26 Oct 2016, 14:16
ސަރުކާރުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތައް އިތުރަށް ހަލުވިކުރުމަށް އަންނަ ކައުންސިލް އިންތިހާބުގައި ކޮންމެ ރަށެއްގައި ވެސް ޕީޕީއެމްގެ ކައުންސިލަރުން ބައިތިއްބުމަކީ އަމާޒަކަށް ހަދަންޖެހޭ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތާރިޤު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ށ. ކަނޑިތީމުގައި ގާއިމްކުރި ނަރުދަމާގެ ނިޒާމް ރަސްމީކޮށް އިފްތިތާހްކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި މިއަދު އެރަށަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ޕާޓީއަކީ ޕީޕީއެމް ކަމަށެވެ.
އެގޮތުން ރާއްޖޭގެ ކައުންސިލްތަކުގެ އަޣްލަބިއްޔަތު ހޯދައިގެން ރާއްޖެ ކުރިއަރުވާނެ ކަމަށާއި އެކަމަށް ކަނޑިތީމުގެ ކައުންސިލަށްވެސް ޕީޕީއެމްއަށް ނިސްބަތްވާ ތިން ކައުންސިލަރުން އިންތިހާބު ކޮށްދެއްވުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.
މިނިސްޓަރު ތާރިޤު ވިދާޅުވީ، ރައްޔިތުންނަށް ކުރިމަގުގައި މަންފާއާއި ލާބަ ލިބޭނެ ކަންތައްތަކަށް ވަރަށް ވަރުގަދަ ނިންމުންތަކެއް ރައީސް ޔާމީން ނަންގަވަމުން ގެންދަވާ ކަމަށެވެ. އަދި ސަރުކާރާއެކު ރައްޔިތުން ތިބި ނަމަ ރާއްޖެ ތަރައްގީ ކުރުމަށް ސަރުކާރުން ފޫގަޅާފައިވާ ފޫ މޮހެލާނީ އެ ތަރައްގީ ރައްޔިތުންނަށް ހޯދައިދީފައި ކަމަށް ވިދާޅުވި އެވެ.
"މިހާރު މަސައްކަތް ކުރަމުން މިދަނީ ފޫގަޅާލައިގެން. މަސައްކަތް މިކުރަނީ ތަރައްގީ އޭގެ އުސްމިނުގައި ހޯދައިދިނުމަށް ފޫގަޅާލައިގެން މަސައްކަތް ކުރަމުން މިދަނީ. އަޅުގަނޑުމެން އެ ފޫ މޮހެލާނީ ތިބޭފުޅުން ބޭނުންވާ ތަރައްގީ ހޯދައިދީފައި،" މިނިސްޓަރު ތާރިޤު ވިދާޅުވި އެވެ.
އަދި ވިދާޅުވީ، މިއަދުގެ ސަރުކާރަކީ ކަންތައް ކުރަން އިނގޭ، ވައުދުވެ ވައުދު ފުއްދާ ސަރުކާރެއް ކަމަށާއި ސަރުކާރުން ކުރައްވަމުން ގެންދަވާ ބޮޑެތި މަސައްކަތްތައް ރައްޔިތުން ބަލައިގަންނަންޖެހޭ ކަމަށެވެ.