ބާލިން : ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ އެންމެ ބޮޑު އެއް ޖަމާއަތް ކަމަށްވާ ޙަމާސް ޖަމާއަތް ހުޅަނގުގެ ޤައުމުތަކުން ގަބޫލު ކުރުމަށް އެ ޤައުމުތަކުގެ ބޮޑުވަޒީރުކަމާއި ޚާރިޖީ ވަޒީރުކަން ކުރިން ކުރައްވާފައިވާ ގިނަ ޢަދަދެއްގެ ބޭފުޅުން ގޮވާލައްވައިފިއެވެ.

ހަމާސް ގަބޫލު ކުރުމަށް ހުޅަނގުގެ ޤައުމުތަކުގެ ބޮޑުވަޒީރުކަމާއި ޚާރިޖީ ވަޒީރުކަން ކުރިން ކުރައްވާފައިވާ 24 ބޭފުޅަކު ސޮއިކުރައްވައި ނެރުއްވާފައިވާ ބަޔާން ޝާއިޢު ކޮށްފައިވަނީ ޖަރުމަނުގެ މަޝްހޫރު މަޖައްލާއެއް ކަމަށްވާ ދީރު ޝްބީގަލް ގައެވެ.

މިޚިތާބުގައި އެ ބޭފުޅުން ގޮވާލައްވާފައިވަނީ ފަލަސްތީނުގެ ރައްޔިތުންނާމެދު ހުޅަނގުން ގެންގުޅޭ ސިޔާސަތުތައް ރަނގަޅު ކުރަން ވެއްޖެ ކަމަށާއި ފަލަސްތީނާމެދު ހުޅަނގުން ގެންގުޅޭ އެންމެ ގޯސް އެއްސިޔާސަތަކީ ހާމަސް ޖަމާއަތަށް އިޢްތިރާފް ނުވުމާއި އެޖަމާއަތް އެކަހެރި ކުރުން ކަމުގައެވެ.

ހަމާސްއަކީ އެކަހެރި ނުކުރެވޭވަރަށް ފަލަސްތީނު ރައްޔިތުންގެ ތާއީދު އޮތް ޖަމާއަތެއް ކަމަށާ ޙަމާސްއާނުލާ ފަލަސްތީނާބެހޭ އެއްވެސް ކަމެއް ނުނިންމޭނެ ކަމަށް އެ ޚިތާބުގައި އެބޭފުޅުން ބަޔާން ކުރައްވާފައިވެއެވެ.

އެޚިތާބުގައި ސޮއިކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ހޮލެންޑްގެ ކުރީގެ ބޮޑުވަޒީރު ޑްރީސް ވާން އިޖެޓް އާއި ފަރަންސޭސިވިލާތުގެ ކުރީގެ ޚާރިޖީ ވަޒީރު ހުބޭރވިޑްރިން ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. ހުޅަނގުގެ ޤައުމުތަކުގެ ކުރީގެ މަސްއޫލުވެރިންގެ އިތުރުން އިސްރާއީލުގެ ކުރީގެ ޚާރިޖީ ވަޒީރު ޝުލޯމޯ ބިން އާމީވެސް އެ ޚިތާބުގައި ސޮއިކުރައްވާފައި ވެއެވެ.

ފަލަސްތީނުގެ މިނިވަން ކަމަށްޓަކައި އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިޢްމާރާ ދެކޮޅަށް ހަތިޔާރުގެ ޖިހާދެއް ޙަމާސުން ކުރަމުން ގެންދާތީ އެމެރިކާއާއި ޔޫރަޕްގެ ޤައުމުތަކުން ޙަމާސް ސިފަކުރަނީ "ޓެރަރިސްޓް" ޖަމާޢަތެއްގެ ގޮތުގައެވެ. ނަމަވެސް އިސްތިޢްމާރާއި އަޅުވެތިކަމާ ދެކޮޅަށް ހަތިޔާރުން ޖިހާދު ކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނުގައި ކޮންމެ ރައްޔިތަކަށްވެސް ލިބިދީފައިވާ ޙައްޤެކެވެ.

ފަލަސްތީނުގައި 2005 ވަނަ އަހަރު ބޭއްވި ދިމުޤްރާތީ އިންތިޚާބު ޙަމާސް ކަމިޔާބުކޮށް ފަލަސްތީނުގެ ވެރިކަން ޙަމާސަށް ލިބުމުންވެސް ހުޅަނގުގެ ޤައުމުތަކުން ޑިމޮކްރަސީއަށް ބެލުމެއްނެތި މަސައްކަތްކުރަމުން ގެންދިޔައީ ޙަމާސްގެ ދިމުޤްރާތީ ސަރުކާރާ ދެކޮޅަށް ދަތިކުރުމުގެފިޔަވަޅުތައް އަޅައިގެން އެސަރުކާރު ވައްޓާލުމަށާއި ފަލަސްތީނުގެ ޑިމޮކްރަސީ ފުނޑުފުނޑު ކޮށްލުމަށެވެ.

މިގޮތުން ޙަމާސްގެ ދިމުޤްރާތީ ސަރުކާރު ވައްޓާލައި ފަލަސްތީނުގެ ޑިމޮކްރަސީ ފުނޑުފުނޑު ކޮށްލުމުގައި އެމެރިކާއާއި ޔޫރަޕާއި އިސްރާއީލު ވަނީ ކާމިޔާބު ހޯދާފައެވެ. -- އަލްޖަޒީރާ