25 Oct 2016, 15:35
އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ފަރާތުން ހުޅުވާލައިފި އެވެ.
އެމްޑީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެޕާޓީގެ ޓިކެޓުގައި ކައުންސިލް އިންތިހާބަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން މި މަހުގެ 31ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. އެމްޑީއޭއިން ބުނީ އެދުވަހުގެ މެންދުރު 2:00ގެ ކުރިން އެޕާޓީއަށް ފޯމު ހުށަހެޅުމަށް އެދޭ ކަމަށެވެ.
ރަށްރަށުގައި ގާއިމުކުރެވިފައިވާ އެޕާޓީގެ އޮފީސްތަކުން ވެސް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ބޭނުންވާ ފޯމު ލިބެން ހުންނާނެ ކަމަށް އެމްޑީއޭއިން ބުނެއެވެ.
"ލޯކަލް ކައުންސިލް އިންތިހާބުގައި މި ޕާޓީން ވާދަކުރާ ރަށްތަކާއި ދާއިރާތަކުގައި ވާދަކުރަން ކަނޑައެޅިފައިވާ އަދަދަށްވުރެ އެ ދާއިރާތަކަކުން ނުވަތަ ރަށަކުން ކުރިމަތިލެއްވި މެމްބަރުންގެ އަދަދު އިތުރުވާނަމަ ކަނޑައެޅިފައިވާ އަދަދަށް މެމްބަރުން އައްޔަންކުރާނީ އެރަށެއްގައި ނުވަތަ އެދާއިރާއެއްގައި ބޭއްވޭ ޕްރައިމަރީއަކުން އެންމެ ގިނަ ވޯޓު ލިބޭ ފަރާތްތަކެކެވެ." އެމްޑީއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެމްޑީއޭއިން ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލިއިރު އެހެން ސިޔާސީ ޕާޓީތަކުންވެސް ވަނީ ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައެވެ.
އަންނަ ޖެނުއަރީ މަހުގެ 14ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމުލަ 653 ކައުންސިލަރުން އިންތިހާބު ކުރާނެ ކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.
އިލެކްޝަނުން ބުނީ، އަންނަ އަހަރު ރަށު ކައުންސިލަރުންގެ ގޮތުގައި 563 މެމްބަރަކު އިންތިހާބުކުރާނެ ކަމަށެވެ. އަދި އަތޮޅު ކައުންސިލަރުންގެ ގޮތުގައި 67 މެމްބަރަކު އިންތިހާބު ކުރާނެ ކަމަށް އެ އިއުލާނުގައި ވެއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ސިޓީ ކައުންސިލަރުންގެ ގޮތުގައި އަންނަ އަހަރު 23 މެމްބަރަކު އިންތިޚާބު ކުރާނެ ކަމަށެވެ.