26 Oct 2016, 16:39
ބަންޖުލް(އޮކްޓޯބަރ 26): ދުނިޔޭގައި ހިންގާ ބޮޑެތި ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު އަމަލުތައް ބަލައި ތަހްގީގުކޮށް ހުކުމްކުރާ ބައިނަލްއަގްވާމީ ކޯޓު ކަމަށްވާ ބައިނަލްއަގްވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން ވަކިވުމަށް އެފްރިކާގެ އެހެން ގައުމެއްކަމަށްވާ ގެންބިޔާއިންވެސް ނިންމައިފިއެވެ.
ގެންބިޔާގެ ކެބިނެޓްގައި މިކަމާބެހޭގޮތުން މަޝްވަރާ ކުރުމަށްފަހު ނިންމާފައިވަނީ އައިސީސީން ވަކިވުމަށެވެ. ކެބިނެޓްގެ ބައްދަލުވުމަށްފަހު އެގައުމުގެ ރައީސް ޔަހްޔާ އަބްދުލްއަޒީޒް ޖަންމޭ ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ، އައިސީސީ އަކީ އިންސާފުން އެއްކިބާވެފައިވާ ކޯޓެއްކަމަށާއި އެކޯޓުގެ މުއާހަދާގައި ދެމިއޮތުމަކީ އެގައުމަށާއި އެގައުމު ނިސްބަތްވާ އެފްރިކާގެ އެހެންގައުމުތަކުގެ މަސްލަހަތަށް ނުރައްކާވާނެ ކަމެއްކަމުން އެކޯޓުގެ މުއާހަދާ ކަމަށްވާ ރޯމް ކޮންވެންޝަންއިން ވަކިވުމަށް ނިންމީ ކަމުގައެވެ.
މިނިންމުން ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ ލިޔެކިޔުމުގެ މަސައްކަތް ސަރުކާރުން ވަރަށް އަވަހަށް ކޮށް ނިންމާނެ ކަމަށްވެސް ކެބިނެޓްގެ ބައްދަލުވުމަށްފަހު ގެންބިޔާގެ ރައީސް ނެރުއްވި ބަޔާނުގައިވެއެވެ.
އެފްރިކާގެ ކުޑަ އިސްލާމީ ގައުމެއް ކަމަށްވާ ގެންބިޔާ އައިސީސީ ން މި ވަކިވީ އެފްރިކާގެ އެންމެ މުއްސަނދި އަދި އެންމެ ކުރިއަރާފައިވާ ގައުމު ކަމަށްވާ ދެކުނު އެފްރިކާއިން އެކޯޓުން ވަކިވުމަށް ނިންމިތާ ހައެއްކަ ދުވަސްފަހުންނެވެ. އައިސީސީ ން ވަކިވުމުގެ ހިއްވަރު ގެންބިޔާ އަށްލިބުނީ ދެކުނު އެފްރިކާގެ ނިންމުމުގެ ސަބަބުންކަމަށް މުރާސިލުން ބުނެއެވެ.
އައިސީސީ އަކީ ދުނިޔޭގައި ހިންގާ ބޮޑެތި ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު އަމަލުތައް ބަލައި ތަހްގީގުކުރުމުގެ ނަމުގައި ހުޅަނގުގެ ގައުމުތަކުން އިސްނަގައިގެން ބައިނަލްއަގްވާމީ ގޮތުން އުފައްދާފައިވާ ބާރުގަދަ ކޯޓެކެވެ. މިކޯޓުގެ މުއާހަދާގެ ގާނޫނީ ބާރު ކިތަންމެ ގަދަނަމަވެސް ދުނިޔޭގެ ގިނަ ގައުމުތައް އެކޯޓުގެ އަމުރުތަކަށް ތަބާނުވުމުގެ ސަބަބުން އެކޯޓަށް ވަނީ އެކޯޓުގެ ބާރު ކުދިގައުމުތަކަށް ދައްކާލެވޭގޮތް ނުވެފައެވެ.
