ހަތިޔާރު އަޅައިގެން ތިބި ބަޔަކު އަފްޣާނިސްތާނުގެ 30 އާއްމުން ވަގަށް ނަގައި، އެމީހުން މަރާލައިފި ކަމަށް އެގައުމުގެ ގޯރު ޕްރޮވިންސުގެ ގަވަރުނަރު ވިދާޅުވެއްޖެ އެވެ.

އެހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައި ނުވި ނަމަވެސް ގޯރު ޕްރޮވިންސުގެ އޮފިޝަލުން ލަފާކުރާ ގޮތުގައި ހަމަލާ ދިނީ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިންނެވެ.

ގަވަރުނަރު ގުލާމް ނާސިރު ޚާޒީ ވިދާޅުވިގޮތުގައި އައިއެސްއިން 30 މީހަކު ވަގަށް ނެގުމާ ގުޅިގެން ފުލުހުން ވަނީ އެމީހުން ސަލާމަތް ކުރުމަށް ހާއްސަ އޮޕަރޭޝަނަށް ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް އެ އޮޕަރޭޝަނުގައި އައިއެސްގެ ކޮމާންޑަރަކު މަރާލުމާ ގުޅިގެން އެޖަމާއަތުން ބަދަލު ހިފުމުގެ ގޮތުން ވަގަށް ނެގި 30 މީހުން މަރާލީ އެވެ.

އެހަނގުރާމަވެރިން މަރާލި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

އައިއެސް ހަނގުރާމަވެރިން ދަނީ އަފްޣާނިސްތާނުގައި އިތުރުވެ، ބިން ހިފުމަށްޓަކައި އެގައުމުގައި އޮތް ތާލިބާނާ ވާދަ ކުރަމުންނެވެ. އެދެ ޖަމާއަތުން ވަނީ މިދިޔަ އަހަރު ހަނގުރާމަ އިއުލާންކޮށްފައެވެ. (ބީބީސީ)