25 Oct 2016, 14:43
ހދ. ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނާފައިވާނެ ކަމަށާއި، އަންނަ އަހަރުގެ ތެރޭގައި ކުޅުދުއްފުށީގައި އެއާޕޯޓު އަޅައި، އެތަނުން ޚިދުމަތް ވެސް ދޭން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ހދ. ހިރިމަރަދޫގައި ހެދި ބަނދަރު ހުޅުވުމަށް އެރަށަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން، ރައީސް ޔާމީން ވިދާޅުވީ، ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމުގެ ވާހަކަ މީގެ ކުރިން ދެކެވުނު ނަމަވެސް، އޭރު އެކަން ނުކުރެވި ދިޔައީ ކުޅުދުއްފުށީގެ އޭރުގެ ކައުންސިލުގެ ފަރާތުން އެއްބާރުލުން ނުލިބުމުގެ ސަބަބުން ކަމަށެވެ.
ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށް ހަމަޖެހިފައި އޮތީ އެރަށު ކުޅި އޮންނަ ސަރަހައްދުގައެވެ. ކުޅިއާއި ތިމާވެއްޓަށް ލިބޭނެ ގެއްލުމާ ދެކޮޅަށް ގިނަ ބަޔަކު ދިޔައީ އަޑު އުފުލަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ، އޭރު ސަރުކާރުން ކުރި މަސައްކަތަށް އެއްބާރުލުން ލިބުނު ނަމަ، ކުޅުދުއްފުށީގައި މިހާރު ވެސް އެއާޕޯޓު ހެދިފައި އޮންނާނެ ކަމަށެވެ.
"އެކަމަކު އެ އެއްބާރުލުން އޭރުގެ ކައުންސިލުން ނުލިބުނު. އެހެން ނަމަވެސް މިހާރު ކުޅުދުއްފުށީ ކައުންސިލުން ގަބޫލުކުރޭ އަޅުގަނޑުމެން ހަދާގޮތަކަށް އެއާޕޯޓު ހަދަން ދޫކޮށްލަން ޖެހޭކަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ހދ. ކުޅުފުއްފުށީގެ އިތުރުން ށ. ފުނަދޫގައި ވެސް އެއާޕޯޓު އަޅާނެ ކަމަށެވެ. މި ދެ މަޝްރޫއު ހިންގުމުގެ ޕްލޭނަށް އިޝަރާތް ކުރައްވައި ރައީސް ސިފަކުރެއްވީ "އެއީ މިހާރު ނިމިފައި އޮތް ކަމެއް" ކަމަށެވެ.
ކޮންމެ އެއާޕޯޓަކަށް ގާތްގަނޑަކަށް 14 މިލިޔަން ޑޮލަރު ޚަރަދުވާކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ ރާއްޖެއާއި ބޭރުގެ ފަރާތްތަކުން ސީއެސްއާރުގެ އެހީތެރިކަން ހޯދައި، ނުވަތަ ރިސޯޓު ހެދުމަށް ރަށް ދީގެން ނަމަވެސް އެއާޕޯޓު އެޅުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
"ލައްކަ އިންތިޒާރު ކުރެވިއްޖެ. ނަމަވެސް މިކަންކަން އަދިވެސް ފުރިހަމަ ނުވެ ދާތީއާ އެކު އަޅުގަނޑުމެން ނިންމާފައި މިވަނީ، އަންނަ އަހަރު ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް ފަށާނަން، ހަމަ އެއާ އެކު ކުޅުދުއްފުށީ އެއާޕޯޓުގެ ޚިދުމަތް ވެސް ދޭން ފަށާނެ،" ރައީސް ވިދާޅުވިއެވެ.
ކުޅުދުއްފުށީގައި އެއާޕޯޓު އަޅާނެ ކަމުގެ ޔަގީންކަން ރައީސް ޔާމީން މިއަދު ދެއްވި އިރު، ކުޅުދުއްފުއްޓާ 18 ކިލޯމީޓަރު ދުރުގައި އޮންނަ ހދ. ހަނިމާދޫގައި އެއާޕޯޓެއް އޮވެއެވެ.
ރައީސް ވިދާޅުވީ، ހަނިމާދޫއާއި އެތަނުގެ އެއާޕޯޓަކީ މުހިންމު އަދި ބޭނުންތެރި ތަންތަން ކަމަށާއި، އެހެން ނަމަވެސް ހަނިމާދޫން ކުޅުދުއްފުއްޓަށް ކުރަންޖެހޭ ދަތުރާ މެދު ވިސްނާލަންޖެހޭ ކަމަށެވެ.
"ހަނިމާދޫން ކުޅުދުއްފުއްޓަށް ގަދައިގައި ދާއިރު ކުރާ ދަތުރުގެ ވޭނާ މެދު ވިސްނާލަންޖެހޭ،
"ކުޅުދުއްފުށްޓަކީ އުތުރުގެ އެންމެ އާބާދީ ބޮޑު ރަށަށް ވެފައި، ސިނާއީ މަސައްކަތް ކުރެވޭނެ މަރުކަޒީ ހަބަކަށް ވާނެ ރަށެއް. އެހެންވެ ކުޅުދުއްފުއްޓަށް އަޅުގަނޑުމެން މިކަން ކޮށްދެނީ،" ރައީސް ވިދާޅުވިއެވެ.