ހދ. މަކުނޫދޫއަށް 2017 ވަނަ އަހަރު ނިމުމުގެ ކުރިން ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ރައީސް ޔާމީން ވައުދުވެ ވަޑަައިގެންފި އެވެ.

ހދ. އަދި ށ. އަތޮޅަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން މަކުނުދޫއަށް ވަޑައިގެން ރައީސް ޔާމީން މިއަދު ވަނީ އެ ރަށުގެ މިސްކިތް ރަސްމީކޮށް ހުޅުވައިދެއްވައިފަ އެވެ.

މަކުނުދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އޮފިޑްގެ އެހީގައި މަކުނޫދޫއަށް ސާފު ބޯފެން ލިބުމުގެ އިންތިޒާމު 2017 ވަނަ އަހަރު ނިމެންވާއިރަށް ހަމަޖެހިގެންދާނެ ކަމަށެވެ. ސްޓޯރޭޖް ޓޭންކަކާ އެކު މީރުފެން އުފައްދާ އާރޯ ޕްލާންޓެއް މަކުނޫދޫއަށް ހަމަޖެއްސުމަށް ރައީސް ޔާމީން ވައުދުވެވަޑައިގެންނެވި އެވެ.

އޭގެ އިތުރުން ނަރުދަމާގެ ހިދުމަތް ވެސް މަކުނޫދޫގައި ގާއިމް ކޮށްދެއްވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. ރާއްޖޭގެ 55 ރަށުގައި ނަރުދަމާ ގާއިމް ކުރެވިގެންދާއިރު އޭގެ ތެރޭގައި މަކުނުދޫ ވެސް ހިމެނިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

"ނަރުދަމާގެ 55 ރަށުގެ މަޝްރޫއު ނިމިގެންދާ އިރު ކަށަވަރު ކުރައްވާ މަކުނުދޫއާ އަޅުގަނޑާ ދެން މިހާރު ވަރަށް ތިމާގެ މިވީ. އެހެންވީމާ މަކުނޫދޫއަކީ އިރާދަކުރެއްވިއްޔާ ނަރުދަމާ މަޝްރޫއުގެ ވަރަށް ކުރީގައި އުޅޭ ރަށެއް ކަމުގައި އަޅުގަނޑުމެން ހިމަނާނަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ހދ. އަދި ށ.ގައި ހިންގާ އިރުގެ ހަކަތައިން ކަރަންޓު ހޯދުމުގެ މަޝްރޫގައި މަކުނުދޫ ވެސް ހިމެނިފައިވާ ކަމަށް ވިދާޅުވެ ރައީސް ވަނީ 2017 ގައި އެ މަޝްރޫއު މަކުނުދޫގައި ފެށިގެން ދާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މަކުނުދޫ ސްކޫލުގައި އާ 10 ކްލާސްރޫމް އަޅުއްވައި ދެއްވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

މަކުނުދޫއަކީ ހދ. އަތޮޅުގެ ހުރިހާ ރަށަކާ ވެސް ވަރަށް ދުރުގައި އޮންނަ ރަށެކެވެ. މަކުނުދޫއިން ކުޅުދުއްފުއްޓަށް ދިއުމަށް ފެރީގައި ފަސް ގަޑިއިރު ހޭދަވެ އެވެ. ރައީސް ޔާމީން ވިދާޅުވީ ވަރަށް އަވަސް މުސްތަގްބަލެއްގައި މަކުނުދޫ އަދި ކުޅުދުއްފުއްޓާ ދެމެދު ދަތުރު ކުރުމަށް އެމްޓީސީސީ ފެރީއެއް ހަމަޖައްސައި ދެއްވާނެ ކަމަށެވެ.

އޭގެ އިތުރުން 2017 ވަނަ އަހަރު ނިމުމުގެ ކުރިން މަކުނުދޫގައި މަސް މާރުކޭޓެއް އަޅުއްވައި ދެއްވުމަށް ވެސް ރައީސް ޔާމީން ވަނީ ވައުދުވެ ވަޑައިގެންފަ އެވެ. މަސްވެރިންނަށް ފަސޭހަ ގޮތްތަކެއް އިންތިޒާމުކޮށް ދިނުމުގެ ގޮތުން މަކުނުދޫގައި އައިސް ޕްލާންޓެއް އެޅުއްވާނެ ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގައި މަސްވެރިކަން އެންމެ ރަނގަޅަށް އޮތް ފަސް ދާއިރާއެއްގައި އެންވެރިކަން އާލާކުރުމަށް ޓަކައި ފެށޭ އަހަރު މުޅިން އާ މަޝްރޫއުތަކެއް ފައްޓަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އެހާތަނަށް މަކުނުދޫގެ މަސްވެރިން ހިއްވަރު ކުރައްވައި މަސްވެރިކަން ރަނގަޅު ކުރެއްވުމަށް ރައީސް އެދިލެއްވި އެވެ.

"މަކުނުދޫގެ މަސްވެރިންނަށް ދަންނަވާލަން އޮތީ އައިސް ޕްލާންޓަކީ ހަމަ ވަރަށް ކުޑަކުޑަ އެއްޗެއް. އަޅުގަނޑުމެން ބަލާނަން އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު ވެސް މަކުނުދޫއަށް އައިސް ޕްލާންޓެއް ހަމަޖެހޭތޯ. އެއާއެކު އެންވެރިކަން އާލާކުރާ ރަށެއްގެ ގޮތުގައި މަކުނުދޫ ހިމެނިގެން ދިއުމަށް އަޅުގަނޑު އުންމީދުކުރަން،" ރައީސް ވިދާޅުވި އެވެ.

މަކުނުދޫ ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރު ހިދުމަތްދޭ ތަނަކަށް ފެށޭ މަހު ބަދަލުކުރައްވާނެ ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ އެހުރިހާ ކަމެއް މަކުނުދޫގެ ރައްޔިތުން ޝުކުރުވެރިކަމާ އެކު ބަލައިގަތުމަށް އެދޭ ކަމަށެވެ. އަދި މިއިން އެއްވެސް ކަމެއް ކޮށްދިނުމަށް ވައުދުވުމުގެ ކުރިން ވެސް މައުކުނުދޫގެ ރައްޔިތުން އެމަނިކުފާނުގެ މަސައްކަތަށް އާބަސް ވިދާޅުވެފައި ވާކަން ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުގެ ކޮޅުން އަޅުގަނޑު ދެންނެވި ވާހަކަތައް ހިފަހައްޓައިދޭނަން. ރައްޔިތުންގެ ފަރާތުން މިކަންކަން ހިފަހައްޓައިދެއްވައިފި ކަމަށްވަންޏާ މިކަންކަން ފުދިގެންދާނެ." ރައީސް ޔާމީން ވިދާޅުވި އެވެ.