10 Jun 2011, 14:01
ބިމުގެ ވިޔަފާރީގެ މުއާމަލާތްތަކަށް އެޅިފައިވާ ހުރަސްތަކުގެ ސަބަބުން ރާއްޖޭގެ ރަށްތަކުގެ ތަރައްގީ އެތައްތަނަކުން މަޑުޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިއަދު ދެއްވި ހަފްތާގެ ރޭޑިއޯ ހިތާބުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ބިންބިމަކީ "ބައްކުރެވި"ފައިވާ މުދަލެއްގެ ގޮތުގައި އޮތުމުން، ރާއްޖެ އަށް ނުލިބިދާ ފައިދާ އާއި އަދި އިތުރަށް ލިބެވޭނެ ގެއްލުން އަޅުގަނޑުމެންނަށް ފެންނަމުންދާ ކަމަށެވެ. އަދި ބިމުގެ ތާށިކަން ބޮޑުވެފައި ހުރި މިންވަރާއި އަދި ބިމުގެ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށް މެދުވެރިވާ ހުރަސްތަކުގެ ސަބަބުން ރާއްޖޭގެ ރަށްރަށުގެ ތަރައްޤީ މިވަނީ އެތައް ތަނަކުން މަޑުޖެހިފައިވާ ކަމަށާއި ރައްޔިތުންނަށް ލިބެވޭ އާމްދަނީ އިން ބޯހިޔާވަހިކަމެއް ހޯދުމަށް އިސްނަގައި އުޅެވޭނެ އެންމެ ފަސޭހަ އެއްމަގަކީ ޤައުމުގެ މާލިއްޔަތަށާއި އިޤްތިޞާދާއި ފުއްދުންތެރިކަމުގެ ތެރެއަށް ބިމުގެ އަގު ގެނެވުން ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ބަންޑާރަ ބިން ރައްޔިތުންނަށް ބަދަލުކުރުން ކަމަށެވެ. އަދި ރައްޔިތުންނަށް މުއާމަލާތްކޮށްގެން، މުއްސަނދިކަން އިތުރުކުރެވޭނެ ވަސީލަތެއްގެ ގޮތުގައި ބިން ބޭނުންކުރުމުގެ ފުރްޞަތު ހުޅުވައިލުން އެއީ ސަރުކާރުގެ ސިޔާސަތެއް ކަމަށް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ބިމާ ގުޅިފައިވާ މުދަލާ ގުޅޭ ގޮތުން ޤާނޫނުތަކަށް ގެންނަ ޖެހޭ އިޞްލާޙުތައް ސަރުކާރުން ފާހަގަކޮށް މި މަހުގެ ތެރޭގައި، އެ ބިލްތައް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. އެ އިޞްލާޙުތަކުގެ ތެރޭގައި ބިންބިމާ ބެހޭ ޤާނޫނަށް ގެނެވޭ އިޞްލާޙާއި އެއްމެދު މުދަލާ ބެހޭ ބިލަކާއި އަދި ރަހުނު ނުވަތަ މޯގޭޖާ ބެހޭ ބިލެއް ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިދެންނެވި އިޞްލާޙުތަކުގެ ސަބަބުން، އެއް ޢިމާރާތެއްގައި ހުންނަ އެކި ފްލެޓް ނުވަތަ އެކި ބޯހިޔާވަހި، ތަފާތު މީހުންގެ މުދަލުގެ ގޮތުގައި މިލްކު ކުރެވޭނެ އުޞޫލުތަކެއް ހިމެނޭ. ރަހުނު އެކުލެވިގެން ވަނީ ބިމުގައި އެކަނި ކަމަށް ބެލެވިގެން. ވިޔަފާރީގެ މުޢާމަލާތް ހިންގޭ ގޮތަށް އޮތުން އެއީ މިއަދުގެ ރާއްޖޭގައި އެއްގޮތަކަށް ވެސް ދެކޮޅު ޖެހޭ ކަމެއް ނޫން. ބިމުގައި އަޅާފައި ހުންނަ ޢިމާރާތުގެ ބައިބައި، ވަކިން މީހުންނަށް މިލްކު ކުރެވޭނެ ގޮތެއް މެދުވެރިކުރުން ސަރުކާރަށް މުހިންމުވެފައި ވަނީ، ފައިސާ ދިގު މުއްދަތަކަށް ބަހާލައިގެން ދައްކައި ޚަލާޞްކުރާ އުޞޫލުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ނިޒާމް ފަހިކުރުމަށްޓަކައި." ރައީސުލްޖުމްހޫރިއްޔާ ދެއްވެވި 101 ރޭޑީއޯ ހިތާބުގައި މިއަދު ވިދާޅުވި އެވެ.