އިދިކޮޅު އެންމެ ބޮޑު ޕާޓީއަކީ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް ހިންގަމުން އަންނަ ޕާޓީއެއްތޯ ސުވާލު އުފެދޭ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ހދ. އަދި ށ. އަތޮޅަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ށ. ކަނޑިތީމަށް މިއަދު ވަޑައިގެން އެ ރަށުގެ ނަރުދަމާގެ ނިޒާމު ވަނީ އިފްތިތާހުކޮށްދެއްވައިފަ އެވެ. އަދި އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ޕާޓީއަކީ ކުންފުންޏެއް ނޫން ކަމަށެވެ. ސިޔާސީ ޕާޓީ ބިނާކުރެވެން ޖެހޭނީ އުސޫލުތަކެއްގެ މައްޗަށް ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. އަދި އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގައި އުސޫކުތަކެއް އޮތްތޯ ވެސް ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވައިފަ އެވެ. ނަމަވެސް އުސޫލުތަކާ ހިލާފަށް އެމްޑީޕީ އިން ކުރިކަމެއްގެ ވާހަކަ ރައީސް ޔާމީން ވިދާޅެއް ނުވެ އެވެ.

"އަޅުގަނޑުގެ ވިސްނުމުގައި ސިޔާސީ ޕާޓީއަކީ ކުންފުންޏެއް ކަހަލަ ތަނެއް ނޫން. ސިޔާސީ ޕާޓީއަކީ އުސޫލުތަކެއް. ސިޔާސީ ޕާޓީއަކީ ރައްޔިތުންނާ ދޭތެރޭ ތަސައްވުރެއް އޮންނަ އުސޫލުތަކެއް ގެންގުޅޭ ތަނެއް. އެ އުސޫލުތައް ދަމަހައްޓާނެ ކަމަށް ރައްޔިތުންނަށް ސިފަކޮށްދޭ ބަޔަކު ކުރާ މަސައްކަތުން އެމީހުންނަކީ ކިހާވަރަކަށް މިކަން ކޮށްދެވޭނެ ބައެއް ކަމަށް ގަބޫލުކޮށްފައި ރައްޔިތުން އެ އުސޫލުތައް ބަލައިގަންނަނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރަނގަޅު އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް ހިންގަމުންދާ "ޕާޓީގެ ދަފްތަރު ބޯވެގެން އިތުރުވަމުން" ދާނެ ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވި އެވެ. އަދި ޕީޕީއެމްއަކީ އޭގެ ނަމޫނާ ޕާޓީއެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމް ތެރޭގައި ހިތްހަމަ ނުޖެހޭ ކަންތައްތަކެއް ހުރި ނަމަވެސް އެ ޕާޓީއަކީ ރައްޔިތުން ބަލައިގަންނަ އުސޫލާ އެއްގޮތަށް ހިންގަމުން އަންނަ ޕާޓީއެއް ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

"ސިޔާސީ ޕާޓީތަކުގައި އެހެން ބައެއް ޕާޓީގައި އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. ހާއްސަކޮށް އިދިކޮޅު އެންމެ ބޮޑު ފިކުރުގެ ޕާޓީ. އަޅުގަނޑު ހަމަ ދަންނަވާލާނަން އެއީ އުސޫލުތަކަކަށް ބިނާކޮށް އޮތް ޕާޓީއެއްތޯ؟. އެޕާޓީގެ ރައްޔިތުންވެސް އިތުރު ރައްޔިތުންގެ ޝައުގުވެރިކަން ހޯއްދަވާ ކަމަށްވަންޏާ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް ރައްޔިތުންނަށް ގަބޫލުކުރެވޭ ކަންތައްތަކެއް ކުރުން ރަނގަޅުވާނެ،" ރައީސް ވިދާޅުވިއެވެ.

ސަރުކާރު ޖަވާބު ދާރީ ކުރުވަން ބޭނުންވި ނަމަވެސް އިދިކޮޅު ފަރާތްތަކުން އުސޫލުތަކެއް ގެންގުޅެ ރައްޔިތުންނަށް ގަބޫލުކުރެވޭ ވާހަކަތަކެއް ދައްކަން ޖެހޭނެ ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

މީގެކުރިން ރައީސް ކަމަށް ކުރިމަތިލާ މީހުންނަށް "އިލްހާމް ވެގެން ވޯޓުލައިގެން ރައީސް ކަމަށް ގެންނަ ނިޒާމު މިއޮތީ ގޮސްފައި" ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ޕާޓީއަކަށް ވެރިކަމަށް އާދެވޭނީ ވަރަށް ގިނަ ވާހަކަތަކެއް ދައްކައިގެން، ރައްޔިތުންނަށް ވަރަށް ގިނަ ކަންކަން ކޮށްދޭނޭ ކަމުގެ ޔަގީންކަން ދީގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ހދ. އަދި ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެން ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ހދ. މަކުނުދު އަށެވެ.