ބައިކަނޫރު : ރަޝިޔާގެ ސޮޔޯޒު ޖައްވީ އުޅަނދު، ބައިނަލްއަޤްވާމީ ޖައްވީ ސްޓޭޝަން (އައި.އެސް.އެސް) ގައި ބަނދަރު ކޮށްފިއެވެ.

ސޮޔޯޒް ޖައްވަށް ނައްޓާލީ ކަޒަޚިސްތާނުގެ ބައިކަނޫރުގައިވާ ރަޝިޔާގެ ޖައްވީ ބަނދަރު ކަމަށްވާ ކޮސްމޮޑްރޯމް އިންނެވެ. މިއީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރު ބިނާކޮށްފައިވާ ޖައްވީ ސްޓޭޝަނެކެވެ. ރަޝިޔާއިން ޖައްވަށް ފޮނުވާ ގިނަ އުޅަނދުތައް ފުރުވާލަނީ އެބަނދަރުންނެވެ.

ސޮޔޯޒް، އައި.އެސް.އެސް އަށް ދިޔައީ ގިނަޢަދަދެއްގެ ސައެންސްވެރިން ޢިލްމީ ތަޖްރިބާތައް ކުރަަމުންގެންދާ އެސްޓޭޝަނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ބައެއް ސާމާނު ހިފައިގެން ކަމަށް ރަޝިޔާގެ އިންޓަރފެކްސް ނޫސްއެޖެންސީ އާއި ރަޝިޔާ ޓުޑޭ ޓީވީ ނެތްވާރކް ޚަބަރުދެއެވެ.

މިދަތުރުގައި ސޮޔޯޒްގައި އައި. އެސް.އެސް އަށް ދިޔައީ ތިންމީހުންނެވެ. އެއީ އެމެރިކާ މީހަކާއި ރަޝިޔާ މީހަކާ އަދި ޖަޕާނު މީހެކެވެ. އައި.އެސް.އެސް. އަކީ އެމެރިކާއާއި ރަޝިޔާ އާއި ޔޫރަޕްގެ ބައެއް ޤައުމުތަކާއި ޖަޕާން ގުޅިގެން ބިނާކުރި ޖައްވީ ސްޓޭޝަނެކެވެ.

ބިމުގެ ސަތްޙުން ފެށިގެން 350 ކިލޯމީޓަރުގެ މަތީގައިވާ ފަޒާގެ އޯބިޓްތަކުގައި ދުިނޔެ ވަށައިގެން އެނބުރެމުންދާ އެސްޓޭޝަނުގައި މިހާރުވެސް އެކި ޢިލްމުތަކުގެ ސައެންޓިސްޓުންނާއި އިންޖިނޭރުންގެ 25 މީހަކު މަސައްކަތް ކުރަމުން ގެންދެއެވެ.

ދާދިފަހުންވަނީ އެމެރިކާގެ ޖައްވީ އުޅަނދު އެންޑެވާ، ބައެއް ސެއެންޓިސްޓުންނާއެކު އައި.އެސް.އެސް އިން ބިމަށް އައިސްފައެވެ. -- ނޫސްއެޖެންސީތައް