މޯލްޑިވްސް މީޑިއާ ކައުންސިލް(އެމްއެމްސީ)ގެ މެމްބަރުކަން ކޮށްފައިވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ދެ އަހަރަށް 15 މީހުން ހޮވާ ޕާޓައިމް އެވަޒީފާގައި މަދުވެގެން މަހަކު 5000 ރުފިޔާ ލިބުމާ އެކު އަރާމް ދަތުރުތައް ކޮށްލަންލިބޭނެ އެވެ. ކުރެވޭ މާކަބޮޑު ކަމެއްނެތެވެ. ދެން އޮތީ ބުރޮޑްކާސްޓިކް ކޮމިޝަންއެވެ. އަނެއް ބޮޑު ހަރަދެވެ. ރައީސްގެ މުސާރަ އެކަނިވެސް މަހަކު 40000 ރުފިޔާ އަށް ވުރެ މައްޗެވެ.

އެ ދެ މުއައްސަސާގެ ނަތީޖާ ބަލާލަމާ ހިނގާށެވެ. ފަނަރަ މެމްބަރުންގެ މައްޗަށް އެކުލެވޭ މީޑިއާ ކައުންސިލްގެ ތިން ވަނަ ދައުރު ހިނގަމުންދަނީ އެވެ. ޕާޓް ޓައިމް މެމްބަރުންގެ މައްޗަށް އެކުލެވޭ އާންމު ހަތް މެމްބަރުންނާއި މީޑިއާތަކަށް ނިސްބަތްވާ އަށް މެމްބަރުންނާ އެކު އެ ކައުންސިލް އުފައްވީ 2009 ވަނަ އަހަރު އެވެ. ނަތީޖާ ފެނޭ ހެއްޔެވެ؟ މީޑީއާގެ ވެށި އަމާން ކުރެވުނުތޯ އެވެ؟ ގޮންޖެހުންތަކަށް ހައްލެއް ގެނެވުނުތޯ އެވެ؟

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މުވައްޒިފުން މަޖިލިސް ކޮމެޓީއެއްގައި -- ސަން ފައިލް ފޮޓޯ

އަދަދުން ފެންނަން އޮތީ ކޮންމެ މެމްބަރަކަށް މަހެއްގެ މައްޗަށް ދިން 5،000 ރުފިޔާ އެކަންޏެވެ. އިދާރީ މުވައްޒަފުންގެ ވެރިންގެ ހިސާބުން ފެށިގެން ބެލިނަމަވެސް ކަމާގުޅޭ ދާއިރާގެ ތަޖުރިބާކާރުން މަދީއެވެ. ތިބި މީހުންނަށް ވެސް ކަމެއް ކުރެވޭތަނެއްނުފެނެ އެވެ.

މީޑިއާ ކައުންސިލަށް މިއަހަރު ދައުލަތުގެ ބަޖެޓުން 4,607,328 ރުފިޔާ ހަރަދުކުރާ އިރު ބްރޮޑްކާސްޓިން ކޮމިޝަނަށް ދަނީ 9,074,089 ރުފިޔާ ހަރަދުކުރަމުންނެވެ. މީޑިއާ ރެގިއުލޭޓް ކުރުމަށް ޖުމްލަ ތޭރަ މިލިއަން ރުފިޔާ ހަރަދުކުރާއިރު މީޑިއާތަކުން ގަބޫލް ކުރަނީ އެއީ ބޭކާރު ހަރަދެއްގެ ގޮތުގަ އެވެ.

"ދެ ކޮމިޝަނެއް މުހިންމެއް ނޫން، އެއަށްވުރެ ކުޑަކުޑަ ތަނެއް ރާއްޖެއަކީ، ވަރަށް މަދު މީޑިއާތަކެއް މި ކުރިއަށް ގެންދަނީ، އެއް ކޮމިޝަނަކުން ދެ ކަންތައް ކުރެވިދާނެ،" ހަވީރު ނޫހުގެ އެޑިޓަރު، އަދި ނޫސްވެރިކަމުގެ ދާއިރާއިން ގައުމީ އިނާމް ހާސިލް ކުރައްވާފައިވާ މޫސާ ލަތީފް ވިދާޅުވި އެވެ.

