އަންނަ ނޮވެމްބަރު މަހުގެ 21 އިން 22 އަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގެ ތިންވަނަ އެޑިޝަނަށް ރާއްޖެއިން ދާ ފަރާތްތަކަށް ޚާއްސަ ޓިކެޓު ރޭޓަކާ އެކު، ނިއުދިއްލީއާ މާލެއާ ދެމެދު ދަތުރު ކުރުމަށް ގައުމީ އެއާލައިނާ ހަވާލުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި، މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގެ ޓްރެވަލް ޕާޓްނަރުގެ ގޮތުގައި މޯލްޑިވިއަން ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގް ޑިރެކްޓަރު އަބްދުލްހާރިސްއެވެ.

މި އެއްބަސްވުމުގެ ދަށުން، މޯލްޑިވިއަންއިން ނިއުދިއްލީއަށް ކުރާ ދަތުރުގެ ޓިކެޓު ވިއްކާނީ 250 ޑޮލަރަށެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ޓްރެވަލް އޭޖެންސީ، މޯލްޑިވިއަން ހޮލިޑޭޒް މެދުވެރިކޮށް، ނިއުދިއްލީގެ ހޮޓެލްތަކުގައި ދިވެހި ވިޔަފާރިވެރިން ތިބުމަށް ބުކިންގް ހައްދައިދޭނެއެވެ.

އެންމެ ފުރަތަމަ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް އޮތީ 2014 ވަނަ އަހަރު، ސިންގަޕޫރުގެ މެރީނާ ބޭ ސޭންސްގައެވެ. މިދިޔަ އަހަރުގެ ފޯރަމް ޗައިނާގެ ބެއިޖިންގްގައި ބޭއްވި އިރު، މި އަހަަރުގެ ފޯރަމް އޮންނާނީ އަންނަ މަހުގެ 21 އަދި 22 ވަނަ ދުވަހު، އިންޑިއާގެ ނިއުދިއްލީގެ ތާޖް ޕެލަސް ހޮޓެލްގައެވެ.