ބްރެޒިލުން 1970 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި އިރު އެޓީމުގެ ކެޕްޓަންކަމުގައި ހުރި ލެޖެންޑް ކާލޯސް އަލްބާޓޯ މަރުވެއްޖެއެވެ.


ކާލޯސް އަލްބާޓޯ ކުރިން ކުޅުނު ކްލަބު ސަންޓޯސްއިން ބުނީ، އުމުރުން 72 އަހަރުގެ ކުރީގެ ޑިފެންޑަރު ކާލޯސް މަރުވީ ހިތްހުއްޓިގެންކަމަށެވެ.
ދުނިޔޭގައި އުފެދުނު އެންމެ މޮޅެތި ޑިފެންޑަރުގެ ތެރޭގައި ހިމެނޭ ކާލޯ އަލްބާޓޯގެ އެންމެ ފާހަގަކޮށްލެވޭ ހަނދާނަކީ، 1970 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލްގައި މެކްސިކޯއަތުން 4-1 ލަނޑުން ބްރެޒިލް މޮޅުވި މެޗުގައި އޭނާ ކާމިޔާބުކުރި ލަނޑެވެ.

މެކްސިކޯގެ އެސްޓާޑިއޯ އަޒްޓެކާގައި ކުޅު ފައިނަލް މެޗުގައި، ދުނިޔޭގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާލޯ އަލްބާޓޯ ކާމިޔާބުކުރި ހިތްގައިމު ލަނޑާއެކު އެޓީމަށް ޖޫލްސް ރިމެޓް ޓްރޮފީ ތިންވަނަ ފަހަރަށް ކަށަވަރުވެގެން ދިޔައެވެ.

ބްރެޒިލުން 1970 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި އިރު އެޓީމުގެ ކެޕްޓަންކަމުގައި ހުރި ލެޖެންޑް ކާލޯސް އަލްބާޓޯ -- ފޮޓޯ: ގޯލް

ފުލުމިނެންސުން ފުޓްބޯޅަ ކެރިއަރު ފެށި ކާލޯސް އަލްބާޓޯ ސަންޓޯސްއަށް ބަދަލުވެ، ޕެލޭއާއެކު އެޓީމަށް 445 މެޗު ކުޅެފައިވާއިރު، އޭނާ ވަނީ 40 ލަނޑު ކާމިޔާބުކޮށްފައެވެ.


ބްރެޒިލްގެ ގައުމީ ޓީމަށް 1964 ން 1977ށް 53 މެޗު ކުޅެފައިވާ ކާލޯސް އަލްބާޓޯ ވަނީ، 1977 ން 1982އާ ދެމެދުގައި ނޯތު އެމެރިކަން ސޮކަ ލީގުގައި ނިއު ޔޯކް ކޮސްމޯސްއަށް ވެސް ކުޅެ އެތަކެއް ބައެއްގެ މަގުބޫލުކަން ހޯދައިފައެވެ.


އެއަށް ފަހު، ކާލޯސް އަލްބާޓޯ ދެންފެށީ އޭނާގެ ކޯޗިން ކެރިއަރެވެ. ފުލުމިނެންސްގެ ކޯޗެއްގެ ގޮތުގައި ކެރިއަރު ފަށައިގެން އޭނާވަނީ، ފްލެމިންގޯ، ކޮރިންތިއާންސް، އެތުލެޓިކޯ މިނެއިރޯ އަދި އޭނާގެ އަމިއްލަ ރަށުގެ ކްލަބުކަމަށްވާ ބޮޓަފޮގޯގެ ކޯޗުކަންވެސް ކޮށްފައެވެ.


މެކްސިކޯގެ ކްލަބުތައް ކަމަށްވާ މޮންޓަރޭއާއި ތިޖުއަނާއަކީވެސް 1990ގެ އަހަރު ތަކުގައި އޭނާ ކޯޗުކޮށްދިން ޓީމުތަކެވެ. އަދި އޭނާ ވަނީ، 2005 ވަނަ އަހަރު ރިޓަޔާ ކުރުމުގެ ކުރީން ބައިނަލްއަގްވާމީ ފުޓްބޯޅައިގައި އޮމާނާއި އަޒަރުބައިޖާނަށްވެސް ކޯޗުކޮށްދީފައެވެ.