26 Oct 2016, 11:37
ރާއްޖޭގައި ހަދާ ފުރަތަމަ ކަނޑުއަޑީގެ ދާރުލްއާސާރު ވ. ކެޔޮދޫގައި ހެދުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ.
މިމަހުގެ 24 ވަނަ ދުވަހު ބޭއްވި އެކައުންސިލުގެ ބައްދަލުވުމުގައި، ކައުންސިލްގެ ހަތަރު މެމްބަރުން ސޮއިކުރުމަށް ފަހު ނެރެފައިވާ ގަރާރެއްގައި ބުނެފައި ވަނީ ކަޑުއަޑީގެ ދާރުލްއާސާރެއް ހެދުމުގެ އިތުރުން އެ ރަށަކީ ޕްލާސްޓިކް ކޮތަޅު ބޭނުން ނުކުރާ ރަށަކަށް ހެދުމަށް ވެސް ނިންމާފައިވާ ކަމަށެވެ.
ގަރާރުގައިވާ ގޮތުން މިގޮތަށް ނިންމާފައި ވަނީ އެ ރަށަކީ ތިމާވެއްޓާ ރައްޓެހި ރައްޔިތަކު ދިރިއުޅޭ ރަށަކަށް ހެދުމާއި ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކަށް ބައިނަލްއަގުވާމީ ގޮތުން ސަމާލުކަން ހޯދުމުގެ މަގްސަދުގައި އެވެ.
"މިރަށަކީ ތިމާވެށީގެ ގިނަ މައްސަލަތަކެއް ތަހައްމަލް ކުރަން ޖެހިފައިވާ ރަށަކަށްވާތީ އާއި އަދި ގިނަ އަދަދެއްގެ ފަތުރުވެރިންނާއި ދަތުރުވެރިން ޒިޔާރަތްކުރާ ރަށަކަށްވާތީ ތިމާވެށީގެ ނަޒަރަކުން އެފަރާތްތަކަށް ދައްކުވައިދިނުމާއި މީގެ އިތުރުން ރާއްޖޭގެ ފަރުތަކުގެ ނާޒުކުކަމާއި ކުނީގެ މައްސަލައާއި ކަނޑުއަޑީގެ ދިރުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ބައިނަލް އަގުވާމީ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ޓަކައި ކަނޑުގެ ދިރުމާއި ދިވެހިންގެ ދިރިއުޅުން ގުޅިފައިވާ މިންވަރު ދައްކުވައިދޭ ގޮތަށް ކަނޑުއަޑީގައި ދާރުލްއާސާރެއް ހަދަން ވ. ކެޔޮދޫ ކައުންސިލުން ނިންމަމެވެ." ކެޔޮދޫ ކައުންސިލުގެ ގަރާރުގައިވެ އެވެ.
މީގެ އިތުރުން އެ ގަރާރުގައި ވަނީ ކެޔޮދޫ އަކީ ޕްލާސްޓިކް ކޮތަޅު ބޭނުން ނުކުރާ ރަށަކަށް ހެދުމަށް ޓަކައި ރަށުގެ ފިހާރަތަކުން އެފަދަ ކޮތަޅު ހިލޭ ދިނުން ހުއްޓާލައި، ރަށުގެ ކޮންމެ ގޭބިސީއަކަށް ބޭނުންވާ ތިމާވެއްޓާ ރައްޓެހި ކޮތަޅު ފޯރުކޮށްދިނުމަށް ވެސް ކައުންސިލުން ނިންމާ ކަމަށެވެ.
އެކައުންސިލުން ބުނި ގޮތުގައި މި ދެ ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖައްސާފައި ވަނީ ރާއްޖޭގެ މަޝްހޫރު ޕީއާރު އެންޑް މާކެޓިންގް އޭޖެންސީއެއް ކަމަށްވާ "މޯލްޑިވްސް ގެޓަވޭސް" އާ ހަވާލުކޮށްގެން އެކައުންސިލާއި އެކި އެކި ކުންފުނިތަކާ ގުޅިގެން އެފަރާތްތަކުގެ އިޖްތިމާއީ ޒިންމާގެ ދަށުން ހިންގާ މަސައްކަތެއްގެ ގޮތުގައި ހިލޭ ސާބަހަށެވެ.
ެކެޔޮދޫއަކީ ގެސްޓް ހައުސް ވިޔަފާރީގައި ކުރިއަރަމުން އަންނަ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ.
ރާއްޖޭގައި ކަނޑުއަޑީގެ ދާރުލްއާސާރެއް ހެދުމަށް ކެޔޮދޫ ކައުންސިލް ނިންމާފައިވާ އިރު ރާއްޖޭއަކީ ދުނިޔޭގެ އެނެމް ފުރަތަމަ މޫދުއަޑީގެ ރެސްޓޯރެންޓާއި ސްޕާވެސް ހުޅުވާފައި ވަނީ ރާއްޖޭގައި އެވެ. އަދި ދުނިޔޭގެ އެންމެ ފުރަތަމަ މޫދުއަޑީގެ ހޮޓާ އެޅުމަށް ވެސް ރާއްޖޭގައި މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.