ޕީޕީއެމް ފިޔަވައި ހުރިހާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ގިނަ އަދަދެއްގެ މެމްބަރުން އުނިވެފައިވަނީ ފިންގާ ޕްރިންޓް ވެރިފައި ކުރުމުގައި އިލެކްޝަން ކޮމިޝަނުން ގެންގުޅޭ އުސޫލުން ކަމަށް ގިނަ ސިޔާސީ ޕާޓީތަކުން ބުނެފިއެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރު އަލުން އެކުލަވާލިއިރު އެންމެ ބޮޑު ސިޔާސީ ޕާޓީއެއްގެ ގޮތުގައި މީގެކުރިން އޮތް އިދިކޮޅު އެމްޑީޕީން ވަނީ ގިނަ އަދަދެއްގެ މެމްބަރުން ވަކިވެފައެވެ. އެޕާޓީގައި ކުރިން 46،608 މެމްބަރުން ރަޖިސްޓްރީ ކޮށްފައިވީ ނަމަވެސް ފިންގަ ޕްރިންޓު ނެތުމުން އެމްޑީޕީން ވަނީ 18،803 މެމްބަރުން ޕާޓީން ވަކިވެފައެވެ. އަލުން އެކުލަވާލި ދަފްތަރުގައި މިހާރު ތިބީ 27،805 މެމްބަރުންނެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުލް ސައްތާރު މިއަދު ސަން އަށް ވިދާޅުވީ، އެޕާޓީގެ މެމްބަރުންގެ އަދަދު ދަށްކޮށްފައިވަނީ ގިނަ އަދަދެއްގެ ފޯމްތައް ރިޖެކްޓްކޮށްގެން ކަމަށެވެ. ފުލުހުން ލަށްވައި ފިންގާ ޕްރިންޓްތައް ޔަގީން ކުރަމުންދާއިރު ފޯމްތަކުގައި ފިންގާ ޕްރިންޓް ވެރިފައިކުރުމުގައި މައްސަލަތަކެއް އުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގަ އޮތީ ދެ ސަބަބަބެއް، އެއީ ޕީޕީއެމްއަކީ އެންމެ ބޮޑު ޕާޓިއަށް ވުން، އަނެއް ކަމަކީ ސިޔާސީ ޕާޓީތަކަށް ދޫކުރަން ނިންމި ފައިސާ ބޮޑުއަދަދެއް ލިބެންއޮތީމަ އެކަން ނުވެވޭތޯ ބެލުން،" އަނަސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ކުރިން ރަޖިސްޓްރީވެފައިވާ މެމްބަރުން އަލުން ފިންގާ ޕްރިންޓާއެކު ރަޖިސްޓްރީވުމަށް އެންގިއެންގުމަކީ މަޖިލީހާއި އިލެކްޝަން ކޮމިޝަންގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ޕީޕީއެމް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ވުމަށް ހެދިގޮތް ކަމަށެވެ.

އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީންވެސް ގިނަ އަދަދެއްގެ މެމްބަރުން އުނިކޮށްފައިވާއިރު އެދެޕާޓީންވެސް ގިނަ އަދަދެއްގެ ފޯމް ރިޖެކްޓްކޮށްފައިވާ ކަމަށް އެޕާޓީތަކުން ބުނެއެވެ. ޖުމްހޫރީ ޕާޓީން 3000 މެމްބަރުން އުނިވެފައިވާއިރު ސްޕޯކްޕާސަން އަލީ ސޯލިހް ވިދާޅުވީ، ފޯމް ރިޖެކްޓް ކުރުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވާ ކަމަށާއި އިލެކްޝަންގެ ގާބިލްކަން ނެތް ކަމަށެވެ.

އެމްޑީއޭގެ ރެޖިސްޓްރާ މުހައްމަދު އުމަރު ވިދާޅުވީ، އިލެކްޝަން ކޮމިޝަންގެ ނިންމުންތަކާއި އެޕާޓީން ހިތްހަމަ ޖެހޭ ކަމަށެވެ. އެޕާޓީގެ 1159 އެއްހާ ފޯމް ރިޖެކްޓްވެފައިވާއިރު އެއީ ފުލުހުންގެ ވެރިފިކޭޝަންގެ މައްސަލައެއްކަމަށް އުމަރު ވިދާޅުވިއެވެ.

މިހާރު ދަފްތަރު ބުނާގޮތުން އެންމެ ގިނަ މީހުން ހިމެނޭ ސިޔާސީ ޕާޓީއަކީ ޕީޕީއެމްއެވެ. އެއީ 37،633 މެމްބަރުންނެވެ.

އެކަންކަމާ ގުޅިގެން އިލެކްޝަން ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ ފޯމްތައް ރިޖެކްޓް ވަނީ އުސޫލާ ހިލާފްވުމުން ކަމަށާއި ނަމަވެސް ފޯމް ރިޖެކްޓްވާ އަދަދު ކުރިއާ އަޅައިބަލާއިރު މިހާރު ބޮޑުތަން ދަށްވެފައިވާ ކަމަށެވެ.