އެފްރިކާގެ ގިނަ ގައުމުތައް ދެކޭގޮތުގައި ބައިނަލްއަގްވާމީ ޖިނާއީ ކޯޓަކީ އެފްރިކާގެ ގައުމުތަކުގެ ލީޑަރުންނަށް އަމާޒުކޮށް އެބޭފުޅުން ހިފައި ހައްޔަރުކޮށް ޝަރީޢަތްކޮށް ދިގުމުއްދަތަކަށް ޖަލަށްލުމަށް އުފައްދާފައިވާ ކޯޓެކެވެ. މިކަން އެނގެނީ ދުނިޔޭގައި ހިންގާ ބޮޑެތި ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު އަމަލުތަކުގެ ފަހަތުގައިވާ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގެ ލީޑަރުން އެއްފަރާތް ކުރުމަށްފަހު އެކޯޓުގެ އަމާޒު ނިކަމެތި އެފްރިކާގެ ލީޑަރުންނަށް ހިފަމުން ގެންދާތީއެވެ.
އައިސީސީން ވަނީ ސޫދާނުގެ ދާރުފޫރުގައި ހިނގަމުންދާ ނަސްލީ ތަޅާފޮޅުންތަކާ ގުޅިގެން ސޫދާނުގެ ރައީސް އުމަރުލްބަޝީރުގެ މައްޗަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގި ކަމަށް ތުހުމަތުކޮށް ބަޝީރު ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައެވެ. އަދި ކެންޔާގެ ރައީސް އޮހޯރޯ ކެންޔާޓާ ހައްޔަރު ކުރުމުގެ އަމުރެއްވެސް އެކޯޓުންވަނީ ނެރެފައެވެ. އަދި މީގެއިތުރުންވެސް އެފްރިކާގެ އެކިފެންވަރުގެ ލީޑަރުން ހައްޔަރުކުރުމުގެ އަމުރު އެކޯޓުން ނެރެފައިވެއެވެ.
ނަމަވެސް އަރަބި ބައެއް ގައުމުތަކާއި އޭޝިޔާގެ ބައެއް ގައުމުތަކާއި އެފްރިކާގެ ގައުމުތަކުންވަނީ އެއަމުރަކީ ބޭއިންސާފު އަމުރެއްކަމަށް ބަލައި ބަޝީރު ހައްޔަރު ކުރުމަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ނެރެފައިވާ އަމުރަށް ފާޅުގައި ގޮންޖަހައި ބަޝީރު ހައްޔަރު ކުރުމަށް ދެކޮޅު ހަދާފައެވެ. އަދި ކެންޔާޓާގެ މައްސަލާގައިވެސް އެފްރިކާގެ ގައުމުތައް ދެކޮޅު ހެދުމުން އައިސީސީން ވަނީ އޭނާ ހައްޔަރު ކުރުމުގެ އަމުރު އެންމެފަހުން ބާތިލްކޮށްފައެވެ.
އައިސީސީގައި ބައިވެރިނުވާ ގައުމުތަކުގެ ތެރޭގައި އެމެރިކާއާއި އުތުރުކޮރެޔާއާއި އިސްރާއީލާއި ސޫރިޔާ ފަދަ އިންސާނީ ހައްގުތަކަށް އަރައިގަންނަމުން ގެންދާ ގައުމުތައް ހިމެނެއެވެ. އެހެންކަމުން އެހަތަރު ގައުމުގެ ލީޑަރުން ހައްޔަރު ކުރުމުގެ އަމުރު ނެރުމުގެ ހައްގު އެކޯޓަކަށް ނޯވެއެވެ. އައިސީސީ އަށް ހުށަހެޅޭނީ އެކޯޓުގެ މުއާހަދާގައި ބައިވެރިވާ ގައުމެއްގެ މައްސަލަ އެކަންޏެވެ. އެކޯޓުގައި ބައިވެރިނުވާ ގައުމެއްގެ މައްސަލައެއް ހުށަހަޅަންޖެހިއްޖެނަމަ ހުށަހެޅޭނީ އދ.ގެ ސަލާމަތީ މަޖިލީހުގެގަރާރަކުން އެކަމެއް ފާސްކޮށްގެންނެވެ. ސަލާމަތީ މަޖިލީހުގައި ހިމެނޭ އެމެރިކާއާއި ޗައިނާއާއި ރަޝިޔާއާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތަކީ ވީޓޯ ކުރުމުގެ ހައްގު ލިބިފައިވާ ގައުމުތައް ކަމުން އެގައުމުތަކުގެ ލީޑަރުންގެ މައްޗަށް ދައުވާކުރުމުގެ ފުރްސަތު އައިސީސީ އަކަށް ނޯވެއެވެ. އަދި އެގައުމުތަކުގެ ތާއީދު އޮތް ގައުމެއްގެ ލީޑަރެއްގެ މައްޗަށްވެސް އެފަދަ އަމުރެއް ނެރުމުގެ ފުރްސަތެއް އައިސީސީ އަކަށް ނުލިބެއެވެ.
