25 Oct 2016, 21:25
ޗައިނާގެ އިގްތިސާދު ފުރަތަމަ ފަހަރަށް އެމެރިކާގެ އިގްތިސާދުގެ މައްޗަށް ކުރިހޯދުމަށްފަހު ދުނިޔޭގެ އެއްވަނަ އިގްތިސާދީ ބާރުގެ މަގާމު މިހާރު ވަނީ ހޯދާފަ އެވެ.
ބައިނަލްއަގްވާމީ އެންމެ ބޮޑު މާލީ އިދާރާ ކަމަށްވާ އައިއެމްއެފް އިން ދާދިފަހުން ނެރުނު މާލީ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އޮކްޓޯބަރުމަހުގެ ތެރޭގައި ޗައިނާގެ އިގްތިސާދު 17.6 ޓްރިލިޔަން ޑޮލަރަށް އަރާފައިވާއިރު އެމެރިކާގެ އިގްތިސާދުވަނީ 17.4 ޓްރިލިޔަން ގައެވެ. އެހެންކަމުން ޗައިނާ ގެ އިގްތިސާދު މި ވަނީ ފުރަތަމަ ފަރަހަށްއެމެރިކާގެ އގްތިސާދަށްވުރެ 200 ބިލިޔަން ޑޮލަރަށް މައްޗަށް ޖެހިފައެވެ. މިއާއެކު މިހާރު ދުނިޔޭގެ އެއްވަނަ އިގްތިސާދީ ބާރަކީ ޗައިނާއެވެ. ދެވަނަ އިގްތިސާދަކީ އެމެރިކާއެވެ.
މިއީ ފާއިތުވި 140 އަހަރު ތެރޭގައި ދުނިޔޭގެ އިގްތިސާދީ އެއްވަނަ ބާރުގެ ގޮތުގައިއޮތް އެމެރިކާއަށް އެމަގާމު ގެއްލިގެންދިޔަ ފުރަތަމަ ފަހަރެވެ. އައިއެމްއެފް ގެ ތަފާސް ހިސާބުތަކާއި އިގްތިސާދީ ލަފާކުރުންތައް ދައްކާ ގޮތުން ދެން އެމެރިކާއަށް އިގްތިސާދީ ގޮތުން ދެން ޗައިނާ އަތެއްނުވާނެ އެވެ. އަދި ޗައިނާއާ ފައިހަމަ އެއްވެސް ނުކުރެވޭނެއެވެ.
މީގެ ބަދަލުގައި އެދެގައުމުގެ އިގްތިސާދީ ތަފާތުތައްވެސް އަހަރަކުން އަހަރަށް ދެން ބޮޑުވަމުންދާނީ އެމެރިކާގެ މައްޗަށް ޗައިނާ ކުރިއަރާ ގޮތަށެވެ. ސަބަބަކީ ޗައިނާގެ އިގްތިސާދީ ދުވެލި އެމެރިކާގެ އިގްތިސާދީ ދުވެއްޔަށްވުރެ ދެގުނަ ބާރުވަމުންނެވެ.
ފާއިތުވި އަށެއްކަ އަހަރުތެރޭގައި އެމެރިކާގެ އިގްތިސާދީ ކުރިއެރުން 2 އިންސައްތަ އާއި 4 އިންސައްތަ އާ ދެމެދުގައި ހުރިއިރު ޗައިނާގެ އިގްތިސާދު ކުރިއަރާފައިވަނީ 6 އިންސައްތައާއި 9 އިންސައްތާ ދެމެދުގެ މިންވަރެއްގައެވެ. އަދި ޗައިނާގެ އިގްތިސާދު ފަހަތަށްދާނެ ކަމަށް ނުބެލެވޭތީ ކުރިޔަށްއޮތް އަހަރުތަކުގައި އެމެރިކާ އަތްނުފޯރާ ފަށަށް ޗައިނާގެ އިގްތިސާދު ކުރިޔަށްޖެހިލާނެ ކަމަށްވެސް އައިއެމްއެފްގެ ލަފާކުރުންތަކުން ހާމަވެފައިވެއެވެ.
