26 Oct 2016, 15:55
އަންނަ އަހަރުގެ ޖެނުއަރީ 14 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާން އެދޭ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މާދަމާ ހެނދުނު 8:00 އިން ފެށިގެން ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ މެންދުރުފަހު 3:00އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ހުކުރު ދުވަސް ފިޔަވައި ކޮންމެ ބަންދު ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް ފޯމްތައް ބަލައިގަންނާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނުގައި ވެއެވެ.
ހަމައެހެންމެ ހުކުރު ދުވަހުގެ މެންދުރުފަހު 3:00 އިން ހަވީރު 5:00 އަށް ވެސް ފޯމް ބަލައިގަންނާނެ ކަމަށް އެ އިއުލާނުގައިވެއެވެ.
އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި ފޯމާ އެކު ހުށަހަޅަންޖެހޭ ތަކެތީގެ ނަމޫނާ އެ ކޮމިޝަންގެ އިތުރުން ރަށު އިލެކްޝަންސް ފޯކަލް ޕޮއިންޓުންނާއި އަތޮޅު އިލެކްޝަންސް ފޯކަލް ޕޮއިންޓުން ސިޓީ އިލެކްޝަންސް ފޯކަލް ޕޮއިންޓުން ލިބެންހުންނާނެ ކަމަށް ވެސް އެ އިއުލާނުގައިވެއެވެ. އަދި އެ ކޮމިޝަންގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
ވޯޓު ގުނުން އޮންނާނީ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުގެ ހަވީރު 4:30ގައި ކަމަށާއި އިންތިޚާބުގެ ރަސްމީ ނަތީނާ އިއުލާން ކުރުން އޮންނާނީ ޖެނުއަރީ 23 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:30 ގައި ކަމަށް އެ ކޮމިޝަނުން ބުންޏެވެ.