ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ކުރިއަށް ގެންދާ ގައުމީ ވޮލީ ލީގު ފެށުމުގެ ކުރިން ގައުމީ ވޮލީ ޓީމާއި، ލީގުގައި ކުޅޭ ބިދޭސީ ކުޅުންތެރިންނާ ދެމެދު މެޗެއް ކުޅުމަށް ނިންމައިފިއެވެ.

ކުރިން، އަންނަ މަހު އެއްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އެ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު މިހާރު ވަނީ އަންނަ މަހުގެ ދެވަނަ ދުވަހަށް ބަދަލުކޮށް އެދުވަހު އެގްޒިބިޝަން މެޗު ކުޅުމަށް ނިންމައިފައެވެ.

ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފު ވިދާޅުވީ، ވޮލީ ބޯޅައިގެ ފޯރި އިތުރަށް ގަދަކުރުމުގެ ގޮތުން ކުޅޭވޭ އެގްޒިބިޝަން މެޗު ދެ ޑިވިޝަނަށް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އަންހެން އަދި ފިރިހެން ކުޅުންތެރިންނަށް ހާއްސަކޮށްގެން ދެ މެޗު ކުޅެވޭނެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ، ފިރިހެން ގައުމީ ވޮލީ ޓީމް އާއި ލީގްގައި ކުޅޭ ބިނދޭސީ ކުޅުންތެރިން އަދި ދެވަނަ މެޗުގައި އަންހެން ގައުމީ ޓީމް ވެސް ނިކުންނާނީ ލީގްގައި ކުޅޭ އަންހެން ބިދޭސީ ކުޅުންތެރިންނާ ދެކޮޅަށް،" ލަތީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބިދޭސީ ކުޅުންތެރިންނާ ދެކޮޅަށް ރާއްޖޭގެ ކުޅުންތެރީން ނިކުތުމުން އެ ކުޅުންތެރީންގެ ހުނަރު އިތުރަށް ތަރައްގީވެ ގިނަ ތަޖުރިބާތަކެއް ވެސް ލިބިގެން ދާނެ ކަމަށެވެ.

ގައުމީ އަންހެން އަދި ފިރިހެން ވޮލީ ލީގުވެސް އެއްކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު އަންހެން ލީގުގައި ވާދަކުރަނީ އަށް ޓީމެވެ. އޭގެ ތެރެއިން ގައުމީ މުބާރާތަށް ހޮވޭނީ ހަތަރު ޓީމެވެ. ގައުމީ ފިރިހެން ލީގުގައި ހަ ޓީމު ވާދަކުރާ އިރު ގައުމީ މުބާރާތަށް ހޮވޭނީ އޭގެ ތެރެއިން ހަތަރު ޓީމެވެ.