އެމެރިކާގެ އިގްތިސާދު ދަށަށްދާ ސަބަބުތަކުގެ ތެރޭގައި އެމެރިކާގެ އެތެރޭގައި ޖަރީމާތައް ގިނަވުމާއި އެމެރިކާގެ އެތެރޭގެ ޚަރަދުތައް ބޮޑުވުމާއި އެމެރިކާ ސަރުކާރުގެ އިސްރާފް ޚަރަދުތައް ބޮޑުވުމާއި އަސްކަރީ ކަންކަމަށް އެމެރިކާ ކުރާ ހޭދަތައް ބޮޑުވުމުގެ އިތުރުން އިންވެސްޓްމަންޓްތަކާއި ވިޔަފާރީގެ މުޢާމަލާތްތަކުގެ ދާއިރާތަކުގައި އެމެރިކާގެ ކުންފުނިތަކަށް، ޗައިނާގެ ކުންފުނިތަކާ، ފައިހަމަ ނުކުރެވޭ މައްސަލަ ހިމެނެއެވެ.
އެމެރިކާއަކީ މައިގަނޑު ގޮތެއްގައި ދުނިޔޭގެ ރޯމެޓީރިއަލް އުފައްދާ ގައުމުތަކުން އަގުހެޔޮކޮށް ރޯމެޓީރިއަލް އިންޕޯޓްކޮށްގެން (އެމެރިކާއަށް ގެނަސްގެން) އެމެރިކާގައި ޕްރެސެސްކޮށް އެތަކެތި ސިނާއީ ތަނެއްޗަށް ބަދަލުކޮށްގެން ދުނިޔޭގެ ބާޒާރުތަކުގައި އަގުބޮޑުކޮށް ވިއްކައިގެން ބޮޑުފައިދާ ހާސިލް ކުރަމުން ގެންދާ ގައުމެވެ.
މީގެބަދަލުގައި ޗައިނާ އަމަލުކުރަމުން ގެންދާ ގޮތަކީ ރޯމެޓީރިއަލް އުފައްދާ ގައުމުތަކުގައި ބޮޑެތި އިންވެސްޓްމަންޓްތަކެއްކޮށްދީ އަމިއްލަ ފައިމައްޗަށް ތެދުވެވޭނެމަގު އެގައުމުތަކަށް ފަހިކޮށްދިނުމެވެ. މިގޮތުން އެފަދަ ގައުމުކުގައި (ޚާއްސަކޮށް ރޯމެޓީރިއަލް އުފައްދާ އެފްރިކާގެ ގައުމުތަކުގައި) ޗައިނާއިން ފެކްޓަރީތައް ބިނާކޮށްދީ އެގައުމުތަކުގެ ރައްޔިތުންނަށް ސިނާއީ ތަމްރީންދީގެން އެގައުމުތަކުގައި އެގައުމުތަކުގެ ރޯމެޓީރިއަލް ޕްރެސެސްކޮށް އެތަކެތި ސިނާއީ ތަކެއްޗަށް ހަދައިގެން އެގައުމުތަކަށާއި ދުނިޔޭގެ އެހެން ގައުމުތަކަށް ވިއްކުމެވެ.
މީގެއިތުރުން ރޯމެޓީރިއަލް އުފައްދާ ފަގީރު ގައުމުތަކުގައި މަގުތަކާއި ބަނދަރުތަކާއި އެއަރޕޯޓްތައްފަދަ އެގައުމުތަކުގެ އިންފްރާސްޓްރަކްޗަރ އަށް ބޭނުންވާ އިންވެސްޓްމަންޓްތައް ކޮށްދެނީވެސް ޗައިނާއިންނެވެ.ޗައިނާގެ ލޯންއެހީގައި ޗައިނާގެ ކުންފުނިތަކުންނެވެ. ނަތީޖާއަކަށްވަނީ ޗައިނާއިން ދޭ ލޯންތައް އިންޓަރްސްޓާއެކު އަލުން އަނބުރައި ދެއްކޭފަދަ އިގްތިސާދީ ކެރިފޯރުމާއި ތަނަވަސްކަން އެގައުމުތަކަށް ލިބިގެން ދިޔުމެވެ. ޗައިނާގެ ސިލްކް ރޫޓް ސިޔާސަތަކީ މިބާވަތުގެ ސިޔާސަތެކެވެ.
