11 Jun 2011, 10:47
ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ވާހަކަ ދެއްކުންތައް އިތުރުކުރުމަށް ޓަކައި ކޮމަންވެލްތުން ބާއްވާ ފުރަތަމަ ވޯކްޝޮޕް މި މަހު 13 ވަނަ ދުވަހު މާލޭގައި ފައްޓާނެ ކަމަށް ކޮމަންވެލްތުން ބުނެފި އެވެ.
ކޮމަންވެލްތު ސެކްރެޓަރީން ބުރާސްފަތި ދުވަހު ނެރުނު ޕްރެސް ރިލީސްގައި ބުނެފައި ވަނީ ކޮމަން ވެލްތު ސެކްރެޓޭރިއަޓް އާއި ކޮމަންވެލްތު ޕާލަމެންޓް ގުޅިގެން މި މަހު 13 އިން 15 އަށް މާލޭގައި ބާއްވާ ވޯކްޝޮޕްގައި ކޮމަން ވެލްތު ގައުމުތަކުގެ ސަރުކާރުގެ އޮފިޝަލުންނާއި ގާނޫނު ހަދާ މަޖްލިސްތަކުގެ މެމްބަރުން ބައިވެރިވެޑައިގަންނަވާނެ އެވެ.
މި ވޯކްޝޮޕްގެ ތީމަކީ ކޮންމަންވެލްތުން ބުނި ގޮތުގައި، ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ރޯލް އަދި ޒިންމާއަކީ ކޮބައިކަން ކަން ދެނެގަތުމެވެ.
"ސަރުކާރާއި އިދިކޮޅު ފަރާތްތައް" މިނަމުގައި ބާއްވާ ބައްދަލުވުމުގައި ކޮމަންވެލްތު ގައުމުތަކުގެ އޮބްޒާވަރުންނާއި ރެޕްރެޒެންޓެޓިވުން އަދި ސަރަހައްދީ ޖަމާއަތްތަކާއި ކޮމަންވެލްތާ ގުޅިފައިވާ ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވެސް ބައިވެރި ވާނެ ކަމަށް ކޮމަންވެލްތު ސެކްރެޓޭރިއަޓް ބުނެ އެވެ.
"ޒަމާންވީ ޑިމޮކްރަސީތަކާއި ފަހުގެ ޑިމޮކްރަސީތައް ހިމެނޭ ކޮމަން ވެލްތު އޭޝިޔާ ސަރަހައްދަކީ ކޮމަން ވެލްތުގައި ހިމެނޭ އެންމެ މީހުން ގިނަ ސަރަހައްދެވެ. ޑިމޮކްރެޓިކް ސަގާފަތް އާލާކުރުމަށާއި ސިޔާސީ އިޖުތިމާއީ ހަމަޖެހުން ގެނައުމަށް ޓަކައި ސަރުކާރާއި އިދިކޮޅު ފަރާތްތައް ރަނގަޅަށް ބައިވެވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއީ އެ ގައުމުތަކާއި އެ ގައުމުތަކުގެ ސަރަހައްދީ އިމުގެ ސިޔާސީ، އިޖުތިމާއީ ކުރިއެރުމަށްޓަކަ އެވެ." ކޮމަން ވެލްތުގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މަސެކްގޯއާ މަސިރެ މުވަމްބާ ވިދާޅުވި ކަމަށް ކޮމަން ވެލްތުން އާއްމުކުރި ބަޔާނެއްގައިވެ އެވެ.
ވޯކްޝޮޕް ހުޅުވައިދެއްވާނީ މުވަމްބާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު އަދި ސީޕީއޭގެ ރެޕްރެޒެންޓެޓިވް ކަމަށް ކޮމަންވެލްތުން ބުނެ އެވެ.
ކޮމަންވެލްތުން ބާއްވާ ވޯކްޝޮޕްގެ ބައިވެރިން އެ ބޭފުޅުންގެ އަމިއްލަފުޅު ތަޖުރިބާ ހިއްސާކުރައްވާނެ އެވެ.
މިވޯކްޝޮޕްގެ ބޭނުމަކީ ކޮމަންވެލްތު ގައުމުތަކުގައި ޑިމޮކްރަސީ ހަރުދަނާ ކުރުން ކަމަށް ކޮމަން ވެލްތުން ބުނެ އެވެ.