އިނގިރޭސި ލީގު ކަޕްގައި މިރޭ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ކުރިމަތިލާއިރު އެ ދެޓީމް އޮތީ ރަނގަޅު ހާލަތެއްގައެއް ނޫނެވެ.

މިރޭގެ މެޗަށް ނިކުންނައިރު ސިޓީ އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް މޮޅެއް ލިބިފައިނުވާއިރު އެންމެ ފަހުން ޔުނައިޓެޑް ކުޅުނު މެޗުން އެޓީމު ވަނީ 4-0ގެ ބޮޑު ތަފާތަކުން ޗެލްސީ އަތުން ބަލިވެފައެވެ.

ނަމަވެސް ދެ ޓީމުގެ ކޯޗުން ވެސް ބުނަނީ މިރޭގެ މެޗަކީ މުޅިން އާ މެޗެއް ކަމަށާއި މިރޭގެ މެޗަށް ނިކުންނާނީ ކުރީގެ މެޗުތަކުގެ ނަތީޖާތައް ހަނދާން ނައްތާލައި މި މެޗު ކާމިޔާބުކުރުމަށް ކަމަށެވެ.

"މިރޭގެ މެޗަށް ނިކުންނައިރު ޔުނައިޓެޑުން ވަނީ އެންމެ ފަހުން ކުޅުނު މެޗުތަކުގައި ވަރަށް ގިނަ ޕޮއިންޓްތަކެއް ގެއްލުވާލާފައި. އަދި ވަރަށް އާދައިގެ ޓީމުތައް އަތުން ވެސް ވަނީ އެއްވަރުވެފައި. އެހެންކަމުން މިރޭގެ މެޗަށް ނިކުންނާނީ، މޮޅުވާން މަޖުބޫރު މެޗެއްގެ ގޮތުގައި ދެކިގެން،" ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ ބުންޏެވެ.

މި ސީޒަނުގައި ޔުނައިޓެޑާ ސިޓީ ބައްދަލުކުރި ފުރަތަމަ މެޗު ނިމުނީ 2-1ގެ ނަތީޖާއަކުން ސިޓީ މޮޅުވެގެންނެވެ. ނަމަވެސް މޮރީނިއޯ ބުނީ މިރޭގެ މެޗު މުޅިން ތަފާތުވާނެ ކަމަށާއި ޔުނައިޓެޑްގެ ފަރާތުން އެޓޭކިން ފުޓްބޯޅައެއް ކުޅެ މޮޅުވާން މަސަތްކަތް ކުރާނެ ކަމަށެވެ.

މިރޭގެ މެޗަށް ނިކުންނައިރު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއަށް އެންމެ ބޮޑު ނުތަނަވަސް ކަމެއް ލިބެނީ އެޓީމުން އެންމެ ފަހުން ޔުނައިޓެޑާ ދެކޮޅަށް މޮޅު ކުޅުމެއް ދެއްކި ޒުވާން ފޯވާޑް ކެވިން ޑިބްރޫނާ އާއި ޕަބްލޯ ޒަބަލޭޓާއަށް ނުކުޅެވޭނެތީއެވެ.

"މިއީ ވަރަށް މުހިންމު މެޗެއް. އެހެން މެޗުތަކާ އެއްގޮތަށް މި މެޗަށް ވެސް މި ނިކުންނަނީ ވަރަށް ސީރިއަސްކަމާ އެކު ކުޅެ މޮޅުވާން. ނަމަވެސް އަނިޔާގެ ސަބަބުތަކާއި ހުރެ ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ފެންނާނެ،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ ޔުނައިޓެޑަކީ ކޮލިޓީ ފުޓްބޯޅައެއް ކުޅޭ މޮޅު ޓީމެއް ކަމަށާއި އެޓިމު ބަލިކުރުމަކީ އެއްވެސް އިރެއްގައި ފަސޭހަ ކަމެއް ނޫން ކަމަށެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި މިރޭ ކުޅޭ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން ދަންވަރު 12:00 ޖަހާއިރުއެވެ.