26 Oct 2016, 10:11
ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ކުޅިވަރާ ބެހޭ ވުޒާރާ ގުޅިގެން ރަސްމީކޮށް ހުޅުވައިފިއެވެ.
ތިނަދޫގައި އަންގާރަދުވަހު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްލެޓްފޯމް ރަސްމީކޮށް ހުޅުވައިދެއްވީ، ޒުވާނުންނާއި ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އާދަމްއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ވަޒީރު ވިދާޅުވީ، ތިނަދޫގެ ފެތުންތެރިންނަށް ޚާއްސަކޮށްގެން ހުޅުވި އެ ސްވިމިންގ ޕްލެޓް ފޯމަކީ އެންމެ ޒަމާނީ ފެންވަރުގެ ޕްލެޓް ފޯމެއްކަމަށެވެ.

ގދ. ތިނަދޫ ސްވިމިންގް ޕްލެޓްފޯމް އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގެ ތެރޭން -- ފޮޓޯ: ކުޅިވަރާބެހޭ ވުޒާރާ
ތިނަދޫ އިރުއުތުރު ފަރާތު މޫދުތެރޭގައި އަޅާފައިވާ، ދިގު މިނުގައި 25 މީޓަރު އަދި ފުޅާމިނުގައި 20 މީޓަރު ހުންނަ އެ ޕްލެޓްފޯމަކީ ސަރުކާރުން އެއް މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން އަޅާފައިވާ ޕްލެޓްފޯމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
"މިޕްލެޓްފޯމަކީ މާލޭގައިވެސް އަދި އައްޑޫގައިވެސް އަޅާފައިވާ ފަދަ ފެންވަރުގެ ގޮތުން ހަމަހަމަ ޕްލެޓްފޯމެއްކަންވެސް މިފުރުސަތުގައި ފާހަގަކޮށްލަން،" ކުޅިވަރާބެހޭ ވަޒީރު ވިދާޅުވިއެވެ.
"މިފަދަ ޕްލެޓްފޯމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްދިނުމުގެ އެންމެ ބޮޑު ބޭނުމަކީ ސްވިމިންއަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް މަތީފަންތީގައި ސްވިމިންގައި ކުރިއަށްދެވޭނެ މަގު ތަނަވަސް ކޮށްދީ، ކުޅަދާނަ ފެތުންތެރިން އުފެއްދުން."
އިރުތިޝާމް ވިދާޅުވީ، އަދުގެ ސަރުކާރުން ރައީސް ޔާމީންގެ އެންމެ ބޮޑު އަމާޒަކީ ޒުވާނުންނަށް ކުޅިވަރު ކުޅުމަށް ބޭނުންވާ ވަސީލަތްތައް ހޯދާއިދީ ކުޅިވަރުގައި މަތީ ފަންތީގައި ވާދަކުރުމުގެ ފުރުސަތު ހޯދައި ދެއްވުންކަމަށެވެ. އެގޮތުން އެއްވެސް ހުއްޓުމުއްނެތި ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް މިމަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ގދ. ތިނަދޫ ސްވިމިންގް ޕްލެޓްފޯމް އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގެ ތެރޭން -- ފޮޓޯ: ކުޅިވަރާބެހޭ ވުޒާރާ
ސްރީލަންކާގެ ކޮލޮންބޯގައި އޮކްޓޫބަރު 18 ން 24 އަށް ބޭއްވި ފުރަތަމަ ސައުތު އޭޝިއަން އެކުއެޓިކް ޗެމްޕިއަންޝިޕްސްގައިި ރާއްޖޭގެ ފެތުންތެރީން ހޯދި ކާމިޔާބީތައް ފާހަގަކުރައްވައި ވަޒީރު އިރުތިޝާމް އެ ފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވެ.
އެ މުބާރާތުގެ ސްވިމިން އިވެންޓްތައް ނިމުނުއިރު ދިވެހިރާއްޖެއިން ވަނީ 17 މެޑަލްއެއް ހޯދައިފައެވެ. އެއީ، 15 ރަންވަންލޯ މެޑަލްއާއި، ދެރިހި މެޑަލްއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ފެތުންތެރިންވަނީ ހަތަރު ޤައުމީ ރެކޯޑު ވެސް އާކޮށްފައެވެ.
"ސްވިމިން ޓީމުން ގައުމަށް ހޯދައިދެއްވި ކާމިޔާބީއަށް އަދުގެ ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައާއި، އަޅުގަނޑުގެ އަމިއްލަ ނަމުގަ އަދި މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ އެންމެހާ ބޭފުޅުންގެ ނަމުގަ މަރުހަބާ އާއި ޝުކުރު ދަންނަވަން. އަދި މި ކާމިިޔާބީ ހޯދުމުގައި ސުވިމިންގ އެސޯސިއޭޝަންގެ ރައީސް އަދި އެސޯސިއޭޝަންގެ އެންމެހާ މެންބަރުންނާއި ކޯޗިން ސްޓާފުން ކުރެއްވި ބުރަ މަސައްކަތަށްވެސް ޝުކުރު ދަންނަވަނެ،" ޒުވާނުންނާއި ކުޅިވަރާބެހޭ ވަޒީރު ވިދާޅުވިއެވެ.
ގދ. ތިނަދޫ ސްވިމިންގް ޕްލެޓްފޯމް އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގެ ތެރޭން -- ފޮޓޯ: ކުޅިވަރާބެހޭ ވުޒާރާ
ތިނަދޫގައި އިއްޔެ ބޭވި އެ ރަސްމިއްޔާތުގައި، އިރުތިޝާމްގެ އިތުރުން، ކުޅިވަރާބެހޭ ވުޒާރާގެ އިސް ބޭފުޅުންނާއި، ތިނަދޫ ކައުންސިލްގެ ބޭފުޅުންނާއި ސްވިމިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުއް ސައްތާރާއި އެ އެސޯސިއޭޝަންގެ އޮފިޝަލުންނާއި ތިނަދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.