ސިލްކު ރޫޓް މިސިޔާސަތުގެ ސަބަބުން ކުދި އަދި ފަގީރުގައުމުތަކުގެ މަގުތަކާއި ބްރިޖްތަކާއި ބަނދަރުތަކާއި އެއަރޕޯޓްތައް ޗައިނާއިން ބިނާކޮށްދީ ޗައިނާއިން ދޭ ލޯން ފައިސާ އަނބުރައި ދެއްކޭފަދަ އިގްތިސާދީ ކެރިފޯރުމާއި ތަނަވަސްކަން އެގައުމުތަކަށް ހޯދައިދިނުމަށް ޗައިނާ މަސައްކަތްކޮށްދީ އެކަމަށް މާލީގޮތުންނާއި ފަންނީގޮތުން އެހީތެރިވެދީ މީހުންވެސް ބިނާކޮށްދެއެވެ.
ނަތީޖާއަކީ އެގައުމުތަކުގައި ޗައިނާ ކުރާ އިންވެސްޓްމަންޓްތަކުގެ ފައިދާ (ދިގުމުއްދަތަކުން) މާބޮޑުކޮށް ޗައިނާއަށް ލިބިގެންދާ ގޮތްވުމާއި ޗައިނާގެ ރައްޔިތުންނަށް ވަޒީފާގެ ފުރްސަތުތައް ތަނަވަސްވެގެން ދިޔުމެވެ. މިކަމުގެ ސަބަބުން ދިގުމއްދަތެއްގައި އެއިންވެސްޓްމަންޓްތަކުން ޗައިނާއަށް ލިބޭ ފައިދާ އެމެރިކާއަށް ލިބޭ ފައިދާއަށްވުރެ އެތަށް ގުނައެއް ބޮޑުވެގެންދެއެވެ.
ކުރިންވެސް ދެންނެވި ފަދައިން އެމެރިކާއާއި ހުޅަނގުގެ އެހެން ގައުމުތަކުން އަމަލުކުރަމުން ގެންދާ ގޮތަކީ ރޯމެޓީރިއަލް އުފައްދާ ގައުމުތަކުން އަގުހެޔޮކޮށް ރޯމެޓީރިއަލް އިންޕޯޓްކޮށްފާ އަދި އެގައުމުތަކަށް ބޮޑެތި ލޯންތަކެއް ދީފާ ދެން އެގައުމުތަކާ އަޅާނުލުމެވެ. ނަތީޖާއަކީ އެގައުމުތަކުގައި ފެކްޓަރީތަކާއި މީހުންނާއި އިންފްރާސްޓްރަކްޗަރ ބިނާކޮށްނުދޭއިރު ހުޅަނގުގެ މާލީ އިދާރާތަކުގެ ލޯންތަކުގެ ޝިކާރައަކަށް އެގައުމުތައް ވެގެންދިޔުމެވެ. މިކަމުގެ ސަބަބުން ކުރުމުއްދަތެއްގައި ބޮޑު ފައިދާއެއް އެމެރިކާގެ ކުންފުނިތަކަށް ނެގުނުނަމަވެސް ދިގުމުއްދަތެއްގައި އެގައުމުތަކުން ފައިދާ ހާސިލް ކުރެވޭގޮތް ނުވެއެވެ. ސަބަބަކީ ރޯމެޓީރިއަލް އުފައްދާ ގައުމުތައް އިގްތިސާދީ ގޮތުން ބަލިކަށިވެ އަދި އަލުން އަނބުރައި ލޯންވެސް ނުދެއްކޭފަދަ ނިކަމެތި ޙާލަތަކަށް އެގައުމުތަކުގެ އިގްތިސާދު ވެއްޓިގެން ދިޔުމެވެ.
