25 Oct 2016, 22:53
ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ޖެނަރަލް ސެކްރެޓަރީގެ މަގާމަށް ކުރިން އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީގެ މަގާމު އަދާކުރެއްވި މުހައްމަދު އާދަމް އައްޔަނުކުރައްވައިފި އެވެ.
ޒުވާނުންގެ މަރުކަޒު ސެމިނާ ރޫމްގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއެގައި ވާހަކަފުޅު ދައްކަވަމުން އެ އިދާރާއަށް ދާދި ފަހުން އިންތިހާބްވި މުހައްމަދު ލަތީފު ވިދާޅުވީ ޖީއެސްގެ މަގާމަށް މުހައްމަދު އާދަމް އައްޔަނުކުރަން އެކެސްކޯއިން ނިންމީ އޭނާ އަކީ ވޯލީބޯޅަ އެހެން ހަރުފަތަކަށް ގެންދެވޭނެ ގާބިލް ބޭފުޅެއް ކަމަށް ފެންނާތީ ކަމަށެވެ.
"ވޮލީގޭ ޖީއެސްއަކަށް ބޭނުންވަނީ ވޮލީގެ ރަނގަޅު ހަރުދަނާ މަސަކަތްކަތެއް ކުރެވި އަދި ކުޅިވަރު އެއީ ވިޔަފާރީއަކަށް ބަދަލުކޮށްލަން އެނގޭ މާކެޓިން އަދި ސޭލްސް މީހެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. އޭނާ އަކީ އެ ހުރިހާ ކޮލިޓީއެއް ހުރި މީހެއް،" ލަތީފް ވިދާޅުވިއެވެ.
ލަތީފު ވިދާޅުވީ މުހައްމަދު އާދަމަކީ ހަމައެކަނި ފުޓްބޯޅައިގެ މީހެއް ނޫން ކަމަށާއި އޭނާ ވަނީ ބާސްކެޓްބޯލް އެސޯސިއޭޝަންގައި ވެސް މަސަތްކަތްކޮށްފައި ކަމަށެވެ.
"މުހައްމަދު އާދަމް އަކީ ކުޅިވަރުގެ މީހެއް. ކުޅިވަރުގެ ތަޖުރިބާ އާއި މުބަރާތްތަށް ރޭވުމުގެ ގާބިލްކަން ހުރި މީހެއް. އަދި އޭނާ އަކީ އެސޯސިއޭޝަނެއްގެ ޖީއެސްއަކަށް ނެގުމަށް މިހާރު މާލޭގައި ހުރި އެންމެ މޮޅު އެކަކު،" ލަތީފު ވިދާޅުވި އެވެ.
ލަތީފް ވަނީ މިދިޔަ އަހަރު މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި މިނިވަން ފަންސާސް މުބާރާތް މުހައްމަދު އާދަމްގެ ބެލުމުގެ ދަށުން ކާމިޔާބު ކަމާއެކު ނިންމާލިކަން ފާހަގަކޮށް ވޮލީއެހެން ހަރުފަތަކަށް ގެންދުއުމަށް ބޭނުންވަނީ އެފަދަ ގާބީލް މީހެއްކަން ފާހަގަކޮށްފައެވެ.
ކުރިން ލެގޫންސް ސްޕޯޓްސް ކުލަބަށް ކުޅުއްވި މުހައްމަދު އާދަމަކީ އެފްއޭއެމްގެ 'އޭ' ލައިސެންސް އޮންނަ ކޯޗެކެވެ. އަދި މީގެ ކުރިން 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމު ވެސް އަދާކޮށްފައިވާ ކޯޗެކެވެ. އޭނާ އެފްއޭއެމްގެ ޖެނަރަލް ސެކަޓްރީގެ މަގާމަށް އަދާކޮށްފައި ވަނީ ކުރިން އޮތް އެފްއޭއެމްގެ ނޯމަލައިޒޭށަން ކޮމެޓީއަށް ބައްސާމް އަދީލް ޖަލީލް ހަމަޖެއްސުމާއި އެކު ޖީއެސްގެ މަގާމް ހުސްވުމުންނެވެ.