ވިލާތުގެ އެންމެ ކާރުބާރު ބޮޑު އެއާޕޯޓު ކަމުގައިވާ، އިނގިރޭސި ވިލާތުގެ ލަންޑަނުގެ ހީތުރޯ އެއާޕޯޓުގައި ތިންވަނަ ރަންވޭއެއް އެޅުމަށް އިނގިރޭސި ވިލާތުގެ ކެބިނެޓުން ނިންމައިފިއެވެ.

ހީތުރޯ އެއާޕޯޓަކީ އިނގިރޭސި ވިލާތުގެ ލަންޑަނުގައި ހުންނަ ދެ ބައިނަލްއަގުވާމީ އެއާޕޯޓުން ކުރެ، އެއާޕޯޓެކެވެ. ލަންޑަން ސަރަހައްދުގައި ދެން ހުންނަނީ ގެޓްވިކް އެއާޕޯޓެވެ.

ހީތުރޯ އެއާޕޯޓުގައި ތިންވަނަ ރަންވޭއެއް އެޅުމަށް އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭގެ ކެބިނެޓުން އިއްޔެ ނިންމި ނިންމުމާ ގުޅިގެން، ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ. ފާޑު ކިޔާ ފަރާތްތަކުން ކަންބޮޑުވުމަކީ، ހީތުރޯގެ އޮޕަރޭޝަންތަކާއި ޓްރެފިކް ބޮޑުވެ، ލަންޑަނުގެ ވައި ތަޣައްޔަރުވެ، އެފަދަ މައްސަލަތަކާ ކުރިމަތިލުމެވެ.

ލަންޑަނުގެ މޭޔަރު ސޯދިގު ޚާން ވިދާޅުވީ، ޕެރިހާއި، އެމްސްޓަޑަމާއި، ފްރެންކްފާޓާއި މެޑްރިޑް ފަދަ ސިޓީތަކުގައި ހުރި ހުރިހާ އެއާޕޯޓުތަކުގެ ސަބަބުން ވައި ނުސާފުވެ، އަޑުގަދަ ވުމުގެ މައްސަލަ ކުރިމަތިވާ މީހުންގެ ޖުމްލަ އަދަދަށް ވުރެ، ހީތުރޯ އެއާޕޯޓާ ހެދި އެމައްސަލަތައް ކުރިމަތިވާ މީހުންގެ އަދަދު ގިނަވާނެ ކަމަށެވެ.

އަދި ލަންޑަނުގެ ވަޔަކީ މީހަކު މަރާލެވޭ ފަދަ، ގެއްލުންބޮޑު އެއްޗެއް ކަމަށް މޭޔަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ހީތުރޯ އެއާޕޯޓު އެކްސްޕޭންޑުކުރުމަކީ އިނގިރޭސި ވިލާތަށް ހެދޭނެ ގޯހެއް ކަމަށެވެ.

ހީތުރޯގެ އާ އެއާޕޯޓު އެޅުމަށް، އެއާޕޯޓު ކައިރީގައި ހުރި ބައެއް ޓައުންތައް ވެސް ސުންނާފަތި ކޮށްލަން ޖެހެއެވެ.

މި ނިންމުމާ ގުޅިގެން، އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ޒެކް ގޯލްޑްސްމިތު ވަނީ މަގާމުން އިސްތިއުފާ ވެސް ދެއްވައިފައެވެ.

ލަންޑަންގެ ގެޓްވިކް އެއާޕޯޓުން ބުނި ގޮތުން، އިނގިރޭސި ކެބިނެޓުން ނިންމި ނިންމުމަކީ ހިތާމަވެރި ނިންމުމެކެވެ.

ހީތުރޯ އެއާޕޯޓު އިތުރަށް ބޮޑުކޮށް، ތިންވަނަ ރަންވޭއެއް އެޅުމަށް ތެރީސާ މޭގެ ސަރުކާރުން ނިންމާފައިވާ އިރު، މި ނިންމުން ތަންފީޒު ކުރެވޭނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައި، އެ މަޖިލީހުގެ ރުހުން ލިބިގެންނެވެ.

އިނގިރޭސި ކެބިނެޓުގެ ބައެއް މެމްބަރުންވެސް ތިއްބެވީ މި ނިންމުމަށް ޝައްކުގެ ނަޒަރަކުން ބައްލަވާށެވެ. އިނގިރޭސި ފޮރިން ސެކްރެޓަރީ ބޯރިސް ޖޯންސަން ވިދާޅުވި ގޮތުގައި ތިންވަނަ ރަންވޭއެއް ހީތުރޯގައި އެޅުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

އިނގިރޭސި ޑިޕާޓްމެންޓް ފޯރ ޓްރާންސްޕޯޓުން ބުނާ ގޮތުގައި ހީތުރޯގައި ތިންވަނަ ރަންވޭއެއް އެޅިގެން ދިއުމަކީ އެގައުމުގެ އިގްތިސާދު ވަރަށް ބޮޑަށް ފުޅާ ކުރެވޭނެ ކަމަކަށް ވާނެއެވެ. އެގޮތުން އެގައުމުގެ އިގްތިސާދަށް ކުރިޔަށް އޮތް 14 އަހަރުގެ ތެރޭގައި 61 ބިލިޔަން ޕައުންޑު ލިބި، 77،000 އަށް ވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށް އެ ޑިޕާޓްމެންޓުން ބުނެއެވެ.

ހީތުރޯ އެއާޕޯޓުން ބުނަނީ ތިންވަނަ ރަންވޭއެއް އެޅިގެން ދިއުމަކީ ލަންޑަނާއި ބައެއް އެހެން ގައުމުތަކާ ދެމެދު ސީދާ ފްލައިޓުތައް ދަތުރުކުރުމަށް މަގުފަހިކުރުވާނެ ކަމަކަށް ވާނެއެވެ.