ރާއްޖެއިން ހައިޑްރޯކްލޮރޯ ފްލޮރޯ ކާބަން (އެޗްސީއެފްސީ) ފޭސް އައުޓް ކުރުން ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ އާ މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެން ކަސްޓަމްސްގެ އޮފިސަރުން ތަމްރީނު ކުރުމަށް އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މަސައްކަތު ބައްދަލުވުން ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.

ކަސްޓަމްސް ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސެޓްފިކެޓްތައް ބައްސަވައިދެއްވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް ޑރ. ޢަބްދުﷲ ނަސީރެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނަސީރު ވިދާޅުވީ އެ ޕްރޮގްރާމަކީ އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް މަދުކުރުމަށް އިތުރުވެގެން ދިޔަ އިތުރު ބޮޅެއް ކަމަށާއި ތިމާވެށި ހިމާޔަތް ކުރުމަށް ކުރާ މަސައްކަތްތަކުގައި ތަންފީޒީ އޮފިސަރުންގެ ދައުރަކީ މުހިއްމު ދައުރެއް ކަމަށެވެ.

މިއަދު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި ދިވެހިރާއްޖޭގައި މޮންޓްރިއަލް ޕްރޮޓޮކޮލްގެ އުސޫލުތައް ގާއިމްކުރުމާއި ބެހޭގޮތުންނާއި އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް އެތެރެކުރުން ކޮންޓްރޯލް ކުރުމުގައި ގެންގުޅޭ އުސޫލުތަކާއި ބެހޭގޮތުން ބައިވެރިންނަށް މައުލޫމާތު ދީފައިވެ އެވެ. އޭގެ އިތުރުން އޯޒޯންފަށަލައަށް ގެއްލުންދޭ މާއްދާތައް އެކި ބައިތަކަށް ބެހުމާއި، އެފަދަ ތަކެތި އެތެރެކުރުން ކޮންޓްރޯލް ކުރުމުގައި އެންފޯސްމަންޓް އޮފިސަރުންގެ ޒިންމާއާ ބެހޭ ގޮތުންވެސް މައުލޫމާތު ދީފައިވެ އެވެ.

އެންވަޔަރަންމަންޓު މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި އެ ޕްރޮގްރާމުގެ މަގުސަދަކީ ކޮންޓްރޯލް ކޮށްފައިވާ ނުވަތަ މަނާކޮށްފައިވާ އޯޒޯންފަށަލައަށް ގެއްލުންދޭ މާއްދާތައް އެތެރެކުރުމުގައި ގެންގުޅެންޖެހޭ އުސޫލުތަކަށް ކަސްޓަމްސްގެ މުވައްޒަފުން އަހުލުވެރިކޮށް ތަމްރީން ކުރުމާއި އެފަދަ މާއްދާތަކަކީ ކޮބައިކަން ދެނެގަނެ އެއިން ކުރާ ވަގު ވިޔަފާރިގެ މުއާމަލާތްތައް ހުއްޓުވުމަކަށް ގެނައުމެވެ.

އެ ޕްރޮގްރާމް ކުރިއަށް ގެންދާތާ ތިން އަހަރުވެފައިވާއިރު މިހާތަނަށް އެ ޕްރޮގްރާމުގެ އަށް ބެޗެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި އެ ޕްރޮގްރާމުގެ ދަށުން 218 އޮފިސަރުން ތަމްރީނު ހޯދާފައިވާއިރު، މިއަދު ނިންމާލި ޕްރޮގްރާމުގައި 29 އޮފިސަރުން ބައިވެރިވެފައިވެފައިވެ އެވެ.