ދެ ކޮމިޝަނެއް މިހާރު އޮންނަ އިރު ދެ ކޮމިޝަންގެ ގާނޫނު ފުށުއެރުމަކީ މިހާރު ވެސް ދިމާވާ އެންމެ ބޮޑު އެއް މައްސަލައެވެ. މީޑިއާގެ މިނިވަންކަން ދެމެހެއްޓުމާއި މީޑިއާގެ އަހުލާގީ މިންގަނޑުތައް އެކަށައެޅުމުގެ ޒިންމާ ގާނޫނުން ކަނޑައަޅާފައިވާ މީޑިއާ ކައުންސިލްގެ މެމްބަރުކަން ކޮށްފައިވާ ޕީއެސްއެމްގެ އެޑިޓަރު މުހައްމަދު އަފްސަލް ވިދާޅުވި ގޮތުގައި މީޑިއާ ކައުންސިލަށް ހުށަހަޅާ ބައެއް ޝަކުވާގެ މައްސަލަތައް ބަލާއިރު އެ ކައުންސިލާއި ބްރޮޑްކާސްޓިން ކޮމިޝަނަށް މެންޑޭޓާ ފުށުއަރާ ކަންކަން ފާހަގަކުރެވޭ ކަމަށެވެ.

މީޑިއާ ކައުންސިލްގެ މެމްބަރުން ސިފަކުރާ ގޮތުގައި އެއީ "ދަތް ނެތް ސިންގާ"އެ ކެވެ. ބާރެއް ނެތީއެވެ.

މީޑިއާ ކައުންސިލް މެމްބަރު ހުސައިން ހަސަން ވިދާޅުވި ގޮތުގައި އެ ކައުންސިލަށް ގާނޫނުން މަތިކުރަންޖެހޭ ޒިންމާތައް ދިނުމަށް މަޖިލީހުން ފަސްޖެހޭ ކަމަށާއި އެގޮތުން އަބުރު ރައްކާތެރި ކުރުމުގެ ގާނޫނު ދަށުން މީޑިއާތަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު މީޑިއާ ކައުންސިލަށް ދީފައި ނުވާކަން އޭނާ ފާހަގަ ކުރި އެވެ. އެ ގާނޫނު މަޖިލީހުން ފަރުމާކުރިއިރު، އެ ބާރު އެ ކައުންސިލަށް ދިނުމަށް ނުވިސްނާ ކަމަށް މަޖިލީހުގެ މެމްބަރުން ވިދާޅުވެފައިވާ ކަމަށް ހުސެން ފާހަގަ ކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މީޑިއާ ކައުންސިލުން މިހާރު ކުރެވެން އޮންނަ ކަމަކީ މީޑިއާތަކަށް ނަސޭހަތް ދިނުން ކަމަށާއި ނަސޭހަތް ދިނުމުގެ އިތުރުން އެޅޭނެ ފިޔަވަޅުތަކެއް ނެތް ކަމަށެވެ.

ނޫސްވެރިންގެ ޖަމިއްޔާތަކުން ވަނީ ރާއްޖެއިން ބޭރަށް ފޮނުވައިގެން ނޫސްވެރިން ތަމްރީނުކޮށްފަ އެވެ. އެއީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކޮށްދިން ކަންކަމެވެ. ނަމަވެސް ދައުލަތުން ހަަދުކުރާ މީޑިއާގެ ބެލެނިވެރި ދެ ފަރާތުން ވެސް އެކަން އެންމެ އެކަށޭނަ ގޮތެއްގައި ކުރާ ތަނެއް ނުފެ އެވެ. އެ ފަރާތްތަކުގެ ޖަވާބަކީ ބަޖެޓު ލިބިފައި ވަނީ "ދޮރު ހުޅުވާ ލައްޕާ" ވަރަށް ކަމަށެވެ.

މީޑިއާ ރެގިއުލޭޓް ކުރުމުގެ ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކުން އެ ވާހަކަތަކާ ދެކޮޅެވެ. އެ ފަރާތްތަކުން ބުނަނީ އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވެނީ ކަމަށެވެ. ހާއްސަކޮށް ކަމާ ގުޅުން ހުރި ދާއިރާތަކުގެ ތަޖުރިބާ އާއި ތައުލީމް ހުރި އިދާރީ މުއައްޒަފުން ނެތުމާއި ބައިނަލްއަގުވާމީ ފަރާތްތަކާއި އެކަށީގެންވާ ގުޅުންތައް ނެތުމަކީ އަމިއްލަ ޖަމިއްޔާއަށް ލިބޭ ފުރުސަތުތައް ވެސް އެފަރާތްތަކަށް ނުލިބުން ކަމަށެވެ.

"އެންމެ އެދޭ ބަޖެޓު ނުލިބުނަސް، ބަޖެޓުވެސް ލިބޭ، ޔޫއެންޑީޕީ ތަންތަނުން ބަޖެޓުވެސް ލިބޭ، އެކަމަކު އެންމެ ރަނގަޅަށް މަސައްކަތެއް ނުކުރެވޭ، ކައުންސިލްގައި މިތިބެނީ އެހެންތަންތަނުގައި މަސައްކަތް ކުރާ ބޭފުޅުން، ކޯރަމް ހަމަނުވެގެން އެތައް ހަފްތާއެއް ދޭ ބައްދަލުވުމެއް ނުބޭއްވި،" މީޑިއާ ކައުންސިލްގެ ތަޖުރިބާ ހިއްސާ ކުރަމުން އަފްސަލް ވިދާޅުވި އެވެ.

