10 Jun 2011, 20:49
އއ. ތޮއްޑޫގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ނައްޓަވައި އެ ޖަލްސާ އިން ފެނިގެން ދިޔައީ "ސުލޫކީ ގޮތުން ދަށްފެންވަރުގެ މަންޒަރު"ތަކެއް ކަމަށް ބުނެ އެމްޑީއަކީ އިސްލާމީ ގައުމެއްގެ ވެރިކަމާ ކުފޫ ހަމަވެގެންވާ ބައެއް ކަމާ މެދު ސުވާލު އުފެދޭ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
އަދާލަތު ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރޭ ތޮއްޑޫގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދު އާއި އެމްޑީޕިގެ އިސް ބައެއް ވެރިންގެ ފަރާތުން ފެނިގެންދިޔަ "ސުލޫކީ ގޮތުން ދަށްފެންވަރުގެ މަންޒަރު"ތަކަކީ މުޅި ރާއްޖެ ލަދުން އިސްޖަހާލަން ޖެހޭ ފަދަ ކަމެއް ކަމަށެވެ. އަދި އެ "އަމަލުތަކަކީ ނާތަހުޒީބު، ޒިންމާދާރުކަން ކުޑަ" ޢަމަލުތަކެއް ކަމަށް ވެސް އެ ޕާޓިގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
މަޖިލިސް މެންބަރުން އެމްޑީޕީއާ ގުޅެނީ ރިޝްވަތުގެ ނުފޫޒުން ކަމަށް ބުނެ އެ ނޫސްބަޔާނުގައި ބުނެފައި ވަނީ ޕާޓީ އަށް ބައިގިނަވުމަކީ ނަސްރެއްކަމުގައި ދެކިގެން މުޅި ގައުމުގެ ކުރިމަތީގައި "ނަށައި ނާޗަރަންގީ" ކުޅެގެން ގައުމު އިސްލާހެއް ނުކުރެވޭނެ ކަމަށާއި އެ އަމަލުތަކަކީ "ވެރިކަމުގެ ކަރާމަތް ވެއްޔާ މޮޑެލުން" ކަމަށެވެ.
"ރިޝްވަތާއި އަދި އެކިއެކި ނުފޫޒުގެ ބޭނުންކޮށްގެން ތިމާމެންގެ ޕާޓީއަށް ބައިގިނަ ވުމަކީ ނަސްރެއްކަމުގައި ދެކެ، އެކަން ފާހަގަކުރުމުގެ ގޮތުން ޕާޓީ ބާއްވައި، މުޅި ގައުމުގެ ކުރިމަތީގައި ނަށައި، ލަވަޔާއި ނާޗަރަންގީ ކުޅެގެން ޤައުމު އިސްލާޙެއް ނުކުރެވޭނެ އެވެ. ޢަޞަބިއްޔަތުގެ ކުލައިން ފެވިފައިވާ، އަޚުލާގީ ގޮތުން ދަށް ފެންވަރުގެ މި ޖަލްސާގައި ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެން، އަންހެނުންނާއި ފިރިހެނުން މަސްހުނި ގޮތުގައި ޑީޖޭގެ ސްޓައިލަށް ނަށްޓަވައި ހެއްދެވުމަކީ އިސްލާމީ ޙުދޫދުތަކާއި، އަޚުލާގީ މިންގަނޑުތަކާއި އަދި ދިވެހި ޤައުމުގެ ވެރިކަމުގެ ކަރާމަތް ވެއްޔާ މޮޑެލުން ކަމުގައި ޢަދާލާތު ޕާޓީ ދެކެމެވެ،" ތޮއްޑޫ ދާއިރާ މެކުހަށް މިނަމުގައި ރޭ ތޮއްޑޫގައި ބޭއްވި ޖަލްސާގައި ހިނގައިދިޔަ ކަންތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ރޭގެ ޖަލްސާގައި ރީކޯ މޫސަ ލަވަ ވިދާޅުވުމުން ރައީސް ނަޝީދު ނައްޓަވައި، އެ މަނިކުފާނުގެ ފަރާތުން ފެނުނު އަމަލްތަކާ ގުޅޭ ގޮތުން އަދާލަތުގެ ނޫސްބަޔާނުގައި ބުނެފައި ވަނީ ގައުމުތަކުގެ ވެރިންނަކީ ރައްޔިތުންނަށް ނަމޫނާ އަކަށް ވާން ޖެހޭ ބައެއް ކަމަށާއި އެ ބޭފުޅުންނަކީ އެ ބޭފުޅުންގެ މަޤާމުގެ ގޮތުން، ވަރަށް އަބުރުވެރި ގޮތެއްގައި އުޅުއްވަން ލާޒިމު ވެފައިވާ ބައެއް ކަމަށެވެ.
ނަމަވެސް މި ސައްތައިން ސައްތަ މުސްލިމް ޤައުމުގެ ވެރިންގެ ކިބައިން ފެނިގެންދިޔަ އަޚުލާގީ އަދި ސުލޫކީ ގޮތުން ދަށްފެންވަރުގެ މަންޒަރުތަކުން އެ ބޭފުޅުންނަކީ އިސްލާމީ ގައުމެއްގެ އެންމެ މަތީ ވެރިކަމާ ކުފޫ ހަމަވެގެންވާ ބައެއް ކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރަމުން އަދާލަތުގެ ބަޔާނުގައި ބުނަނީ ރޭގެ ޖަލްސާގައި ފެނިގެންދިޔައީ އެމްޑީޕީގެ ޙަޤީޤީ ސިފަ ކަމާއި ކުރިމަގުގައި ފާޅުވެގެން ހިގައިދާނެ “ބޮޑު މަންޒަރަކަށް”ކުރިމަތި ލެއްވުމުގައި ދީނާއި އަދި ޤައުމަށް ވަފާތެރި ދިވެހި ދަރީން ސާބިތުވެ ތިއްބެވުމަށް ވެސް ގޮވާލާ ކަމަށެވެ.