މެގަ މޯލްޑިވްސް އިން ކުރާ ދަތުރުތައް ފުޅާ ކުރުމުގެ ގޮތުން އެކުންފުނިން ކުރަމުންދާ މަސައްކަތުގެ ދަށުން، ޖިއްދާއާއި މަދީނާ އަދި ކުއަލަލަމްޕޫރަށް ސީޒަނަލް ފްލައިޓުތަކެއް ބާއްވަން މެގަ މޯލްޑިވްސްއިން ނިންމައިފިއެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން މެގަ މޯލްޑިވްސްގެ ތަރުޖަމާން، ޖާވިދު ފައިސަލް ވިދާޅުވީ، އަންނަ މަހުގެ ތެރޭގައި ޖިއްދާއާއި މަދީނާ އަދި ކުއަލަލަމްޕޫރަށް އެ އެއާލައިނުގެ ސީޒަނަލް ފްލައިޓުތަކެއް ބާއްވާނެ ކަަމަށެވެ.

އެ އެއާލައިނުން ފަށާ ސީޒަނަލް ފްލައިޓުތަކުގެ ތެރެއިން ޖިއްދާއަށް ކުރާ ދަތުރުތައް އޮންނަނީ ހަފްތާއަކު ތިން ދުވަހު އެވެ. ކުއަލަލަމްޕޫރަށް ހަފްތާއަކު ހަތަރު ފްލައިޓު އޮންނާނެ އެވެ.

ޖާވިދު ވިދާޅުވީ، މި ފްލައިޓުތަކުގެ ޝެޑިއުލް އަދި ފައިނަލް ނުކުރެވޭ ކަމަށާއި ފައިނަލް ކުރުވެމުން ސޯޝަލް މީޑިއާ މެދުވެރިކޮށް އެކަން އިއުލާން ކުރާނެ ކަމަށެވެ.

މި ތިން މަންޒިލަށް ސީޒަނަލް ފްލައިޓުތަކެއް ބާއްވަން މެގަމޯލްޑިވްސް އިން ނިންމާފައިވާއިރު، އެ އެއާލައިނުން ވަނީ އިންޑިއާގެ ނިއުދިއްލީއާއި މުމްބާއި އިން ރާއްޖެއަށް ސީދާ ދަތުރުތައް ނޮވެމްބަރު މަހުގެ ދެވަނަ ހަފްތާތެރޭގައި ފަށަންވެސް ތައްޔާރުވެފައެވެ.

މީގެ އިތުރުން ސްރީލަންކާގެ ކޮލޮމްބޯ އާއި މާލެއާ ދެމެދު ދަތުރު ކުރަން އަންނަ ނޮވެމްބަރު މަހުގެ ތިނެއްގައި އެ އެއާލައިނުން ފަށާނެ އެވެ.