26 Oct 2016, 12:07
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، މަގާމަށް އިންތިހާބު ވަނީ "ފޮޓޯގަނޑެއް ދައްކައިގެން ނޫން" ކަމަށާއި އެ ވާދަކުރާ ޕާޓީއަކުން ކޮށްދޭން ބުނާ ކަންތައްތަކަކާއި އުސޫލުތަކެއް ބިނާކޮށްގެން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައި މިވަނީ ޕީޕީއެމްގެ ގިނަ މެމްބަރުން މަޖިލީހަށް އިންތިހާބުވީ އެ ޕާޓީގެ ރައީސް މައުމޫނުގެ މަސައްކަތުން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ. ރައީސް މައުމޫނު ވިދާޅުވެފައި ވަނީ ގިނަ މެމްބަރުން މަޖިލީހަށް އިންތިހާބުވެފައި ވަނީ އެމަނިކުފާނާ އެކު ފޮޓޯ ނަގައި ސެލްފީ ނަގައިގެން ކަމަށެވެ.
ކަނޑިތީމުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މީގެ ކުރިން ރައީސް ކަމަށް ކުރިމަތިލާ މީހުންނަށް "އިލްހާމް ވެގެން ވޯޓުލައިގެން ރައީސް ކަމަށް ގެންނަ ނިޒާމު މިއޮތީ ގޮސްފައި" ކަމަށެވެ. ޕާޓީއަކަށް ވެރިކަމަށް އާދެވޭނީ ވަރަށް ގިނަ ވާހަކަތަކެއް ދައްކައިގެން، ރައްޔިތުންނަށް ވަރަށް ގިނަ ކަންކަން ކޮށްދޭނޭ ކަމުގެ ޔަގީންކަން ދީގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް މަޖިލީހަށް އިންތިހާބު ވަނީ "ފޮޓޯގަނޑެއް ދައްކައިގެން ނޫން" ކަމަށާއި ޕާޓީން ކޮށްދޭން ބުނާ ކަންކަމާއި އުސޫލުތަކަށް ބިނާކޮށްގެން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއީ ޕާޓީއަށް ދޭ ވޯޓު ކަމަށެވެ.
"އެހިސާބަށް ގޮސްގެން ރައްޔިތުން އެބޭފުޅުންނަށް އިތުބާރު ދިނީމާ އެބޭފުޅުންނަށް އިހުތިޔާރެއް ނޯންނާނެ. އެއީ ވަރަށް ބޮޑު ވަޔަލޭޝަނެއް. ވަރަށް ބޮޑު ގޯހެއް އެހައްދަވަނީ. ފިކުރު ދޫކޮށްލާފައި އެހެން ގޮތަކަށް މަސައްކަތް ކުރުމަކީ އެއީ އިހުތިޔާރު އޮތް ކަމެއް ނޫން." ޕާޓީ ބަދަލުކުރައްވާ މެންބަރުންނަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވި އެވެ.
ގާނޫނީ ގޮތުން އިހުތިޔާރު އޮތްނަމަވެސް މެމްބަރު ކަމަށް ރައްޔިތުން އިންހާބު ކުރަނީ ވަރަށް ބޮޑު އިތުބާރަކާއި ޔަގީންކަމެއް ދީގެން ކަމަށާއި އެހެންވީމާ ފިކުރާ އެއްގޮތަށް މަސައްކަތް ކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަމާނާތެއްގެ ގޮތުގައި ރައީސް ޔާމީން ސިފަކުރެއްވި އެވެ.
އެމަނިކުފާނު ރައީސް ކަމުގެ މަގާމަށް އައިސް ހުރީ "ފޮޓޯ ލޯގަނޑު ރީތިވެގެން ނޫން" ކަމަށް ރައީސް ޔަމީން ވިދާޅުވި އެވެ. މަގާމަށް އާދެވުނީ އަޒުމާއި ކޮށްދޭން ބޭނުންވާ ކަންތައްތައް ރައްޔިތުންނަށް ގަބޫލުކުރެވޭ މިންވަރަށް ވިއްކައިގެން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް މައުމޫނާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ވިދާޅުވެފައި ވަނީ ރައީސް ޔާމީން ވެރިކަމަށް ގެނައުމުގައި ރައީސް މައުމޫނު ވަރަށް ބޮޑު ދައުރެއް އަދާކުރެއްވި ކަމަށެވެ. އަދި އެއީ ފެންނަން އޮތް ހަގީގަތްކަމުގައި ރައީސް މައުމޫނު ވެސް ވަނީ ވިދާޅުވެފަ އެވެ.