ޖެނީވާ (އޮކްޓޯބަރ 26) : އދ. ގެ، އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މެންބަރުކަމަށް ރަޝިޔާއާއި ސައޫދީ އަރަބިޔާ އިންތިޚާބު ކުރުމުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން އެކަމާމެދު ކަންބޮޑުވާކަން ހާމަކޮށްފި އެވެ.

އިންސާނީ ހައްގުތައް ޙިމާޔަތް ކުރުމުގެ ނަމުގައި މަސައްކަތްކުރާ އެމެރިކާގެ އަމިއްލަ ޖަމްޢިއްޔާ އެއްކަމަށްވާ ހިޔުމަން ރައިޓްސް ވޮޗް އިން ބުނީ ރަޝިޔާއަކީ ސޫރިޔާއަށް ވައިގެ ހަމަލާތައްދީ އާންމުން މަރަމުންގެންދާ ގައުމެއް ކަމަށާ އަދި ސައޫދީ އަރަބިޔާއަކީ ޔަމަނަށް ޙަމަލާދީ އެގައުމުގެ އާންމުން މަރަމުން ގެންދާތީ މިއީ އިންސާނީ ހައްގުތަކަށް އެއްގޮތަކަށް ވެސް އިހްތިރާމް ނުކުރާ ދެގައުމު ކަމުގަ އެވެ.

"މިފަދަ ގައުމުތައް އިންސާނީ ހައްގުތައް ހިމާޔަތްކުރާ ބައިނަލްއަގްވާމީ ކައުންސިލްގެ މެންބަރުކަމަށް އިންތިޚާބު ކުރުމަކީ ކަންބޮޑުވާން ޖެހޭ މައްސަލައެއް" ކަމަށް އެ ޖަމްއިއްޔާއިން ނެރުނު ބަޔާނެއްގައިވެ އެވެ.

އަދި އެހެންގައުމުތަކަށް އަސްކަރީގޮތުން ވަދެގަނެ އެގައުމުތަކަށް ބޮންއަޅައި ކުށެއްނެތް މީހުން މަރަމުންދާ މިފަދަ ގައުމުތަކާ ދުނިޔޭގެ ފެންވަރުގައި ހިންގާ އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހުއްޓުވަން މަސައްކަތް ކުރުމުމުގެ ޒިންމާ މަތިކުރުމަކީ އިންސާނީ ހައްގުތަކާބެހޭ އދ. ގެ ކައުންސިލްގެ ނަންވެސް ހުތުރުވެ އިންސާނީ ހައްގުތަކަށް އަރައިގަތުމަށް އެހެން ގައުމުތަކަށް ހިއްވަރު ލިބިގެންދާނެ ކަމެއްކަމަށް ވެސް ހިޔުމަން ރައިޓްސް ވޮޗްގެ ބަޔާނެއް ބުނެ އެވެ.

އިންސާނީ ހައްގުތައް ޙިމާޔަތް ކުރުމުގެ ނަމުގައި މަސައްކަތްކުރާ އެހެން ބައެއް ޖަމްއިއްޔާތަކުން ވެސް ވަނީ މިމައްސަލާގައި ކަންބޮޑުވާކަން ހާމަކޮށް ބަޔާންތައް ނެރެފަ އެވެ.

ސޫރިޔާއާއި ޔަމަނަށް ވައިގެ މަގުން ހަމަލާތައްދީ އެދެގައުމުގެ އާންމުން މަރަމުންގެންދާ މައްސަލާގައި ރަޝިޔާއާއި ސައޫދީ އަރަބިޔާ ކުށްވެރިކޮށް އދ. ންވެސް ބަޔާންތައް ނެރެފައިވެ އެވެ. އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ކައުންސިލްގެ މެންބަރުންގެ އަދަދަކީ 47 ގައުމެވެ. މިގައުމުތައް އިންތިޚާބު ކުރަނީ ޖެނީވާގައި އޮންނަ އެ ކައުންސިލްގެ ބޮޑު ބައްދަލުވުމުގަ އެވެ.

އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ކައުންސިލްގެ މެންބަރުކަމަށް ކުރިން އިންތިޚާބުކޮށްފައިވާ އެހެން ބައެއް ގައުމުތަކަކީ ވެސް އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ރެކޯޑްތައް ވަރަށް ގިނައިން އޮންނަ ގައުމުތަކެކެވެ. މީގެ ތެރޭގައި އެމެރިކާ އާއި އިންގިރޭސިވިލާތް ފަދަ ހުޅަނގުގެ ބާރުތައް ވެސް ހިމެނެ އެވެ. އެމެރިކާ އާއި އިނގިރޭސިވިލާތް ފަދަ ހުޅަނގުގެ ބާރުތަކުން އިރާގާއި އަފްޣާނިސްތާން ފަދަ ގައުމުތައް އަރައި އެތަށް ލައްކަބަޔަކު މަރާފައިވާކަމުގެ ތުހުމަތު އެގައުމުތަކުގެ މައްޗަށްވެސް ކުރެވިފައިވެ އެވެ. (ނޫސްއެޖެންސީތައް)