އައްޑޫ ސިޓީއަށް ކުރަން ހަމަޖައްސާފައިވާ ދަތުރުތައް ފެށުމުން، ރާއްޖެއިން ލަންކާއަށް ދަތުރުކުރާ މީހުންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ސްރީލަންކަން އެއާލައިންސް އިން ބުނެފިއެވެ.

ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ސްރީލަންކަން އެއާލައިންގެ ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ކަންޓްރީ މެނޭޖަރު ސުޖީވަ ރޮޑްރީގޯ ވިދާޅުވީ ސިއްހީ ބޭނުމަށާއި ޗުއްޓީ ހޭދަ ކުރުން ފަދަ އެހެނިހެން ބޭނުންތަކަށް ލަންކާއަށް ދާ ދިވެހިންގެ މާކެޓު ވަރަށް ދުޅަހެޔޮ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ދިވެހިންގެ މާކެޓު އިތުރަށް ފުޅާ ވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ޚާއްސަކޮށް ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ ދަތުރުތައް ފެށުމުން ރާއްޖެއިން ލަންކާއަށް ދާ މީހުންގެ އަދަދު އިތުރުވެގެންދާނެ. ދިވެހި މާކެޓަކީ އަބަދުވެސް ދުޅަހެޔޮ މާކެޓެއް. ސްރީލަންކަން އަކީ ބޭރު ގައުމުތަކަށް ދިއުމަށް ދިވެހިން އެންމެ ގިނައިން ދަތުރުކުރާ އެއާލައިން،" ސުޖީވަ ރޮޑްރީގޯ ވިދާޅުވިއެވެ.

ކެޕްޝަން..

އޭނާ ވިދާޅުވި ގޮތުގައި ގަމުން ލަންކާއަށް ކުރާ ދަތުރުތަކުގެ ދިގު މިނަކީ ދެ ގަޑި އިރެވެ.

ސްރީ ލަންކާގެ ފަތުރުވެރިކަމާ ބެހޭ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަސް ނިމުނު އިރު 63,890 ދިވެއްސަކު އެގައުމަށް ޒިޔާރަތް ކޮށްފައިވެއެވެ.

އައްޑޫ ސިޓީގައި އޮންނަ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސްރީލަންކަންގެ ދަތުރުތައް ފަށަން ނިންމާފައިވާއިރު އެ ދަތުރުތަކުގެ ޓިކެޓް ރިޒަވޭޝަން ހެއްދުމުގެ ފުރުސަތު މިހާރު ވަނީީ 25 ޕަސެންޓުގެ ޑިސްކައުންޓާ އެކު ހުޅުވާފައެވެ. ޑިސްކައުންޓާ އެކު ގަމުން ލަންކާއަށް ދިއުމުގެ ރިޓާން ޓިކެޓުގެ އަގު އުޅޭނީ 342 ޑޮލަރަށެވެ.

މީގެ ކުރިން އެ އެއާލައިނުން ބުނެފައިވާ ގޮތުގައި ގަމާއި ކޮލަމްބޯ އާ ދެމެދު ހަފުތާއަކު ހަތަރު ފްލައިޓް ބާއްވާނެ އެވެ. ދަތުރުތައް އޮންނާނީ ހޯމަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު އެވެ.