ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ށ. ކަނޑިތީމުގައި ގާއިމްކުރި ނަރުދަމާ ނިޒާމު ރަސްމީކޮށް މިއަދު އިފްތިތާހް ކޮށްފި އެވެ.

ހުރިހާ ރައްޔިތުންނަށް ނަރުދަމާގެ ނިޒާމެއް ޔަގީން ކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މީގެ ދެ އަހަރު ކުރިން އަމަލީ މަސައްކަތްފެށި އެ މަޝްރޫއު ރަސްމީކޮށް އިފްތިރާހް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

މިއީ ރައީސް ޔާމީން ކަނޑިތީމަށް ވަޑައިގަތް ފުރަތަމަ ފަހަރެވެ. ކަނޑިތީމު ނަރުދަމާގެ ނިޒާމަކީ ސަރުކާރުގެ ބަޖެޓުން 40.9 މިލިއަން ދިވެހި ރުފިޔާ ހަރަދުކޮށްގެން ޑިޒައިން އެންޑް ބިލްޑް އުސޫލުން މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ކުރިއަށްގެންދިޔަ ޕްރޮޖެކްޓެކެވެ. އެ ޕްރޮޖެކްޓުގެ މަސައްކަތް މިއަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅު ނިންމާލާފައިވާއިރު، ރަށުގެ 371 ގެއަކަށް ވަނީ ނަރުދަމާ ގުޅާ ދެވިފައިވެ އެވެ. ނަމަވެސް އަދި މިހާތަނަށް ނަރުދަމާ ހޮޅި ގުޅާފައިވަނީ ގާތްގަނޑަކަށް 50 ވަރަކަށް ގެއަށް ކަމަށް ކައުންސިލުން ބުނެ އެވެ.

ގާތްގަނޑަކަށް 1100 މީހުން ރަޖިސްޓްރީ އޮންނަ ކަނޑިތީމުގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ދަށުން 8.84 ކިލޯމީޓަރުގެ ދިގު ނަރުދަމާ ނެޓްވޯކެއް ގާއިމްކޮށްފައިވާއިރު، ތިން ޕަމްޕު ސްޓޭޝަނާއި 207 މޭންހޯލް ހަދާފައިވެ އެވެ. އަދި ރަށުން ފެށިގެން ދިގުމިނުގައި 248 މީޓަރު ހުންނަ ސީ އައުޓްފޯލް އެއް ވަނީ ގާއިމްކޮށްފަ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، ކަނޑިތީމުގައި ގާއިމްކުރި ނަރުދަމާގެ ނިޒާމް ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކާ އެ ނިޒާމް ހިންގާ ބަލަހައްޓަން ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާ ކަމަށެވެ.