އެމްޕީއެލް ސަރަހައްދު ބޭރުގައި އަޅާފައި އޮތް މުދާ އުފުލާ ބޯޓަކުން ބާޖަކަށް ކޮންޓެއިނާއެއް ބާލަނިކޮށް، އެ ކޮންޓެއިނާ ކަނޑަށް ވެއްޓިއްޖެ އެވެ.

އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވީ، އެ ކޮންޓެއިނާ ކަނޑަށް ވެއްޓެން މެދުވެރިވީ ކޮންޓެއިނާ ބަހައްޓާފައި ހުރި ބޯޓުގެ ކްރޭން މެދުވެރިކޮށް ކޮންޓެއިނާ ބާޖަށް ބަރުކުރަން އުޅުމުގެ ތެރޭގައި ކްރޭނަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށެވެ.

އޭނާ ވިދާޅުވީ އެމްޕީއެލްގެ ބާޖަކަށް ބަރުކުރަމުން ދިޔައީ ހަނީ ކޯނާގެ ކޮންޓެއިނާއެއް ކަމަށާއި، މައްސަލަ ދިމާވި ކްރޭނު ވެސް ހަރުކޮށްގައި ހުރީ ހަނީ ކޯނާގެ ބޯޓެއްގައި ކަމަށެވެ. އެއީ "އެމްވީ ޖޭޑް" ނަމަކަށް ކިޔާ ބޯޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޯޓުގައި އިންނަ ޝިޕް ކްރޭނަށް މައްސަލައެއް މި ދިމާ ވެގެން އޭގަ އިންނަ ހައިޑްރޯލިކް ހޮޅިއެއް ދިޔައީ ފަޅައިގެން. ދެން އޭގެ ބާރު ނެތިގެން ގޮސް މަޑުމަޑުން މޫދަށް ތިރިވީ. އޭރު އަދި ބާޖަކަށް ނުލައްވާ،" އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ތަހުގީގު ކުރުމުން ނޫނީ އެއީ މެއިންޓަނެންސް މައްސަލައެއްތޯ ނުވަތަ އެހެން ގޮތަކުން ދިމާވި މައްސަލައެއްތޯ ބުނަން ނޭންގޭނެ ކަމަށެވެ.