ބައިނަލްއަގްވާމީ ޖިނާއީ ކޯޓަކީ ބަލިކަށި އަދި ފަގީރު ގައުމުތަކުގެ ލީޑަރުންގެ މައްޗަށް ކުރެވޭ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ތުހުމަތުތައް ބަލައި ތަހްގީގް ކުރުމަށް އިސްކަންދީފައި އެމެރިކާއާއި ހުޅަނގުގެ ބާރުތަކާއި ރަޝިޔާ އާއި އިސްރާއިލުފަދަ ބާރުގަދަ ގައުމުތަކުގެ ލީޑަރުން ހިންގާކަމަށް ތުހުމަތު ކުރެވޭ ޖަރީމާތަކާއި އިންސާނީ ހައްގުތަކުގެ މައްސަލަތައް އަޅާނުލައި ދޫކޮށްލާ އިންސާފުނެތް ކޯޓެއް ކަމަށް ތުހުމަތު ކުރެވެއެވެ.
މިތުހުމަތުތަކުގެ ރައްދުގައި އެކޯޓުން ބުނަނީ ދުނިޔޭގެ ގައުމުތަކަކީ ބާރުގެ ގޮތުން ވަރަށް ތަފާތު ގައުމުތަކެއް ކަމަށްވާތީ އާއި ސަލާމަތީ މަޖިލީސް ފަދަ އދ.ގެ ބާރުގަދަ މަޖިލިސްތަކުގައި ބޮޑެތި ބާރުތަކަށް ވީޓޯގެ ބާރު ލިބިފައިވާތީ ބޮޑެތި ގައުމުތަކާ ދެކޮޅަށް ކުރެވޭނެ ކަމެއް އެ ކޯޓަށް ނޯންނަނީ ކަމުގައެވެ. ބައިނަލްއަގްވާމީ ފެންވަރުގައި އިންސާފު ގާއިމް ނުކުރެވެނީ މިކަމުގެ ސަބަބުންކަމަށްވެސް އެކޯޓުން ބުނެއެވެ.
ދެ ހާސް ބާރަ ވަނަ އަހަރު އުފެއްދި މިކޯޓު ވުޖޫދަށް އައީވެސް ފަގީރު އަދި ނިކަމެތި ގައުމުތަކުގެ ސޮއި އެކޯޓު އުފެއްދުމުގެ މުއާހަދާ ކަމަށްވާ ރޯމް ކޮންވެންޝަން އަށް ލިބިގެންނެވެ. ނަމަވެސް ބައިނަލްއަގްވާމީ ޖިނާއީ ކޯޓު ވުޖޫދަށް އައުމާ އެކު އެކޯޓުން ފަގީރު އަދި ކުދި ގައުމުތަކުގެ ލީޑަރުން ހިންގާ ޖަރީމާތަކުގެ މައްސަލަތައް ބެލުމާއި އެމެރިކާފަދަ މުއްސަނދި ބާރުގަދަ ގައުމުތަކުގެ ލީޑަރުން ހިންގާ ޖަރީމާތަކަށް ލޯމަރާލުމުގެ އުސޫލު ގެންގުޅެން ފެށުމުން ކުދި އަދި ފަގީރު ގައުމުތައް މިހާރުދަނީ އެކޯޓުގެ މުއާހަދާއިން ވަކިވަމުންނެވެ. ގެންބިޔާއާއި ދެކުނު އެފްރިކާގެ އިތުރުން އެފްރިކާގެ އެހެން ގައުމެއްކަމަށްވާ ބުރުންޑީ ވެސް ވަނީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ވަކިވެފައެވެ. އަދި އެފްރިކާގެ އެހެން ބައެއް ގައުމުތައްވެސް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ މުޢަހަދާއިން ވަކިވުމާމެދު ވިސްނަމުން ގެންދާކަން ވަނީ ހާމަކޮށްފައެވެ. (ނޫސްއެޖެންސީތައް)