25 Oct 2016, 19:54
ހދ. ނެއްލައިދޫ އާއި އެ އަތޮޅު ހިރިމަރަދޫގައި ހަދާފައިވާ ބަނދަރު ރައީސް އަބްދުﷲ ޔާމީން މިއަދު ހުޅުއްވައި ދެއްވައިފި އެވެ.
ހދ އަތޮޅަށާއި ށ އަތޮޅަށް ރައީސް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ ހދ. ކުރިނބީ އަށެވެ. އެ ރަށަށް ވަޑައިގެން ރައީސް ވަނީ އެރަށުގެ ބަނދަރު ހުޅުވައިދެއްވާފަ އެވެ.
އެއަށްފަހު ނެއްލައިދޫއަށް ވަޑައިގެން އެ ރަށުގެ ބަނދަރު ހުޅުއްވައި ދެއްވި އެވެ. އަދި އެއަށް ފަހު ހިރިމަރަދޫއަށް ވަޑައިގެން އެ ރަށުގެ ބަނދަރު ވެސް މިއަދު ހުޅުއްވައިދެއްވި އެވެ.
ނެއްލައިދޫ ބަނދަރަކީ ދައުލަތުގެ ބަޖެޓުން 25.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ ބަނދަރެކެވެ. އެ ބަނދަރުގެ ދިގުމިނުގައި 400 ފޫޓު ހުންނަ އިރު، ފުޅާމިނުގައި 200 ފޫޓު ހުރެ އެވެ.
އޭގެ އިތުރުން ހިރިމަރަދޫގެ ބަނދަރަކީ، ދައުލަތުގެ ބަޖެޓުން 24.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ ބަނދަރެކެވެ. އެއީ ވެސް 400 ފޫޓު ދިގު 200 ފޫޓު ދިގު ބަނދަރެކެވެ.
ބަނދަރު ހުޅުވި ރަސްމިއްޔާތުތަކުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ރައްޔިތުންނަށް ފައިދާ ވާގޮތަށް އެފަދަ މަޝްރޫތައް ހިންގަން ކަމަށެވެ. އެ މަޝްރޫތައް ހިންގުމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނެއްލައިދޫގައި ބޭއްވި ރަސްމިއްޔާތުގައި އެ ރަށު ކައުންސިލުން ވަނީ ރައީސް ޔާމީން އަރިހުގައި، އެރަށު ބަނދަރުގެ ފައިކަށިއަށް ބަދަލުތަކެއް ގެންނަން އެދިލައްވާފަ އެވެ. ޖަވާބުގައި ރައީސް ޔާމީން ވިދާޅުވީ އެ ކަންކަން ކޮށްދޭނެކަމުގެ ޔަގީންކަން އެ ރަށު ރައްޔިތުންނަށް އަރުވާ ކަމަށެވެ.