ރާއްޖޭގެ ކަންކަން "ބުއްދި ފަސްވެފައިވާ" ވަރަށް ގޮސްފައިވަނިކޮށް، އެކަންކަން ހަމަމަގަށް އެޅުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ހދ. ނެއްލައިދޫ ބަނދަރު ހުޅުވުމަށް މިއަދު ހަވީރު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މިހާރު ރާއްޖޭގައި ކުރެވެމުން އަންނަ މަސައްކަތްތަކަކީ ހަމައެކަނި އަދުލުގެ ނިޒާމު ފުރިހަމަ ކުރުމުގެ މަސައްކަތް ނޫން ކަމަށެވެ.

ކަންކަން ހަމަމަގަށް އެޅުވުމުގެ މަސައްކަތް ކުރަމުންދާއިރު ބައެއް ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވާނެ ކަމަށާއި ދަތިތަކާއި ތަކުލީފު އުފުލަން ޖެހޭނީ "އެ ނުބައި ކަންތައްތައް ކުރުންމަތީ ދެމިތިބި މީހުން" ކަމަށް ރައީސް ވިދާޅުވި އެވެ. މިއަދު އިވެމުން އަންނަ އަޑުތަކަކީ އެ ކަންކަން ކުރަންތިބި ފަރާތްތަކުން އުފުލާ ތަކުލީފުގެ އަޑުކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި ނުބައި ކަންތައްތަކަކީ ކޮބައިކަމެއް އެމަނިކުފާނު ފާހަގައެއް ނުކުރައްވަ އެވެ. އަދި އެފަދަ ކަންކަން ކުރަނީ ކޮން ބައެއް ކަމެއް ވެސް އެމަނިކުފާނު ފާހަގައެއް ނުކުރައްވަ އެވެ.

މާފުކުރައްވާތި މި ލަފްޒު ބޭނުންކުރާތީ ވެސް، ހަމަ ބުއްދި ފަސްވެފަ ހުރި ވަރަށް ކަންކަން ގޮއްސަ ދިވެހިރާއްޖޭގަ އޮއްވާ ހަމަމަގަށް އެޅުވޭތޯ ކުރެވޭ މަސައްކަތް މިހާރު މިކުރެވެނީ،ރައީސް ޔާމީން

ރައީސް ވިދާޅުވީ "އަޅުގަނޑުމެން އަޅުގަނޑުމެންގެ ތެރޭގައި އުޅޭ މައްސަލައެއް" ހައްލު ނުކުރެވުމުން އާޚިރުގައި އަދުލާއި އިންސާފު ލިބޭނީ ކޯޓުން ކަމަށް ދުނިޔޭގެ ހުރިހާ ފަރާތްތަކުން ވެސް ގަބޫލުކުރާ ކަމަށެވެ. އެ ލިބޭ އިންސާފާ ދޭތެރޭ ކޮންމެވެސް އެއް ޚަސްމެއް ހިޔާލު ތަފާތުވުން އޮވެދާނެ ކަމަށާއި، އާންމު ވިސްނުމަކީ ޝަރީއަތާ ހަމައަށް މައްސަލަ ގޮސްގެން ތިން މަރުހަލާގެ ހުކުމް ނިމިގެން އަންނަ އިރު އެއީ އެންމެން ވެސް ގަބޫލުކުރާ ހުކުމް ކަމަށެވެ.

"އެހެންވީމަ މިހެން ހިނގާ ކަންކަމުގަ، އެއީ ދޭދޭ މީހުންގެ ގޯތީގެ މައްސަލަކަމުގައި ވީނަމަވެސް، ވަރިކައިވެނީގެ މައްސަލައެއް ވިޔަސް އަދި އެނޫން މުދާ ބެހުމުގެ ކަންކަމުގައި ހިތްހަމަނުޖެހޭ ކަމެއް ވިޔަސް އެންމެފަހުން ނިމެން މިޖެހެނީ ކޮންމެސް ކަހަލަ އާބިޓްރޭޝަން އޮތޯރިޓީއަކުން ނޫނިއްޔާ ޝަރީއަތަކުން،" ރައީސް ޔާމީން ވިދާޅުވި އެވެ. އެމަނިކުފާނު އެހެން ވިދާޅުވީ ޕީޕީއެމްގެ މައްސަލައަށް އިޝާރާތް ކުރައްވައި ކަމަށް ބެލެވެ އެވެ.

