ރާއްޖޭގެ ފަސް އަތޮޅެއްގެ ކައުންސިލަށް ކައުންސިލަރުން ހޮވަންޖެހޭނީ ދާއިރާތަކުގެ ރައްޔިތުން ވޯޓު ދިނުމުގެ ބަދަލުގައި މުޅި އަތޮޅުގެ ރައްޔިތުން ވޯޓުދީގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރާމް "ސަން"އަށް މިއަދު ވިދާޅުވީ އެގޮތަށް ހަމަޖެހިފައި ވަނީ ލޯކަލް ކައިންސިލްގެ އިންތިޚާބުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހުގެ ދަށުން ކަމަށެވެ.

އޭނާ ވިދާޅުވީ އެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ތިން ދާއިރާއަށް ވުރެ މަދު ދާއިރާތައް ހިމެނޭ އަތޮޅުތަކުގެ އަތޮޅު ކައުންސިލަށް ކައުންސިލަރުން ހޮވަންޖެހޭނީ މުޅި އަތޮޅުގެ ރައްޔިތުން ވޯޓު ދީގެން ކަމަށެވެ. އެހެންކަމުން ތިން ދާއިރާ ހަމަނުވާތީ އއ. އަތޮޅާއި ވ. އަތޮޅާއި މ. އަތޮޅާއި ފ. އަތޮޅާއި ދ. އަތޮޅުގެ، އަތޮޅު ކައުންސިލަށް ކުރިމަތިލާ ކެންޑިޑޭޓުންނަށް ވޯޓު ދޭންޖެހޭނީ އެ އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުން ވޯޓުދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމެއް ނޫން. މިއީ ރައްޔިތުންގެ މަޖިލީހުން ގާނުނަށް ގެނެސްފައިވާ އިސްލާހުގައިވާގޮތް،" އަކުރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކައުންސިލް އިންތިޚާބާ ގުޅޭ ގޮތުން ގާނޫނަށް ގެނައި އިސްލާހުތަކަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ މަސައްކަތް އެ ކޮމިޝަނުން އަންނަނީ ކުރަމުން ކަމަށެވެ. އެގޮތުން މީޑިއާ މެދުވެރިކޮށް އެ ކޮމިޝަނުން ރައްޔިތުންނަށް އިންތިޚާބާ ބެހޭ މައުލޫމާތު ފޯރުކޮށްދޭ ފޯރުކޮށްދެމުން ގެންދާނެ ކަމަށް އަކުރަމް ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުންނަށް އަޅުގަނޑުމެން ދަންނަވާލަން ބޭނުންވަނީ ކައުންސިލް އިންތިޚާބާ ބެހޭ ފުރިހަމަ މައުލޫމާތު މީޑިއާ މެދުވެރިކޮށް އަޅުގަނޑުމެން ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދެމުން ގެންދާނަމޭ. ކޮންމެ ރައްޔިތަކަށް ވެސް މި މައުލޫމާތުތައް ފުރިހަމައަށް އެނގިފައި ހުރުމަކީ ވަރަށް މުހިންމު ކަމެކޭ،" އަކުރަމް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ.