އަންކަރާ : ސޫރިޔާގެ ވެރިކަމުގެ ނިޒާމާ ދެކޮޅަށް ތެދުވާ ރައްޔިތުން ނާމެދު ވަރަށް އަނިޔާވެރި ގޮތްތަކަށް ރައީސް ބައްޝާރުލްއަސަދްގެ ސަރުކާރުން މުޢާމަލާތް ކުރަމުން ގެންދާކަމަށް ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެވެ.

ޓިވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އުދުޣާން ވިދާޅުވީ މީގެ ހައެއްކަ ދުވަސްކުރިން ރައީސް ބައްޝާރުލްއަސަދާ ފޯނުން ގުޅުއްވައި މިވާހަކަތައް ދެއްކެވި ކަމަށާ ނަމަވެސް ރައްޔިތުންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށް އެތަށް ބަޔަކު މެރުމަކީ މާބޮޑުކަމެއް ކަމަށް ސޫރިޔާގެ މަސްއޫލުވެރިން ދެކެވަޑައިނުގަންނަވާ ކަމުގެ އިޙްސާސް އޭނާއަށް ކުރެއްވުނު ކަމުގައެވެ.

އުރުުދުޣާން ވިދާޅުވީ ސޫރިޔާގެ ވެރިކަން ވައްޓާލުމަށް މުޒާހަރާކުރާ ޢާންމު ރައްޔިތުން ނާ ދެކޮޅަށް ބާރުގެ ބޭނުންކޮށް އެމީހުން ކޮންމެ ދުހަކު ޑަޒަން ޑަޒަނަށް މަރާލެވެމުންދާއިރު ސޫރިޔާގެ އެތަށް ދެހާހަށްވުރެ ގިނަމީހުން ރެފިއުޖީންގެ ގޮތުގައި ސަރަހައްދީ ރޮނގު ހުރަސްކޮށް ތުރުކީއަށް ވަންނަމުންދާ ކަމުގައެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން "ސޫރިޔާ ސަރުކާރުގެ ޢަމަލުތައް މިގޮތަށް ހުންނައިރު ސޫރިޔާގެ ދިފާޢުގައި ބައިނަލްއަޤްވާމީ މަޙްފަލްތަކުގައި ވާހަކަދައްކަން ތުރުކީއަކަށް ނުކެރޭނެ" އުރުދުޣާން ވިދާޅުވިއެވެ.

ތުރުކީންވަނީ ސޫރިޔާގެ ވެރިކަމުގެ ނިޒާމަށް ދިމުޤްރާތީ އަވަސް އިސްލާޙްތަކެއް ގެނައުމަށާއި އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ބާރުގެ ބޭނުން ނުކުރުމަށް ސޫރިޔާގެ ވެރިންނަށް އިލްތިމާސް ކޮށްފައެވެ. ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދްވެސް އަވަސް އިސްލާޙްތަކެއް އެޤައުމަށް ގެނައުމަށް ވަޢްދުވެ ވަޑައިގެންފައިވެއެވެ.

ނަމަވެސް ވަރަށް ކުޑަމިންވަރެއްގެ އިސްލާޙެއް ވަރަށް ލަހުން މެނުވީ ސޫރިޔާއަށް ގެންނަމުންދާ ތަން ނުފެންނަ ކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. -- އަލްޖަޒީރާ