އެކި ބާވަތްބާވަތުގެ ތެޔޮ އުފެއްދުމުގައި މަޝްހޫރު ޝެވްރޮން ކޯޕަރޭޝަންގެ "ކަލްޓެކްސް" އަޑީތެލުގެ އާ ބްރޭންޑް "ޑެލޯ ގޯލްޑް އަލްޓްރާ" ދަމާސް ކުންފުނީގެ ފަރާތުން ރާއްޖެއަށް ތައާރަފްކޮށްފި އެވެ.

އެއީ މީގެ ކުރިން ކަލްޓެކްސް އިން ނެރެފައިވާ "ޑެލޯ ގޯލްޑް" އަށްވުރެ ކޮލިޓީ ރަނގަޅު ޕްރޮޑަކްޓެކެވެ.

ކަލްޓެކްސްގެ އެހެން ޕްރޮޑަކްޓްތަކާ އަޅައިބަލާއިރު "ޑެލޯ ގޯލްޑް އަލްޓްރާ" އަކީ ފަހުގެ ޓެކްނޮލޮޖީއެއް ކަމަށްވާ "އައިސޮސީން ޓެކްނޮލޮޖީ" ބޭނުންކޮށްގެން އުފައްދާފައިވާ ޕްރޮޑަކްޓެކެވެ. އޭގެ ސަބަބުން އިންޖީނުގެ ވަކިވަކި ބައިތަކުގެ ރައްކާތެރިކަން އިތުރުކޮށްދިނުމުގައި މި އަޑީތެޔޮ ބޮޑު ރޯލެއް އަދާކުރާނެ އެވެ.

ދަމާސް ޕެއިންޓްސް އެންޑް ލުބްރިކެންޓްސްގެ މެނޭޖަރު ހުސެން ނަސީމް "ސަން" އަށް ވިދާޅުވީ، "ޑެލޯ ގޯލްޑް އަލްޓްރާ އަކީ ހެވީ ޑިއުޓީ އިންޖީނުތަކާއި ލައިޓް ޑިއުޓީ އިންޖީނުތަކަށް ހާއްސަކޮށްގެން އުފައްދާފައިވާ ޕްރޮޑަކްޓެއް ކަމަށެވެ.

ދަމާސް ޕެއިންޓްސް އެންޑް ލުބްރިކެންޓްސް ގެ މެނޭޖަރު ހުސެން ނަސީމް ސަން އަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މިސާލަކަށް މަސްދޯނި ފަހަރު، އެކި ރަށްރަށުގައި ބޭނުންކުރާ ޖަނަރޭޓަރުތައް، އެކި ވެހިކަލްތައް. އަދި ބަސް ނޫނީ ލައިޓް ވެހިކަލްސް އެފަދަ އިންޖީނުތަކަށް ހާއްސަކޮށްގެން އުފައްދާފައިވާ އަޑީތެލެއް،" ނަސީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކަލްޓެކްސްގެ ހުރިހާ ޕްރޮޑަކްޓެއް ދަމާސް ޕެއިންޓްސް ޝޯރޫމުން ލިބެން ހުންނާނެ ކަމަށެވެ. އޭގެ ތެރޭގައި އިންޖީނު އަޑީތެލާއި، ހައިޑްރޯލިކް އޮއިލް، ގިއާ އޮއިލް އަދި ޕަވާ ސްޓީރިން ފަދަ ޕްރޮޑަކްޓްތައް ހިމެނެ އެވެ.

"މިސާލަކަށް މިކޮޅުގަ ނުގެންގުޅޭ ކަލްޓެކްސްގެ ޕްރޮޑަކްޓެއް، ހަމަ އޯޑަކުރެއްވީމަ އަޅުގަނޑުމެން އެ ޕްރޮޑަކްޓެއް ކަސްޓަމަރަށް ސަޕްލައިކޮށްދޭނަން،" ނަސީމް ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ، އެ ޕްރޮޑަކްޓް ވެސް މާކެޓްގައި ހުރި އެހެން އަޑީތެލުގެ ޕްރޮޑަކްޓްތަކާ އަޅައިބަލާއިރު އަގުގެގޮތުން މާބޮޑު ތަފާތެއް ނުފެންނާނެ ކަމަށެވެ.

މިއަދު މާބްލް ހޮޓެލްގައި ބޭއްވި ސެމިނާގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ދަމާސް އިން ވަނީ މާބްލް ހޮޓެލްގައި އެ ޕްރޮޑަކްޓްގެ މައުލޫމާތުތައް އެކި ފަރާތްތަކާ އެކު ހިއްސާކުރުމަށް ސެމިނާއެއް ބާއްވާފައެވެ. އެ ސެމިނާގައި އެމްއޭސީއެލް އާއި އެމްޑަބްލިއުއެސްސީ އާއި އެކި ރިސޯޓްސް އަދި އެމްއާރުޑީސީ ފަދަ ކުންފުނިތަކާއި އެމްޕީއެލް އަދި އަމިއްލަ ކުންފުނިތަކުން ވެސް ބައިވެރިވެ އެވެ.