25 Oct 2016, 17:04
ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ "ފިޔަވަތި"ގެ ބެލުމުގެ ދަށުގައި ހުއްޓައި މިދިޔަ ހަފްތާ ހޯމަ ދުވަހު މަރުވި ފަސް މަހުގެ ފިރިހެން ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް މިރޭ ފޮނުވުމަށް ނިންމައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް މިރޭ ވިދާޅުވީ "މިހާރު ދެވެން އޮތް މައުލޫމާތަކީ އެ ކުއްޖާ މިރޭ އިންޑިއާއަށް ފޮނުވާކަން އެކަނި" ކަމަށެވެ.
ޕޯސްޓްމޯޓެމް ހެދުމަށް ފުލުހުން ނިންމާފައި ވަނީ އެ ކުއްޖާ މަރުވެފައި ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ކަމަށްވާތީ މަރުގެ ހަގީގަތް ދެނެގަތުމަކީ ކޮންމެހެން މުހިއްމު ކަމެއްގެ ގޮތުގައި ފެންނާތީ ކަމަށް ފުލުހުން ބުނެ އެވެ.
މިދިޔަ ހޯމަ ދުވަހު 11:14 ކަންހާއިރު އެ ކުއްޖާ ނޭވާލުމުގައި ދަތިތަކެއް އުޅޭތީ ފުލުހުންނަށް ހުށައެޅުމުން އެމަޖެންސީގައި ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވަނީ މަރުވެފަ އެވެ.
ކުއްޖާގެ ސިއްހީ ހާލަތާއި ކަން ހިނގާދިޔަ ގޮތުގެ ތަފްސީލެއް ޖެންޑާ މިނިސްޓްރީން އާންމެއްނުކުރެ އެވެ.