ދެން އޮތީ ބްރޮޑްކާސްޓިން ކޮމިޝަނެވެ. އަނެއް ބޮޑު ހަރަދެވެ. އެ ކޮމިޝަންގެ ރައީސްގެ މުސާރަ އެކަނިވެސް މަހަކު 40،000 ރުފިޔާ އަށް ވުރެ މައްްޗެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރު ކަމަށް ބޭފުޅުން ޢައްޔަނު ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން --ފޮޓޯ/ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުވައިގެން މަޖިލީހުން ފާސްކޮށް ކަނޑައަޅާ އެ މެމްބަރުންނާ ދޭތެރޭ މީޑިއާތަކުގެ ހިތްހަމަ ނުޖެހުން ބޮޑެވެ. މީޑިއާގެ ދާއިރާގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރުން ގަބޫލްކުރާ ގޮތުގައި ދައުލަތުން ބޮޑު ހަރަދެއްކުރާ އެ ކޮމިޝަނުގެ ނަތީޖާއެއް ނުނިކުމެވެ އެވެ.

"ބުރޮޑްކާސްޓިން ކޮމިޝަނުން ނޫސްވެރިންގެ މަސައްކަތް ހިމާޔަތް ކުރުމުގެ ބަދަލުގައި ކޮމިޝަނުން ހަމައެކަނި ކުރަނީ ސަރުކާރުން ބޭނުންވާ ގޮތަކަށް ވާހަކަ ދައްކަމުން ދިޔަތަން، މީޑިއާގެ މިނިވަންކަން ކަށަވަރު ކުރުމަށް ބްރޮޑްކާސްޓިން ކޮމިޝަނުން ކުރަންޖެހޭ ކަންތަކެއް ނުކުރޭ،" ހަވީރު ނޫހުގެ އެޑިޓަރު މޫސާ ލަތީފް ވިދާޅުވި އެވެ.

ބުރޮޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް ވިދާޅުވީ ގާނޫނުގައި ބަޔާންކޮށްފައިވާ މެންްޑޭޓް އަދާ ކުރަމުންދާ ކަމަށާއި މީޑިއާ ކައުންސިލް އޮތުމަކުން ވެސް އެކަމަށް ގޮންޖެހުމެއް ކުރިމަތިނުވާ ކަމަށެވެ.

ބާއްވަންވީ އެއް ކޮމިޝަން!

ތަޖުރިބާކާރު އެއް ނޫސްވެރިޔާ އަދި މީޑިއާ ޑެވެލޮޕްމަންޓް ފައުންޑޭޝަން މޯލްޑިވްސް (އެމްޑީއެފްއެމް) ޗެއާމަން އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވި ގޮތުގައި މީޑިއާ ރެގިއުލޭޓް ކުރުމަށް އޮތް އެންމެ ރަނގަޅު ނިޒާމަކީ މީޑިއާ ކައުންސިލާއި ބްރޮޑްކާސްޓިން ކޮމިޝަން އެއްކޮށްލައި އެއް ކޮމިޝަނެއްގެ ދަށުން ޒިންމާތައް އަދާ ކުރުމެވެ.

އެ ވިސްނުމާއި ހަވީރުގެ އެޑިޓަރު މޫސަ ވެސް އެއްބަސްވެ އެވެ. ދެ ކައުންސިލް އެއް ކޮށްލައިގެން އެއް ކޮމިޝަނެއް ހަދާއިރު އެތަނުގައި ތިބޭ މެމްބަރުންނަކީ މީޑިއާތަކުން ހޮވާ ބަޔަކަށް ވާންޖެހޭ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. ސަރުކާރު ބޭނުންވާ މީހުން އައްޔަން ކުރެވުނު ނަމަވެސް މެޖޯރިޓީ މެމްބަރުން ހިމެނެންވާނީ މީޑިއާތަކުން އިންތިހާބު ކުރާ މެމްބަރުންގެ ތެރެއަށް ކަމަށް މޫސަ ވިދާޅުވި އެވެ.

ދުނިޔޭގެ "ބެސްޓް ޕަރެކްޓިސް" އަކީ މީޑިއާގެ ކަންކަން ބަލަން ތަޖުރިބާކާރު މީހުން އައްޔަން ކުރުމެވެ. ކޮންމެހެން މާގިނަ މެމްބަރުން ތަކަކަށް ވާކަށް ނުޖެހެ އެވެ. އެކޮމިޝަނަކުން ކަނޑައަޅާ އުސޫލަކަށް މީޑިއާތަކުން ވެސް އަމަލުކުރާނެ އެވެ. ނަމަވެސް ރާއްޖޭގެ މީޑިއާތައް ބެލުމަށް އޮންނަ ފަރާތްތަކަށް އެ އިތުބާރު ނޯންނާތީ އެކަން ކާމިޔާބު ނުވެ އެވެ.

