އަންނަ ނޮވެބަރު މަހުގެ 20 ވަނަ ދުވަހު އޮންނަ އެފްއޭއެމްގެ އިންތިހާބުގައި އެ ޖަމިއްޔާގެ ރައީސް ކަމުގެ މަގާމަށް ވާދަކުރައްވާ އަހުމަދު ތޯރިގް (ޓޮމް) އެކުލަވާލި އެކްސޯގައި ފުޓްބޯޅަ ޓީމުތަށް ހިންގުމުގައި އިސްކޮށް އުޅުއްވާ އަށް މެމްބަރަކު ހިމަނައިގެން އިއުލާންކޮށްފި އެވެ.

ޓޮމް ހުށަހެޅުއްވާފައި ވަނީ ސީނިއާ ވައިސް ޕްރެޒިޑެންޓަކަށް މާޒިޔާގެ ސީއީއޯ ހުސެން ޝާފިއު (ކޮކީ) އެވެ. ވައިސް ޕްރެޒިޑެންޓަކަށް ހުށަހަޅާފައި ވަނީ އީގަލްސްގެ ޗެއާމަން އަދި ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޝިޔާމެވެ.

ޓޮމްގެ އަމިއްލަ ރަށް މަހިބަދޫއަށް ނިސްބަތްވާ މަހިބަދޫ ސްޕޯޓްސް އާއި މާޒިޔާއަށް ވަނީ އެކްސްކޯއިން ދެ ޖާގަ ދީފަ އެވެ. ސީނިއާ ވައިސް ޕްރެޒިޑެންޓް ކޮކީގެ އިތުރުން ދެން މާޒިޔާގެ ފަރާތުން އެކްސްކޯއަށް ހުށަހަޅާފައި ވަނީ މާޒިޔާގެ ޖެނަރަލް ސެކެޓްރީ އަބްދުލް ވައްހާބް (ވައްކޭ) އެވެ. މަހިބަދޫގެ ފަރާތުން އެކްސްކޯއަށް ހުށަހެޅި ދެ މެމްބަރުންނަކީ އެ ޓީމުގެ މެނޭޖަރު އަހުމަދު އަނީސާއި އަންހެން މެމްބަރެއްގެ ގޮތުގައި ހުށަހެޅި އައިޝަތު ރޮޒާ އެވެ.

އެކްސްކޯއަށް ދެން ހުށަހެޅި އަނެއް ތިން ބޭފުޅުންނަކީ ވިކްޓަރީގެ ބޯޑް މެމްބަރު އިބްރާހިމް ނަޒިމާއި ޖޭޖޭ ސްޕޯޓްސްގެ ރައީސް އިބްރާހިމް ސުޖާއު އާއި ނިއު ރޭޑިއަންޓްގެ ވައިސް ޕްރެޒިޑެންޓް އިސްމާއިލް ޒިޔާމެވެ.

މަހިބަދޫ ދާއިރާގެ މަޖްލިސް މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ ޓޮމްއާއެކު އެފްއޭއެމްގެ ރައީސް ކަމަށް ވާދަ ކުރައްވަނީ އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ބައްސާމް އަދީލް ޖަލީލެވެ.

ބައްސާމްގެ އެކްސޯ އިއުލާންކޮށްފައިވާއިރު އޭނާގެ ޓީމުގައި ހިމެނެނީ އަށް މެމްބަރުންގެ ތެރެއިން ހަ މެމްބަރުންނަކީ ސަރުކާރު ހިންގާ ޕީޕީއެމްގެ ރައީސް ޔާމިނަށް ތާއިދު ކުރައްވާ ހަ މެމްބަރުންނެވެ.

އެފްއޭއެމްގެ އިންތިޚާބެއް ބާއްވަން މަޖުބޫރުވީ، އެ އިދާރާގެ ރައީސް ކަމަށް މިއަހަރުގެ މެއި މަހުގެ ތެރޭގައި އިންތިޚާބު ކުރި، ޓޮމް އެ މަގާމަށް ހޮވުނުތާ ގާތްގަނޑަކަށް ފަސް މަސް ދުވަސް ވީތަނާ، އޭނާގެ އިތުބާރު ނެތްކަމަށް ބުނެ، އެފްއޭއެމްގެ އެކްސްކޯގައި ހިމެނޭ ފަސް މެންބަރަކު އެކްސްކޯއިން އިސްތިއުފާދިނުމާ ގުޅިގެންނެވެ.