ދުނިޔޭގެ އެހެން ހިސާބުތަކުގައި ވެސް ރައްޔިތުން އިންތިހާބު ކުރާ ރައީސެއްގެ ވޯޓުގެ މައްސަލަ ކުރިމަތިވުމުން އެކަން ވެސް ނިންމަނީ ކޯޓުން ކަމަށާއި އެއީ އެތާގެ ޑިމޮކްރަސީ އޮތް ގޮތް ކަމަށް ރައީސް ވިދާޅުވި އެވެ. ރާއްޖޭގެ ކޯޓުތަކުން ނިންމާ ބައެއް ނިންމުންތަކަށް އެކި ފަރާތްތަކުން ފާޑުކިޔާތީ އެމަނިކުފާނު ވަނީ ރައްދެއް ދެއްވާފަ އެވެ.

"ނަމަވެސް އަޅުގަނޑުމެން ރާއްޖޭގައި ހިނގާ ސިޔާސީ ހަރަކާތަކާ ބެހޭގޮތުން ނޫނިއްޔާ ސިޔާސީ ޕާޓީއަކާ ގުޅޭ މައްސަލަ ހައްލު ނުކުރެވުނީމަ އަޅުގަނޑުމެން ކޯޓަށް އެ މައްސަލަ ހައްލުކުރަން ދިޔާމަ އެއީ ރާއްޖޭގެ ޑިމޮކްރަސީ ނެތީ. އެކަމަކު މުޅި ރައްޔިތުންގެ މައްޗަށް ބަސްކިޔާ އެމީހުންގެ ކުރިމަތު ބައްޓަންކުރަން އުސޫލުތައް ކަނޑައަޅާން ހުންނަ ރައީސަކު ހޮވުމުގަ ވޯޓުގެ ތަފާު އުފެދުނީމަ އެމެރިކާގަވެސް މިދަނީ ކޯޓައް. އެކަން ރަނގަޅު. އެކަމަކު ރާއްޖޭގަ މިކަން ކުރީމަ ގޯސް. އެހެންވީމަ ތަފާތުތައް މިހުރީ އެމީހަކު ވާހަކަ ދައްކަން ބޭނުންވާ ނަޒަރިއްޔާއަކުން އެމީހަކަށް ރައްޔިތުންނަށް ވިސްނާދެވޭތޯ ބެލިދާނެ،" ބައެއް ފަރާތްތަކުން ދައްކަވަމުން އަންނަ ވާހަކަ ތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް ބޭރުގެ ފަރާތްތަކުން ފާޑު ކިޔިގެން ނުވާނެ ކަމަށެވެ. އަދި ރާއްޖެއަކީ ކުޑަ ދައުލަތަކަށް ވީނަމަވެސް، އިހުތިރާމް ލިބިގެންވާންޖެހޭ ދައުލަތެއް ކަމަށާއި "ކުޑަ ދައުލަތަށް ކުޑަ އިންސާފު ލިބުނީމަ" ކަމަކުނުދާނެ ކަމަށެވެ. ރައީސް ވިދާޅުވީ ހަގީގަތާ ހިލާފަށް ރާއްޖޭން ބޭރުގައި ތިބެގެން ބަޔަކު ވާހަކަ ދައްކާނަމަ އޭގެ ސަބަބުން ރާއްޖެއަށް ލިބެންޖެހޭ ވަސީލަތްތައް ހޯދުމުގައި ވެސް ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.