ދުނިޔޭގެ އިގްތިސާދީ މާހިރުންނާއި މާލީ މުއައްސަސާތަކުން ލަފާކޮށްފައިވާ ގޮތުން ޗައިނާއަށް އެމެރިކާގެ މައްޗަށް އިގްތިސާދީ ގޮތުން ކުރިހޯދޭނީ 2018 ވަނަ އަހަރުގައެވެ. ނަމަވެސް ލަފާކުރިވަރަށްވުރެސް އަވަސްކޮށް ޗައިނާގެ އިގްތިސާދު ކުރިއަރަމުން ދިޔުމުގެ ނަތީޖާއަކަށްވެގެންދިޔައީ އެއަށްވުރެ މާއަވަހަށް އެމެރިކާގެ އިގްތިސާދުގެ މައްޗަށް ކުރިހޯދުމެވެ. އެމެރިކާ ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ އެއްވަނަ އިގްތިސާދީ ބާރުގެ މަގާމު ޗައިނާ ހޯދުމެވެ.
މިކަމުގެ ސަބަބުން ދުނިޔޭގެ މަސްރަހުގައިވާ އެމެރިކާގެ އަސްކަރީ ބާރުވެރިކަމަށްވެސް މުސްތަގްބަލްގައި ލޮޅުން އަރައިގެންދާނެއެވެ. އަދި ބައިނަލްއަގްވާމީ މާލީ މުޢާމަލާތްތަކުގައިވެސް ޑޮލަރުގެ ބާރުކުޑަވެ ޗައިނާގެ ޔުވާން އިން ވިޔަފާރީގެ މުއާމަލާތްތައް މިކަމުގެ ސަބަބުން ފެށިގެންދާނެކަމަށް މުހައްލިލުން ދެކެއެވެ.
ދުނިޔޭގެ މަސްރަހަށް އަތްގަދަ ކުރުމަށް މީގެ ހަތްދިހަ ވަރަކަށް އަހަރުކުރިން އެމެރިކާ ރާވާފައިވާ ރޭވުންތަކުގެ ތެރޭގައި ހިމެނޭ މައިގަނޑު ދެކަމަކީ އަސްކަރީ ބާރުވެރިކަމާއި ދުނިޔޭގެ މާލީ މުއާމަލާތްތައް އެމެރިކާ ގެ ޑޮލަރުން ކުރުމެވެ. އަދި ޚާއްސަކޮށް މަނީ ޓްރާންސްފަރ އާއި ދުނިޔޭގެ ބޭންކިން ނިޒާމު އެމެރިކާގެ ކޮންޓްރޯލްގެ ދަށުގައި ބޭއްވުމެވެ. ނަމަވެސް ދުނިޔޭގެ އެތަށް ގައުމަކުން ނިއުކްލިޔަރ ހަތިޔާރު އުފައްދައި އަސްކަރީ ބާރުވެރިކަން ހޯދުމާ އަދި އެމެރިކާގެ މައްޗަށް ޗައިނާ އިގްތިސާދީ ގޮތުން ކުރިހޯދުމުން އެމެރިކާގެ މިރޭވުންތައް މިހާރުމިދަނީ ނާކާމިޔާބުވަމުންނެވެ.
މިގޮތުން އިގްތިސާދީގޮތުން އެމެރިކާގެ މައްޗަށް ޗައިނާ ކުރި ހޯދުމުން ދުނިޔޭގެ ބޭންކިން ނިޒާމުގައި އެމެރިކާގެ ކޮންޓްރޯލް ކުޑަވެ ދުނިޔޭގެ މާލީ މުއާމަލާތްތައް އެމެރިކާ ގެ ޑޮލަރުން ކުރުމުގެ ބަދަލުގައި ޗައިނާގެ ޔުވާން އިންވެސް ކުރުމަށް މަގުފަހިވެގެންދާނެއެވެ. ނަތީޖާއަކީ ދުނިޔޭގެ ގައުމުތަކަށް ފިއްތުންތައް ކުރިމަތިކުރުމާއި ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އެޅުމުގެ ގާބިލްކަން އެމެރިކާގެ ކިބާގައި ކުޑަވެގެން ދިޔުމެވެ.
