26 Oct 2016, 14:23
އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ކޯސްޓްގާޑާއި ސްރީލަންކާގެ ކޯސްޓްގާޑު ގުޅިގެން ހިންގާ "ޓްރައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް ދޯސްތީ 13" މިއަދު ފަށައިފިއެވެ.
މިއަދުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ އެ އެކްސަސައިޒަކީ ރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ތިން ގައުމު ގުޅިގެން ހަރަކާތްތެރިވާނެ ގޮތްތައް ދަސްކުރުމުގެ މަގްސަދުގައި ބާއްވާ އެކްސަސައިޒެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
"އެކްސަސައިޒް ދޯސްތީ – 13" ފެށުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އެމްއެންޑީއެފުން ބުނީ އެ އެސްސަސައިޒްގެ އަމަލީ ފަރިތަކުރުންތައް ކުރިއަށްގެންދާނީ މާލެއާއި މާލެ ކައިރީ ކަނޑުގެ ސަރަހައްދުގައި ކަމަށެވެ. އެކްސަސައިޒްގައި އޮބްޒާވަރެއްގެ ގޮތުގައި ޝީޝެލްސްގެ އަސްކަރިއްޔާއިން ބައިވެރިވާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެކްސަސައިޒް ފެށުމުގެ ގޮތުން އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެވެ.
"އެކްސަސައިޒް ދޯސްތީ – 13" ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް އާއި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ޒުހައިރާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދާއި، އިންޑިއާ އާއި ސްރީލަންކާގެ ސަފީރުންނާއި ދައުލަތުގެ މުއައްސަސާތަކުގެ ބައެއް ބޭފުޅުންނާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި އެމްއެންޑީއެފް ކޯސްޓްގާޑާއި، އިންޑިއާ އާއި ސްރީލަންކާ ކޯސްޓްގާޑުގެ ސެއިލަރުން ބައިވެރިވިއެވެ.
"އެކްސަސައިޒް ދޯސްތީ – 13" ފެށުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އެކްސަސައިޒް ދޯސްތީ އަކީ 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރުން އެއް އަހަރު އިންޑިއާ އާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގަން ފެށި އެކްސަސައިޒެކެވެ. އެ އެކްސަސައިޒުގައި ސްރީލަންކާ ބައިވެރިވާން ފަށާފައި ވަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ.