26 Oct 2016, 09:55
އިނގިރޭސި ލީގް ކަޕްގައި ރޭ ކުޅުނު މެޗުތަށް ކާމިޔާބުކޮށް އާސެންލް އާއި ލިވަޕޫލް ކުއާޓާފައިނަލަށް ދަތުރުކޮށްފި އެވެ.
އާސެނަލްގެ އެމަރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗު އެޓީމުން ކާމިޔާބްކުރީ 2-0ގެ ނަތީޖާ އަކުން ރެޑިން ބަލިކޮށްފަ އެވެ. ލިވަޕޫލްގެ އެންފިލްޑްގައި ޓޮޓެންހަމްގެ މައްޗަށް އެޓީމުން ކުރި ހޯދީ 2-1ގެ ނަތީޖާ އަކުންނެވެ.
ރޭގެ މެޗުގައި ލިވަޕޫލްގެ ދެ ގޯލު ވެސް ކާމިޔާބްކޮށްދިނީ ޑެނިއަލް ސްޓަރިޖެވެ. ފުރަތަމަ ގޯލު ނުވަ ވަނަ މިނެޓްގައި ކާމިޔާބުކުރި އިރު ދެވަނަ ގޯލު ސްޓަރިޖް ކާމިޔާބްކުރީ 64 ވަނަ މިނެޓްގަ އެވެ.

ރޭ އާސެނަލްއާ ރެޑިން ކުޅުނު މެޗުގައި އާސެނަލްގެ ގޯލަށް ފަހު އެޓީމްގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ
ޓޮޓެންހަމްގެ ހަމައެކަނި ގޯލު މެޗުގެ 76 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި ކާމިޔާބްކޮށްދިނީ ވިންސެންޓް ޔެންސަން އެވެ.
ރޭ ރެޑިންއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގައި އެޓީމްގެ ދެ ގޯލު ވެސް ކާމިޔާބްކޮށްދިނީ އަލެކްސް އޮކްސްލޭޑް ޗަމްބަލެއިން އެވެ. ފުރަތަމަ ގޯލު 33 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިން އިރު ދެވަނަ ގޯލު ޗަމްބަލެއިން ކާމިޔާބުކުރީ 78 ވަނަ މިނެޓްގަ އެވެ.
އެ މުބާރާތުގައި ރޭ ނިއުކާސަލްއިން ވަނީ 6-0ގެ ނަތީޖާ ޕްރެސްޓަން ނޯތު އެންޑާ ބަލިކޮށްފަ އެވެ. ބްރިސްޓޯލް ސިޓީ އަތުން 2-1ގެ ނަތީޖާ އަކުން ހަލް ސިޓީ މޮޅުވި އިރު ލީޑްސް ޔުނައިޓެޑް އާއި ނޯވިޗް ސިޓީ ކުޅުނު މެޗު ނިމުނީ 2-2ގެ ނަތީޖާ އަކުން އެއްވަރުވެގެންނެނެވެ.