއްގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން ބިދޭސީއަކު ބަންދުކޮށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަންފަށައިފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ އިރާކޮޅު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭ ބަލައި ފާސްކުރަމުން ދިޔުމުގެ ތެރޭގައި އެ ބިދޭސީ މީހާ ފެނިފައި ވަނީ ހަދަމުން ދިޔަ އިމާރާތެއްގެ ތެރޭގައި ހައްޔަރުކޮށްފައި އޮއްވާ ކަމަށެވެ. އަދި އެ މައްސަލަ އާ ގުޅިގެން ނުވަ ބިދޭސީ އަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުޅުމާލެ އިން ވާހަކަ ދެއްކި މީހަކު ބުނީ އުމުރުން ގާތްގަނޑަކަށް 30 އަހަރަށްދާ ބިދޭސީ މީހާ ފުލުހުން ސަލާމަތް ކުރި އިރު ހުރީ އަތާއި ފައި ބަނދެ އެކޮޅުކޮޅުން އެލުވާފައި ކަމަށާއި ހަށިގަނޑުގެ ބޭރުފުށުން ޒަހަމްތައް ފެންނަން ހުރިކަމަށެވެ. އަދި އެ މީހާ އެލުވާފައި ހުރި އިރު އޭނާގެ ހޭވެސް ނެތް ކަމަށް ނޫހުގައި ނަން ޖަހަން ބޭނުންނުވާ އެ މީހާ ބުންޏެވެ.