26 Oct 2016, 10:56
އޮޓަވާ (އޮކްޓޯބަރު 26): ކެނެޑާގެ އޮންޓާރިއޯ ޕްރޮވިންސުގެ ނަރުހެއްގެ މައްޗަށް ގަސްތުގައި އަށް މީހަކު މެރުމުގެ ދައުވާ ކޮށްފި އެވެ.
ސާޅިސްނުވަ އަހަރުގެ އެލިޒަބެތް ޓްރޭސީ މޭ ވެޓްލައުފާގެ މައްޗަށް ކޮށްފައިވާ ދައުވާ އަކީ 2007 ކާއި 2014އާ ދެމެދު ފަސް އަންހެނުންނާއި ތިން ފިރިހެނުން މަރާލި ކަމުގެ ދައުވާ އެވެ. ވެޓްލައުފާ މަރާލާފައިވާ މީހުންނަކީ އޭނާ މަސައްކަތް ކުރި ދުވަސްވީ މީހުންނަށް އަޅާލާ މަރުކަޒުގައި ތިބި 75 އަހަރާއި 96 އަހަރާ ދެމެދުގެ މީހުންނެވެ.
ފުލުހުން ބުނި ގޮތުގައި ވެޓްލައުފާ އޭގެ ތެރެއިން ހަތް މީހަކު މަރާލާފައި ވަނީ ނުރައްކާތެރި މިންވަރަކަށް ބޭސް ދީގެންނެވެ.
"މަރާލި މީހުންނަށް ވަނީ ދުވަސްވީ މީހުންނަށް އަޅާލާ ސެންޓަރުތަކުގައި ގިނައިން ލިބެން ހުންނަ ބޭހެއް ދީފައި،" އޮންޓާރިއޯގެ ވުޑްސްޓޮކް ސިޓީގެ ޕޮލިސް ޗީފް ވިލިއަމް ރެންޓަން ވިދާޅުވި އެވެ.
ވެޓްލައުފާ ދުވަސްވީ މީހުން މަރާލާފައި ވަނީ ކީއްވެގެން ކަމެއް ފުލުހުން ބުނެފައި ނުވެ އެވެ. ނަމަވެސް އެ މައްސަލަ އަދި ވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. (ބީބީސީ)