26 Oct 2016, 14:10
ހދ. ކުޅުދުއްފުށީ ނަރުދަމާއިން މިހާރު ނަގަމުންދާ ފީ 100 ރުފިޔާއިން 30 ރުފިޔާއަށް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ނިންމަވައިފި އެވެ.
ހދ. މަކުނުދޫގައި ކުރިއަށްދާ ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ކުޅުދުއްފުށީގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ގޭބިސީތަކުން ނަރުދަމާއަށް ނަގާ ފީ ބޮޑުވުމުގެ ޝަކުވާ ކަމަށެވެ. ނަމަވެސް ފެށޭ މަހުން ފެށިގެން އެކަމަށް ހައްލެއް ގެނެސްދޭނެ ކަމުގެ ޔަގީންކަން ރައީސް ޔާމީން ވަނީ ދެއްވާފައެވެ.
"އިރާދަކުރެއްވިއްޔާ މިއަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި ފީ އަޅުގަނޑުމެން ކުޑަކުރާނަން. 100 ރުފިޔާއިން 30 ރުފިޔާއަށް ބަދަލުކުރާނަން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ހދ. އަދި ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ކުޅުދުއްފުއްޓަށް ވަޑައިނުގަންނަވައެވެ.
އިއްޔެ ހދ. އަތޮޅު ހިރިމަރަދުއަށް ވަޑައިގެން އެރަށުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައި ވަނީ ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނާފައިވާނެ ކަމަށާއި، އަންނަ އަހަރުގެ ތެރޭގައި ކުޅުދުއްފުށީގައި އެއާޕޯޓު އަޅައި، އެތަނުން ޚިދުމަތް ވެސް ދޭން ފަށާނެކަމަށެވެ.
ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށް ހަމަޖެހިފައި އޮތީ އެރަށު ކުޅި އޮންނަ ސަރަހައްދުގައެވެ. ކުޅިއާއި ތިމާވެއްޓަށް ލިބޭނެ ގެއްލުމާ ދެކޮޅަށް ގިނަ ބަޔަކު ދިޔައީ އަޑު އުފުލަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ، އޭރު ސަރުކާރުން ކުރި މަސައްކަތަށް އެއްބާރުލުން ލިބުނު ނަމަ، ކުޅުދުއްފުށީގައި މިހާރު ވެސް އެއާޕޯޓު ހެދިފައި އޮންނާނެ ކަމަށެވެ.
"އެކަމަކު އެ އެއްބާރުލުން އޭރުގެ ކައުންސިލުން ނުލިބުނު. އެހެން ނަމަވެސް މިހާރު ކުޅުދުއްފުށީ ކައުންސިލުން ގަބޫލުކުރޭ އަޅުގަނޑުމެން ހަދާގޮތަކަށް އެއާޕޯޓު ހަދަން ދޫކޮށްލަން ޖެހޭކަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ހދ. ކުޅުފުއްފުށީގެ އިތުރުން ށ. ފުނަދޫގައި ވެސް އެއާޕޯޓު އަޅާނެ ކަމަށެވެ. މި ދެ މަޝްރޫއު ހިންގުމުގެ ޕްލޭނަށް އިޝަރާތް ކުރައްވައި ރައީސް ސިފަކުރެއްވީ "އެއީ މިހާރު ނިމިފައި އޮތް ކަމެއް" ކަމެއްގެ ގޮތުގައެވެ.