ނައިޕީޑޯ(އޮކްޓޯބަރު 16): މިޔަންމާގެ ރަހީން ސްޓޭޓުގައި އެގައުމުގެ އަސްކަރިއްޔާއިން ކުރިއަށް ގެންދާ އޮޕަރޭޝަނަކާ ގުޅިގެން އެތައްހާސް ރޮހިންޔާ މުސްލިމުން ގެދޮރު ދޫކޮށް ދިޔުމަށް އަސްކަރިއްޔާއިން މަޖުބޫރުކޮށްފި އެވެ.

މިޔަންމާ އަސްކަރިއްޔާއިން ކުރިއަށް ގެންދާ އޮޕަރޭޝަނަކީ މި މަހުގެ ނުވަ ވަނަ ދުވަހު ބަންގުލަދޭޝް އާއި މިޔަންމާއާ ގުޅޭ ބޯޑަރު ކައިރީގައިވާ މިޔަންމާގެ ފުލުހުންގެ ޕޯސްޓުތަކަކަށް ބަޔަކު ދިން ހަމަލާތަކާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ. މިޔަންމާގެ ފުލުހުން ބުނާ ގޮތުގައި އެ ހަމަލާތަކުގެ ފަހަތުގައި ވަނީ ރޮހިންޔާ ދަރިކޮޅުގެ މީހުންނެވެ.

ރޮހިންޔާ ދަރިކޮޅުގެ ގިނަ ބަޔަކު ދިރިއުޅޭ ކުޔީ ކަން ޕުޔިން އަވަށުގެ ހަތަރު މީހަކާ ހަވާލާދީ ރޮއިޓާސްގައިވާ ގޮތުން އާދިއްތަ ދުވަހު މިޔަންމާގެ ބޯޑަރު އޮފިސަރުން ވަނީ އެއަވަށަށް ގޮސް، 2000 ވަރަކަށް މީހުން އަވަށް ދޫކޮށް ދިޔުމަށް އަމުރުކޮށްފައެވެ.

ނޮބެލް ސުލްހައިގެ އިނާމު ހާސިލު ކޮށްފައިވާ އަންގް ސަން ސޫޗީގެ ސަރުކާރުން ބުނި ގޮތުގައި ރަހީން ސްޓޭޓުގައި އަސްކަރިއްޔާ އާއި ފުލުހުން ހަނގުރާމަ ކުރަމުން ދަނީ ގައުމުން ބޭރުގެ ހަނގުރާމަވެރިންނާ ގުޅުން ހުރި 400 ރޮހިންޔާ މުސްލިމުންގެ ގުރޫޕަކާ އެވެ.

ނަމަވެސް ރޮހިންޔާ ދަރިކޮޅުގެ މީހުން ވަނީ އަސްކަރިއްޔާއިން ދަނީ ކުށެއް ނެތް މީހުން މަރައި، އެމީހުންގެ ގެތަކުގައި ރޯ ކުރަމުން ކަމަށް ބުނެފައެވެ. އަދި އަމިއްލަ އަވަށުން ބޭރުކޮށްލި ބައެއް މީހުންނަށް އެހެން އަވަށްތަކުން ބޯހިޔާވަހިކަން ލިބުނު ނަމަވެސް އެތައް ސަތޭކަ މީހުންނަށް ވަނީ އަވަށް ބޭރުގައި އޮންނަ ހަނޑޫ ދަނޑުތަކުގައި ދިރިއުޅެން މަޖުބޫރުވެފައި ކަމަށް ބުނެފައެވެ.

ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން މިޔަންމާގައި ދިރިއުޅޭތާ ގަރުނުތަކެއް ވެފައިވާ ކަމަށް ތާރީހު ދިރާސާ ކުރާ ފަރާތްތަކުން ބުނި ނަމަވެސް މިޔަންމާގެ އާބާދީގެ ބޮޑުބައެއް ކަމަށްވާ ބުދިސްޓުން ދެކޭ ގޮތުގައި ރޮހިންޔާ ދަރިކޮޅުގެ މީހުންނަކީ އެގައުމަށް އަރާ ތިބި ބަންގުލަދޭޝްގެ ބަޔެކެވެ. އަދި މިޔަންމާގެ ސަރުކާރުން ވަނީ ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް ރަށްވެހިކަން ދޭން ދެކޮޅު ހަދާފައެވެ. (އަލްޖަޒީރާ)