ނަމަވެސް އަދި ކުރިޔަށްއޮތް ދިހަވަރަކަށް އަހަރުވަންދެން ބައިނަލްއަގްވާމީ މަސްރަހުގައި އިގްތިސާދީ ބޮޑުބާރެއްގެ ގޮތުގައި އެމެރިކާ އޮންނާނެއެވެ. އަދި އެމެރިކާގެ އަސްކަރީ ބާރުވެރިކަން ދުނިޔޭގެ އެއްވަނަ އަސްކަރީ ބާރެއްގެ ގޮތުގައި އަދި 15 ވަރަކަށް އަހަރު އޮންނާނެއެވެ. އަދި އެމެރިކާގެ އިގްތިސާދީ އަދި އަސްކަރީ ބާރުވެރިކަން މުޅިން ބަލިކަށިވެގެނެއްވެސް ނުދާނެއެވެ. ނަމަވެސް އެމެރިކާގެ އިގްތިސާދީ ބާރުވެރިކަމާއި މާލީ ކޮންޓްރޯލްއާއެކު މުޅި ބައިނަލްއަގްވާމީ މަސްރަހަށް އަތްގަދަ ކުރުމުގެ ފުރިހަމަ ގާބިލްކަން އެމެރިކާގެ ކިބާގައި އެތަށް ތަނެއް ކުޑަވެގެންދާނެއެވެ. މިއާއެކު ދުނިޔޭގެ ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންވެސް އެމެރިކާ ޖެހިލުންވާނެއެވެ. ސަބަބަކީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާ ގައުމުތައް ޑޮލަރުގެ ބަދަލުގައި ޗައިނާގެ ޔުވާން އިން އިގްތިސާދީ މުއާމަލާތްކޮށް އެމެރިކާ ބައިޕާސް ކުރަން ފަށާފާނެތީއެވެ.
އަނެއްކޮޅުން އެމެރިކާއާނުލައި ޗައިނާއިސްވެ އޮވެގެން އުފައްދާފައިވާ އޭޝިޔަން އިންވެސްޓްމަންޓް ބޭންކުގެ ސަބަބުން އެމެރިކާގެ ބާރާއި ނުފޫޒުއޮންނަ ވޯލްޑް ބޭންކާއި އައިއެމްއެފް އާއި އޭޑީބީ ފަދަ މާލީ މުއައްސަސާތަކުގެ ކޮންޓްރޯލް ކުޑަވެގެންދާނެއެވެ. އަދި ޗައިނާއާއެކުގައިވާ ބްރިކްސް ގެ ގައުމުތައްވެސް ދުނިޔޭގެ ބޮޑެތި އިގްތިސާދީ ބާރުތަކަށް ވަމުންދާތީ ދުނިޔޭގެ އިގްތިސާދުގައި އެމެރިކާ ހިއްސާ ކުރާ މިންވަރު މުސްތަގްބަލްގައި ވަރަށް ބޮޑަށް ދަށަށްދާނެއެވެ.
ދެވަނަ ބޮޑުހަނގުރާމަ ނިމުނު އިރު މުޅި ދުނިޔޭގެ އިގްތިސާދުގެ 80 އިންސައްތަ ހިއްސާ ކުރަނީ އެމެރިކާގެ އިގްތިސާދެވެ. މިހާރު ދުނިޔޭގެ އިގްތިސާދުގައި އެމެރިކާގެ ހިއްސާއަކީ އެންމެ 15 އިންސައްތައެވެ. ކުރިޔަށްއޮތް 10 ވަރަކަށް އަހަރު ތެރޭގައި ދުނިޔޭގެ އިގްތިސާދުގައި އެމެރިކާގެ ހިއްސާ 8 އިންސައްތައަށް ދަށަށްދާނެ ކަމަށް އިގްތިސާދީ މާހިރުން ވަނީ ލަފާކުރައްވާފައެވެ.