މީޑިއާ ކައުންސިލާއި އިންފޮމޭޝަން ކޮމިޝަން އަދި ބްރޮޑްކާސްޓިން ކޮމިޝަން އެއްކޮށްލައިގެން ހިންގުމަކީ ހަރަދު ކުޑަ ރަނގަޅު އުސޫލެއް ކަމަށް ޝަހީބު ވެސް ގަބޫލް ކުރައްވަ އެވެ.

"އެއް ކަހަލަ ދެ އެއްޗެއް އޮތުމަށް ވުރެ އެކަށްޗެއް އޮތުމުން ހަރަދުބައި ވަރަށް ބޮޑަށް ކުޑަވެގެންދާނެ، މިހާރު ބައިވަރު ސުޓާފުންދޯ މަލްޓިޕުލައި ވެގެން މިދަނީ، ނަމެއް ކިޔާފައި ތަނެއްވީމަ އެދިޔައީ، އެއްކޮށްލައިފިއްޔާ މަސައްކަތް ވެސް ރަނގަޅު ވެގެންދާނެ ކަމަށް ގަބޫލް ކުރެވެނީ،" ޝަހީބް ވިދާޅުވި އެވެ.

މީޑިއާ ދާއިރާގެ ތަޖުރިބާކާރުން އެހެން ވިދާޅުވާއިރު ސަރުކާރުން ވެސް އެފަދަ ވިސްނުމެއް ގެންގުޅެއެވެ. ހޯމް މިނިސްޓަރުކަމުގައި އުމަރު ނަސީރު ހުންނެވި އިރު ވިދާޅުވީ ރާއްޖެ ކަހަލަ ކުޑަ ދައުލަތެއްގައި މީޑިއާ ރެގިއުލޭޓް ކުރުމަށް ދެ މުއައްސަސާ އޮންނަން ޖެހޭ ކަމަށް ސަރުކާރުން ގަބޫލު ނުކުރާ ކަމަށެވެ. އަދި ވިދާޅުވީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ކުރައްވަމުން އަންނަ ކަމަށެވެ.

ސަރުކާރުގެ މިހާރުގެ ވިސްނުމާއި އެ މަސައްކަތް ގޮސްފައިވާ ހިސާބު ބެލުމަށް ތަކުރާރުކޮށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތްނުވެ އެވެ.

އޭރު މާލިއްޔަތު ކޮމެޓީ މެމްބަރަކަށް އިންނެވި މިހާރުގެ ރައީސް އަބްދުﷲ ޔާމީން ވެސް އެކަމަށް ތާއިދު ކުރެއްވި އެވެ. ދައުލަތަށް "ބުރަ ބޮޑުވާ، ބޭކާރު ހަރަދު" ކުރުން ހުއްޓާލުމަށް ބާރު އަޅުއްވައި ރައީސް ޔާމީން ވާހަކަފުޅު ދެއްކެވި އެވެ.

އެ ވާހަކައިގެ މެދުން ފަޅައިގެން ދިޔައީ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނާއި އާއި ކަސްޓަމްސް އިންޓަގްރިޓީ އެއްކޮށްލުމުގެ ވާހަކަ އެވެ. މާގިނަ ދުވަހެއް ނުވެ އެ ދެ ކޮމިޝަން އެއްކޮށްލައި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނެއް އުފައްދައި މަޖިލީހުން ބޭނުންވާ ނަތީޖާ ވަނީ ނެރެފަ އެވެ.

ބޭކާރު ހަރަދެކޭ ކިތަންމެ ވަރަކަށް ކިޔަސް އަނެއްކާވެސް މިފެނުނީ އަނެއް މީޑިއާ ކައުންސިލްގެ އިންތިހާބަށް އިއުލާންކުރިތަނެވެ. ބްރޮޑްކާސްޓިން ކޮމިޝަން ވެސް ހަމަ އެދުވެލީގައި އެ އުސޫލުތަކުގެ މަތިން ކުރިއަށް ދަނީ އެވެ. މިކަމަށް ބަދަލެއް ގެންނަންޖެހެ އެވެ. އެ ކުރާ ހަރަދު ހުއްޓާލައި އެއިގެން މީޑިއާގެ މީހުންގެ ތަމްރީނު ދިނަސް މާ ރަނގަޅުވާނެ އެވެ. ރާއްޖޭގެ މީޑިއާތައް ރެގިއުލޭޓް ކުރުމަށް ބޭނުމީ އެއް ކޮމިޝަން އެވެ.